އަޅުގަނޑަކީ އަމިއްލް ކުންފުންޏެއްގެ އާދައިގެ ވަޒީފާއެއް އަދާކުރަމުން އައި މީހަކީމެވެ. ކައިވެނިކޯށްގެން ދިރިއުޅެނީ އަނބިމީހާގެ ގޭގައެވެ. ލިބޭ ފައިސާކޮޅު މަދުނަމަވެސް ލިބޭ ހުރިހާ ފައިށާއެއް ދެނީ އަނބިމީހާގެ އަތަށެވެ. އަމިއްލަ ކަމަކަށް ބޭނުންވިއަސް ހޯދަނީ އަނބިމީހާ ގާތު ބުނެގެން އޭނާއަށް ދެވެން އޮންނަ ފަހަރަކު އެވެ.
ކައިވެނީގެ ދެވަނަ އަހަރު ނިމެން ގާތްވެފައިވަނިކޮށް މަސައްކަތް ނިމިގެން އެއްރޭ ގެއަށް އައިސް ކޮޓަރިއަށް ވަންއިރު އަނބިމީހާ އާއި އަޅުގަނޑުގެ ބޮސް ތިބީ އެނދުގައެވެ. ޖެހިލުމެއް ނެތްވަރުން ނުވަތަ ހަނދާންނެތިގެން ތަޅުނުލެވިހުރީއެވެ.
ބުނާނެ އެއްޗެއް ނުވިސްނިފައި ހުއްޓާ އަނބިމީހާ ބުނެފިއެވެ. "ކަލެއާ ކައިވެނިކޮށްގެން ވަރަށް ދަތިޙާލުގައި ދިރިއުޅެފީމެވެ. އިތުރަށް އެކަން ކުރިއަށް ގެންދެވޭކަށް ނެތެވެ. އުފަލުގައި އުޅެވޭވަރަށް ޚަރަދުކުރާނެ ފައިސާ ނުދެވޭނަމަ ފިރިއެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއީ އަހަރެންގެ ގެއެވެ. ޞުލްޙައިގައި ރީތިކޮށް ވަރިކޮށްލާފައި ނުކުމެގެންދާށެވެ."
އަނބިމީހާ ބުނިގޮތަށް ކަންތައް ދިނުން ގޮތެއް ނެތުމުން އެދުނު ގޮތަށް ކަންތައްކޮށްދިނީމެވެ. އެންމެ ދެރަވީ އެއްވެސް އަނެއް ދުވަހު ވަޒީފާވެސް ގެއްލުމުންނެވެ. އެމަހު ލިބުނު މުސާރަ އެކުގައި ވަނީ އަނބިމީހާގެ އަތުގައެވެ. ކާނެ ފައިސާއެއްވެސް ނެތެވެ.
ގެއިން ނުކުންނަން ޖެހުނު ރޭ ބޯހިޔާވަހިކަން ފޯރުކޮށްދިން އެކުވެރިޔާގެ ގެއަށް ގޮސް ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. އެކުވެރިޔާ ބުންޏެވެ. "މިހާރުވެސް ކަލޭ ތިއަހުރީ ވަޒީފާއެއްގައެވެ. ވަޒީފާއަކީ ކޮންމެ ވަގުތަކު ނަމާދުކުރުމާއި ޛިކުރުކޮށް ދުޢާކުރުމާއި ވަގުތުވާވަރަކުން ވަޒީފާއެއް ހޯދަން މަސައްކަތްކުރުމެވެ. މުސާރައަކަށް މިގެއިން ކއަިންބުއިމުގެ ކަންކަން ހަމަޖެހޭނެއެވެ. އަދި މިހާރުވެސް ތިއަހުރި ކޮޓަރީގައި ހުރެވޭނެއެވެ. ވަޒީފާއެއް ލިބެންދެން ސައިފޮދު ބޮއިހަދައިލާނެ ޕޮކެޓްމަނީ ވެސް ލިބޭނެއެވެ."
އެކުވެރިޔާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. އަދި ޕޮކެޓްމަނީ ނުދިންނަވެސް އެންމެ ރަނގަޅު ކަމަށް ބުނީމެވެ.
އެއް ރޭ ޢިޝާނަމާދު ނިމިގެން ކިޔަވާލަން އިންދާ މީހަކު އައިސް ގާތުގައި އިށީނދެފައި އަޅުގަނޑާއިބެހޭ ގޮތުން ސުވާލުތައް ކުރުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބުނީ ސުވާލުތައް މިކުރީ މިސްކިތުން ފެންނަލެއް ގިނަކަމުން ކަމަށާއި ވަޒީފާއެއް ބޭނުންނަމަ މާދަމާ އޮފީހަށް ގޮސް އޭނާ އާއި ބައްދަލުކުރުމަށެވެ.
އަނެއްދުވަހު ހަމަ ހެނދުނުހެނދުނާ ގޮސް ބައްދަލުކުރުމުން ވަޒީފާއެއް ދިނެވެ. އޭނާގެ ކުންފުނީގެ ހިސާބުތައް ބަލަހައްޓާ ސެކްޝަނުންނެވެ. މުސާރަވެސް ކުރިއަށްވުރެ ރަނގަޅެވެ. އެކުވެރިޔާ ގާތު އެވާހަކަ ބުނުމުން ބުންޏެވެ. "ކަލެއަކީ އަހަރެން ދަންނަން ފެށީންސުރެ ނަމާދުކޮށް ރަނގަޅަށް އުޅޭ މީހެކެވެ. ދަތިޙާލުގައި ޖެހުނު ދުވަހުވެސް ޙަޤީޤަތުގައި އަހަރެން ސަމާސާ މިޒާޖުގައި އެބުނި ބަހަކީ ނަމާދުކޮށް ދުޢާކުރަމުން ގެންދާށެވެ. ހުރުމާއި ކެއުންބުއިން އަހަރެން ހަމަޖައްސައިދޭނަމެވެ. ވީމާ ދެން މިގެއިން ނުކުންނަންވާނީ ދިރިއުޅެވޭނެ މަގެއް ފެނުމުންނެވެ."
ވަޒީފާގައި 2 އަހަރުވީތަނާ އަޅުގަނޑު މަސައްކަތްކުރާ ސެކްޝަނުގެ އިސްމީހަކަށް އަޅުގަނޑު ހަމަޖައްސައިފިއެވެ. ދިރިއުޅޭނެ ފްލެޓެއްވެސް ހޯދައިދީފިއެވެ. އެދްވާންސް ދައްކައިދިނީ އެހީއެއްގެ ގޮތުގައި ކުންފުނިންނެވެ. އަޅުގަނޑަށް ދައްކަންޖެހެނީ މަހުން މަހަށް ދައްކަންޖެހޭ ފައިސާއެވެ. އެހިސާބުން ދިރިއުޅުން ފްލެޓަށް ބަދަލުކުރީމެވެ. އެކުވެރިޔާގެވެސް ރުހުމާއިއެކުގައެވެ.
ފްލެޓްގައި އުޅެންފެށިތަނާހެން ޖެހިގެން ހުރި ފްލެޓްގައި އުޅޭ އަންހެނަކު އަޅުގަނޑަށް ސަމާލުކަންދޭން ފަށައިފިއެވެ. އޭނާއަކީ ދަރިއަކު ގޮވައިގެން އެކަނި ދިރިއުޅޭ އަންހެނެކެވެ. ބައެއްފަހަރު އަޅުގަނޑުގެ ފްލެޓަށް އައިސް ކައްކައިދީ ދެމީހުން އެކުގައި އުޅެންފަށައިފިއެވެ. އެއްޗެތި ދޮވއިސްތިރިކޮށްދޭން ފަށައިފިއެވެ. އެގުޅުން ލޯތްބަށް ބަދަލުވެ ދެމީހުން ކައިވެނިކުރީއެވެ.
ކައިވެނިކޮށްގެން އެކުގައި ދިރިއުޅެމުން ދަނިކޮށް އެއްރެއަކު ކައިނިމިގެން ސިޓިންރޫމްގައި ތިއްބައި ބެލްޖެހުމުން ދޮރުހުޅުވިއިރު ކުރީގެ އަނބިމީހާ އެވެ. ކުރިން އޭނާގެ ކިބައިގައި ރީތިކަންވަނީ ގެއްލިފައެވެ. ހުރީ ވަރަށް ހިކި އަނަރޫފަވެފައެވެ. ކަމޭހިތީމެވެ. އަނބިމީހާއަށް އޭނާ ތަޢާރަފްވެސްކޮށްދިނީމެވެ. އިރުކޮޅަކު އިނދެލާފައި ހިނގައްޖެއެވެ.
އަނެއް ދުވަހު ފޮނުވީ ދިގު މެސެޖެކެވެ. ލިޔެފައިވަނީ އޭނާއަށް ކަންކަން ދިމާވިގޮތެވެ. ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކައެވެ. މިހާރު އުޅެނީ ވަރަށް ބަލިޙާލުގައި ކަމަށެވެ. އެދުވަހު ކުށެއް ކުރެވުނު ނަމަވެސް ތައުބާވެއްޖައިން ކަމަށާއި އަދިވެސް ލޯބިވަނީ އަޅުގަނޑުދެކެ ކަމަށެވެ. މައިން ބަފައިންގެ ގޭގައި އުޅެވުނު ނަމަވެސް އަތްމަތި ވަރަށް ދަތިކަމަށެވެ. އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބޭކަމަށެވެ. ކުރިން އެހީވި މީހުންވެސް ބަލިވުމުން ގުޅުން ކަނޑާލައިފިކަމަށެވެ. އަލުން ކައިވެނިކުރަން ވަރަށް ބޮޑަށް ބޭނުންވާ ވާހަކައެވެ.
ޖަވާބުގައި މެސެޖެއް ފޮނުވީމެވެ. "ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތެވެ. އަހަރެންވެސް ކަލެއާއި ކައިވެނިކުރީ ވަރަށް ލޯބިންނެވެ. އަދިވެސް ލޯބިވަމެވެ. ނަމަވެސް އެލޯބިވާތީ އަހަރެންނާއި މިހާރު ކައިވެނިކޮށްގެން ހުރި އަނބިމީހާގެ އެއްވެސް ކުށެއް ނެތި ވަރިކުރާކަށް ނެތީމެވެ. އަހަރެންނަށް އަނިޔާވެރިވެފައި ކަލެއަށް އުފަލެއް ނުލިބުނު ފަދައިން އަނބިމީހާއަށް އަނިޔާވެރިވެއްޖެނަމަ އަހަރެންނަކަށްވެސް އުފަލެއް ނުލިބޭނެއެވެ. އިންސާނުން ދުނިޔޭގައި އުޅެން އޮތީ ﷲ އެންގެވި ގޮތަށް ކަމަށާއި އަނބިމީހާއަކީ ވަރަށް ތަޤްވާވެރި ހެޔޮލަފާ އަންބެއް ކަމަށެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ޒުވާންކަމާއި ރީތިކަން ހުންނައިރު ފައިސާ ޚަރަދުކުރާނެ މީހުންވާނެއެވެ. ނަމަވެސް ބލިހާލެއްގައި އުޅެންޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެމީހުން ފިލާނެއެވެ. އެއީ އަބަދުވެސް އެކަންކަން މެދުވެރިވަމުން އަންނަ ގޮތެވެ. ވީމާ ބައިވެރިޔާއަށް ލިބޭ މިންވަރުން ޚަރަދުކުރަނިކޮށް މަދުވެގެން އެއްލައިލާ ކޮންމެމީހަކަށްހެން ލަހުން ނަމަވެސް އަވަހަށް ނަމަވެސް ހިތި ތަޖުރިބާތައް ކުރަން ޖެހެތަންވެސް މިދަނީ ފެންނަމުންނެވެ.
- އިދްރީސް / މިއަދުނޫހުގެ ކިޔުންތެރިއެއް