ޙަޤީޤީ ޙާދިސާ: ހަގު އަނބި ވައްދަން ދޮށީ އަނބި ވަރިކޮށްލައި ދަރިފުޅާއެކު ނެރެލި ފިރިމީހާ ދަރައިވިކުމުން ގެ ގަނެގެން ހަމަ އެގެއަށް އަނބިމީހާއާ ދަރިފުޅަށް ވަދެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ޙަޤީޤީ ޙާދިސާ: ހަގު އަނބި ވައްދަން ދޮށީ އަނބި ވަރިކޮށްލައި ދަރިފުޅާއެކު ނެރެލި ފިރިމީހާ ދަރައިވިކުމުން ގެ ގަނެގެން ހަމަ އެގެއަށް އަނބިމީހާއާ ދަރިފުޅަށް ވަދެވުނު ގޮތުގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް 2 ވަނަ އަހަރު ދަރިއަކު ލިބުނެވެ. ދަރިފުޅު ލިބުމާއިއެކުހެން އަޅުގަނޑު ވަރިކޮށްލިއެވެ. ކުށެއް ނުދައްކައެވެ. ބުނިހާވެސް އެއްޗަކީ އަޅުގަނޑުދެކެ ވަރަށް ފޫހިވެއްޖެކަމަށާއި ދެން އިތުރަށް އެކުގައި އުޅެން ބޭނުން ނޫން ކަމަށެވެ. 

ރަށަށް ދެވޭނެ ގޮތެއް މެދުވެރިވަންދެން ބައިންދާލަދިނުމަށް އެދުނީމެވެ. ނޫންނަމަ ރަށަށް ފޮނުވާލަދިނުމަށްވެސް އެދުނީމެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް ނުއެހިއެވެ. ވަގުތުން ގެއިން ބޭރުކޮށްލީއެވެ. ފަހުން އެނގުނު ގޮތުގައި ފިރިމީހާގެ ދެވަނަ އަންތބަކު އިނދެއެވެ. އޭނާ ބައިންދާފައި އިނީ މެލޭސިޔާގައެވެ. ކުއްލިއަކަށް އެދުވަހު މާލެ އަންނަން ހަމަޖެހުމުން އަވަސްއަވަހަށް އަޅުގަނޑު ވަރިކޮށްލާފައި ގެއިން ނެރެލީއެވެ. 

މަގުމައްޗަށް އެއްލައިލިއިރު އަތަށް އެންމެ ރުފިޔާއެއްވެސް ނުދެއެވެ. އެހެންވެ ނުކުންނަން ޖެހުނީ ހުސްއަތާއެވެ. ފަހަރެއްގައި ހަނދާން ނެތީ ކަމަށްވެސްވެދާނެއެވެ. އަޅުގަނޑަށްވެސް އެކަން ހަނދާންވީ އެތައް އިރެއް ފަހުންނެވެ. އެހިސާބުން ހިތަށް އެރީ ސަލާންޖަހަންވެސް ދެން އެގެއަކަށް ނުވަންނާނަމެވެ. ﷲ ރިޒުޤް ދެއްވަވާނެއެވެ. 

އެއިރު އަޅުގަނޑުގެ އުމުރަކީ 22 އަހަރެވެ. ޢުމުރުން ޒުވާނެވެ. ނަމަވެސް ވަންނާނެ ގެއެއް ނެތެވެ. އަޅުގަނޑު ނިޞްބަތްވަނީ ރާއްޖެތެރެއަށެވެ. މާލޭގައި މިއުޅުނުއިރުވެސް އަޅުގަނޑަކީ ގެއިން ބޭރަށް ގޮސް އެކުވެރިން ހޯދައި އުޅުނު އަނހެނަކީމެއް ނޫނެވެ. އަބަދުހެން އިނީ ގޭގައެވެ. ފިރިމިހާގެ ޚިދުމަތުގައެވެ. ވީމާ އެހީތެރިކަމަށް އެދޭނެ އެއްވެސް ރައްޓެއްސަކުވެސް ނެތެވެ. 

ރަށަށްދެވެންދެންވެސް އިންނާނެ ގެއެއް ނެތުމުން އެއްއަތުން ދަރިފުޅު އުރާލައިގެން އަނެއް އަތުން ފޮށިދަމަމުން މަގުތަކުގައި ހިނގީމެވެ. ފެނިގެން ރަޙުމްކުރާނެ މީހަކުވޭތޯއެވެ. 

ޖަލާލުއްދީން މިސްކިތްކައިރިން ބައްދަލުވި ފިރިހެނަކު އަޅުގަނޑުމެން ދެމައިންނަށް ރަޙުމްކުރިއެވެ. އެމީހުންގެ ގެއަށް ގެންގޮސް ދެމައިންނަށް ތިބެވޭނެ ގޮތް ހަމަޖައްސައިދިނެވެ. އެއިރު އެގޭގައި ނޯކިރީކުރަން ގުޅުނު މީހާ ޗުއްޓިގައި ގޮސްވުމުން ގޭތެރޭގެ ކަންކަން ކޮށްލައިދޭނަމަ މުސާރަދޭނެ ކަމަށްވެސް ބުންޏެވެ. 

އެހިސާބުން ކުރިގެ ދިރިއުޅުން ހަނދާން ނައްތައިލީމެވެ. ކައިވެނީގެ ޙަޔާތުގައި ދިރިއުޅުނީ ތަނަވަސް މީހެއްގެ އަންތބެއްގެ ގޮތުގައެވެ. މިއަދު މިޖެހުނީ ގެއެއްގައި ނޯކިރީކުރާށެވެ. އެހިސާބުން އެވަރުގެ ރަޙްމަތެއްވެސް ލެއްވެވިކަމަށްޓަކައި ޝުކުރުކޮށް ޙަމްދުކުރީމެވެ. ވީހާ ރަނގަޅަކަށް މަސައްކަތްކުރަމުން ދިއައިމެވެ. 

ﷲ ގެ ރަޙްމަތްފުޅުން އެގޭގެ ދެމަފިރިންވީ ވަރަށް ތަޤްވާވެރި ދެމަފިރިންނަށެވެ. އެހެންވެ އަޅުގަނޑަށްދޭ މުސާރައިގެ އިތުރުން ދަރިފުޅުގެ ހުރިހާ ޚަރަދެއް ކޮށްދިނެވެ. ވީމާ މުސާރައިން މާބޮޑު ޚަރަދެއްވެސް ކުރާކަށް ނުޖެހެއެވެ. 

އެގޭގައި އެގޮތަށް އިންނަތާ 3 އަހަރުވީތަނާ އެގެއަށް އައިސް އުޅޭ އެދެމަފިރިންގެ ވަރަށް ގާތް އެކުވެރިއަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންވެގެން އެދެމެފަރިންނާއި ވާހަކަ ދެއްކިއެވެ. ދެމަފިރިން އެކުގައި ތިބެ އަޅުގަނޑު ގާތު އެވާހަކަ ދައްކައި އެއީ ހެޔޮލަފާ މީހެއްކަމަށް ބުނުމުން އެއްބަސްވީމެވެ. ކައިވެނީގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެނބުރި އައިސް އެގެއަށް ވަދެވޭނެކަމަށްވެސް ބުންޏެވެ. 

ކޮންމެއަކަސް ކައިވެނިކޮށްގެން އޭނާގެ ގެއަށް އަޅުގަނޑުމެން ގެންގޮސްފިއެވެ. އެކައިވެނީގައި މިހާރު 13 އަހަރުވީއެވެ. 3 ދަރިންވެސް ލިބިއްޖެއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ފުރަތަމަ ފިރިމީހާ އެގޮތަށް ކަންތައް ކުރުމުން 3 އަހަރު ދުވަހު ނިކަމެތި ޙާލުގައި އުޅެންޖެހުނު ނަމަވެސް ދެވަނަ ފިރިމީހާއަކީ ފުރަތަމަ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުން ރަނގަޅު މީހެކެވެ. އަލަތު ކައިވެނިކޮށްގެން އެކުގައި އުޅުނު ލިބުނުވަރަށްވުރެ މާބޮޑަށް ހިތްހަމަޖެހުން ލިބުނު ކަމަށެވެ. 

ފުރަތަމަ ކައިވެނީގެ ކުރީކޮޅުވެސް ފިރިމީހާ ހެނދުނު ތެދުވެގެންދާ ގޮތަށް ދެން ަބއްދަލުވާނީ ޜޭގަނޑު ދަންވަރުއެވެ. ދުވަސްތައް ފާއިތުވަމުން ދިއައީ ދެމީހުންގެ މެދުގައި މާބޮޑު ގުޅުމެއް ނެތިއެވެ. ނަމަވެސް ދެން ލިބުނު ފިރިމީހާ މުޅިން ތަފާތެވެ. ވަޒީފާގެ ވަގުތުތަކުގައި ނޫންނަމަ އުޅެނީ ގޭގައެވެ. ކަމެއް ދިމާވެގެން ނާދެވި ލަސްވާނަމަވެސް ގުޅައި ޙާލުބަލާނެއެވެ. އަދި ބަލިވެ ކަމެއްވީނަމަވެސް ފުރިހަމައަށް އަލައިލައެވެ. އެކަނި ޑޮކްޓަރަށް ދާކަށް ނުޖެހެއެވެ. ނަމަވެސް ކުރިން ބަލިވިޔަސް އަބަދުހެން ޑޮކްޓަރަށް ދާންޖެހުނީ އެކަންޏެވެ. ދަރިފުޅަށް ބަލިވެއިނދެގެންވެސް އުޅެންޖެހުނީ ހަމަ އެފަދަ ޙާލެއްގައެވެ.

ދެން މިބުނަނީ އެންމެ މުހިންމު ވާހަކައެވެ. މީގެ 2 އަހަރުކުރިން ބޭންކަށް ފައިށާ ނުދެއްކިގެން ނީލަންކިޔަން އުޅުނު ގެއެއް ފިރިމީހާ ގަތެވެ. ގަނެގެން ދިރިއުޅުން އެގެއަށް ބަދަލުކުރީއެވެ. ވަށާބުރު ޖަހާފައިވެސް ގޮސް ވަދެވިފައި މިހުރީ އެދުވަހު ރޮއިރޮއި އިންދާ ކޮއްޕާނެރެ ބޭރުކޮށްލެވުނު ކުރީގެ ފިރިމީހާގެ ގެއަށެވެ. އަޅުގަނޑަށް ތަފާތުވީ ފިރިމީހާއެވެ. ގެއަކީ ހަމަ އެއްގެއެވެ. ބަދަލުވީ އަނިޔާވެރި ފިރިއަކުން އޯގާތެރި ފިރިއަކަށެވެ. ރަޙުމެއް ނެތް މަކަރުވެރި ފިރިއަކުން ރަޙުމްކުރާ ވަފާތެރިފިރިއަކަށެވެ.

 

- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން