ފުލުފުލުގަ 2 ކައިވެނި ރޫޅުނު އަންހެނަކަށް ބޮޑުދައިތަދިން ނަޞޭޙަތްވީ ކައިވެނި ދަމަހައްޓަން މުޖައްރިބް ފަންޑިތައަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ފުލުފުލުގަ 2 ކައިވެނި ރޫޅުނު އަންހެނަކަށް ބޮޑުދައިތަދިން ނަޞޭޙަތްވީ ކައިވެނި ދަމަހައްޓަން މުޖައްރިބް ފަންޑިތައަކަށް!

އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅެން މެދުވެރިވި ސަބަބަކީ ވަޒީފާގައި ގިނައިރު އުޅެންޖެހުމުން ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. ގެއަށް ދެވުމާއިއެކު ފެންވަރާލައިގެން އޮށޯވެލާތަނުން ނިދޭކަމެވެ. ނަމަވެސް ދެމީހުން މަސައްކަތްކޮށްގެން ނޫނީ ކުލި ނުދެއްކޭތީ އެގޮތަށް މަސައްކަތްކުރަން މަޖުބޫރުވަނީއެވެ. 

ފިރިމީހާ ފޫހިވި ދުވަހު އެކަންކަން ހަނދާނެއް ނެތެވެ. ފާހަގަކުރީ އަޅުގަނޑުގެ ފަރުވާކުޑަކަމެވެ. 

ކޮންމެއަކަސް ދެވަނަ ކައިވެނިކުރުމުން ވަޒީފާއަށް ދާކަށް ނުޖައްސައެވެ. އެހެންވެ އަބަދުހެން ހުރީ ފިރިމީހާގެ ޚިދުމަތުގައެވެ. އެހެނަސް ކަމަކު ނުދިއައެވެ. ކައްކާ އެއްޗެތީގެ ރަހަ އޭނާ ބޭނުންވާވަރަށް މީރުނުވުމާއި ކުއްލިއަކަށް ބުނާއިރަށް ބޭރަށްދާން ވަގުތުން ތައްޔާރުނުވެވުން ފަދަ މައްސަލަތައް ދިއައީ ޖެހެމުންނެވެ. އެހެންވެ އަހަރެއްހައި ދުވަސްފަހުން ދެވަނަ ކައިވެނިވެސް ރޫޅިއްޖެއެވެ. ތަފާތު 2 ތަޖުރިބާއެވެ. 

ތިންވަނަ ކައިވެނިކުރަން އުޅުމުގެ ކުރިން ކައިވެނި ދެމެހެއްޓޭނެ ފަންޑިތައެއް ދަސްކުރަން ބޭނުންވިއެވެ. އެހެންވެ އެކިމީހުންގެ ގާތުގައި ސުވާލުކޮށް ކަންކަން އޮޅުންފިލުވަމުން ގެންދިއައިމެވެ. އެގޮތުން ބޮޑުދައިތަ އާއި މަޝްވަރާކޮށްލުމުން ބުނީ ކައިވެނިކުރުމުގެކުރިން ފިރިމީހާ ލައްވައި އެއްބަސްކުރުވަން ޖެހޭ ކަމެއް އޮންނާނެ އެވެ. 

އެއީ ކެއްކުންވެސް ހިމެނޭ ގޮތަށް ގޭތެރޭގެ މަސައްކަތުގައި ފިރިމީހާވެސް ބައިވެރިވުމެވެ. އެއިރުން ގޭތެރޭގެ ކަމެއް ނުކުރެވިހުރެގެން، ކައްކާފައި ހުންނަ އެއްޗެއްގެ ރަހަ ނުބައިވެގެން ޝަކުވާއެއް ނުކުރެވޭނެއެވެ. ދެވަނަ ކަމަކަށް އެއްބަސްކުރުވަންވީ ޢާންމު ދިރިއުޅުމުގެ ކަންކަން ދުރާލައި ދެމީހުން މަޝްވަރާކޮށްގެން ކުރުމަށެވެ. މި ދެ ކަންތަކުގައި އެއްބާރުލުން ދޭން އެއްބަސްވާ ފިރިންނާއި މައްސަލަ ޖެހުން ވަރަށް މަދުވާނެކަމަށެވެ.   

ކޮންމެއަކަސް 3 ވަނަ ކައިވެނިކުރީ ބޮޑުދައިތަ ދިން ނަޞޭޙަތްތައް ޤަބޫލުކޮށް ލޯބިވެރިޔާ އެކަންކަމަށް އެއްބަސްވުމުންނެވެ. ދަންނަވަންތޯއެވެ! ބޮޑުދައިތަ ދިނީ ސަތޭކައިން ސައްތަ ފައިދާކުރި ނަޞޭޙަތެކެވެ. އެ ނަޞޭޙަތަށް ޢަމަލުކުރުމުން ހަމައެކަނި މައްސަލަޖެހުން މަދުވީއެއް ނޫނެވެ. ދެމީހުންގެ މެދުގައި ލޯބިވެސް އިތުރުވެއެވެ. 

ނަތީޖާއަކީ ކުރީ ދެކައިވެނި އަހަރަކުން އަހަރަކުން ރޫޅުނު ނަމަވެސް 3 ވަނަ ކައިވެނީގައި މިހާރު 15 އަހަރުވެފައިވުމެވެ. އެންމެ ފުރަތަމަ ދުވަހާއި އެއްގޮތަށް ބަދަހިކަމާއިއެކު ކުރިއަށްދާކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުގެ ތަޖުރިބާ ޙިއްޞާ މިކުރީ އަޅުގަނޑަށް މުޖައްރިބް ފަންޑިތައަކަށްވި ބޮޑުދައިތަގެ ނަޞޭޙަތުން ކިޔުންތެރިންނަށް ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ. 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން