ދެވަނަ ކައިވެނިކުރަން ޖެހުމުން ބޭރުފުށުގެ ސިފައަށް ނުބަލައި ދަރިފުޅުދެކެ ލޯބިވާވަރަށް ބަލައިގެން ކައިވެނިކުރުމުން ހުރިހާ އުފާތަކެއް ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ދެވަނަ ކައިވެނިކުރަން ޖެހުމުން ބޭރުފުށުގެ ސިފައަށް ނުބަލައި ދަރިފުޅުދެކެ ލޯބިވާވަރަށް ބަލައިގެން ކައިވެނިކުރުމުން ހުރިހާ އުފާތަކެއް ލިބުނު އަންހެނެއްގެ ވާހަކަ-

ފުރަތަމަ ފަހަރަށް އަޅުގަނޑު ބަލިވެއިނީ ކައިވެންޏަށް 4 އަހަރުގައެވެ. އެކަން އެނގުމާއިއެކު ފިރިމީހާ ބުނީ ދަރިއަކު ހޯދަން އަދިމާއަވަސް ކަމަށާއި ދަރިފުޅު ވައްތާލުމަށެވެ. ނަމަވެސް އެއީ އަޅުގަނޑު ކުރަން ބޭނުންވި ބޭނުބްވި ކަމެއް ނޫނެވެ. މިބުނަނީ ދަރިފުޅު ވައްތާލަން ބޭނުން ނުވި ކަމަށެވެ. 

ފިރިމީހާ އެކަމަށް ބާރުއަޅަމުން ދިއަ ބޮޑުކަމުން ފިރިމީހާ އާއިމެދު ޝައްކުތަކެއް އުފެދުނެވެ. ކަމުގެ ޙަޤީޤަތް ހޯދަން ކުރިމަސައްކަތުން އެނގުނީ އޭނާ ލޯބިވެރިއަކު ގެންގުޅޭކަމާއި ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމެވެ. އަޅުގަނޑަށް ރަނގަޅު މުސާރައެއް ލިބޭތީ އެފައިސާގެ ބޭނުމުގައި ވަރިނުކުރަން ހުންނަނީ ކަމެވެ.  

ފިރިމީހާ ހުށަހެޅީ ދެގޮތެކެވެ. ފުރަތަމަ ކަމަކީ ދަރިފުޅު ވައްޓައިލުމެވެ. ދެވަނަ ގޮތަކީ ކައިވެނި ރޫޅައިލުމެވެ. މާނައަކީ ވަރިވުމެވެ. އަޅުގަނޑު އިޚްތިޔާރުކުރީ ވަރިވާށެވެ. ވަރިވެގެން މައިންބަފައިންގެ ގާތަށް ދިއައީއެވެ.

ދަރިފުޅު ލިބުމުން ދަރިފުޅުގެ މާމަ އާއި ކާފަ ދަރިފުޅުދެކެ ވަރަށް ލޯބިވިއެވެ. އެމީހުން ދަރިފުޅު ބަލައިދިނެވެ. ވަޒީފާގައި ހޭދަކުރާ ވަގުތުތައް ނޫން ހުރިހާ ވަގުތެއް އަޅުގަނޑުވެސް ހޭދަކުރީ ދަރިފުޅަށް ލޯބިދޭން ދަރިފުޅާއިއެކުގައެވެ. އެހެންކަމާއިއެކުވެސް ދަރިފުޅު ބޮޑުވަމުން އައިވަރަކަށް ބައްޕަ ދެއްކުމަށް އައީ އެދެމުންނެވެ.

އަޅުގަނޑާއި ކައިވެނިކުރަން އެކި ފަންތީގެ މީހުން އެދުނެވެ. ނަމަވެސް އަޅުގަނޑު ހުރީ ކައިވެނިކުރުންމަތިން ވަރަށް ބޮޑަށް ފޫހިވެފައެވެ. އެހެންވެ އެއްވެސް މީހަކާއި ނުގުޅި ހުއްޓާ ބައްދަލުވި ފިރިހެނަކު ގެއަށް އަންނަން ފެށިއެވެ. ދަރިފުޅަށް ލޯބިދޭން ފެށިއެވެ.

އެގޮތަށް އަހަރެއްހައި ދުވަހު އުޅެފައި އަޅުގަނޑުގެ ކައިވެންޏަށް އެދިއްޖެއެވެ. ދަރިފުޅަށްޓަކައި އޭނާ އާއި ކައިވެނިކުރަން އެއްބަސްވުމުން ބުނީ ކަލެއާއި ކައިވެނިކުރި ނަމަވެސް އަހަރެން ލޯބިވަނީ އެހެން އަންހެނަކު ދެކެ ކަމަށެވެ. އެހެން ބުނުމުން ސިއްސައިގެން ގޮސްފައި އެއީ އަނެއްކާ ކޮން އަންހެނަކުތޯ އާއި އެހެން އަންހެނަކު ދެކެ ލޯބިވާއިރު އަހަރެންނާއި ކައިވެނިކުރަނީ ކީއްކުރަންތޯ ސުވާލުކުރީމެވެ. އޭނާގެ ޖަވާބަކީ ކަލެއާއި ކައިވެނި މިކުރަނީ އެއަންހެން މީހާ ދެކެ ލޯބިވާތީ އެއަންހެންމީހާގެ އުފަލަށްޓަކައި ކަމަށެވެ. އަދި އެ އަންހެނަކީ އަޅުގަނޑުގެ ދަރިފުޅު ކަމަށެވެ. އުފަލުންގޮސް ރޮވުނެވެ. އޭނާގެ ކޮނޑުގައި ބޯބާއްވާލައިގެން އޮވެ އެތައް އިރަކު ރުއީމެވެ.

ކައިވެންޏަށްފަހުގައި އޭނާ އަޅުގަނޑުގެ ދަރިފުޅު ދެކެ މާބޮޑަށް ލޯބިވާންފެށިއެވެ. އަމިއްލަ ދަރިއަކު ފަދައިން ލޯބިދީގެން ގެންގުޅެން ފެށިއެވެ. ދެވަނަ ކައިވެންޏަށް މިހާރު 10 އަހަރުވުން ފާހަގަކޮށްފީމެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ.

މިވާހަކައަކީ މިފަދަ ޙާލެއްގައި ދެވަނަ ކައިވެންޏެއް ނުކުރަން ނިންމައިގެން އަޅުގަނޑުވެސް ހުރި ދުވަސްވަރު އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. ދެވަނަ ކައިވެންޏެއް ކުރަން އެންމެ ބޮޑަށް ހިތްވަރު ލިބުނު އެއް ސަބަބުކަމަށްވީ މިވާހަކައެވެ.

އަޅުގަނޑަށްވެސް މެދުވެރިވީ ހަމަ އެފަދަ ގޮތެކެވެ. އިތުރު ކައިވެންޏެއް ނުކުރަން ނިންމައިގެން ހުރިހުރުން ބަދަލުކޮށްލުވީ ބޭބެގެ ރައްޓެހި ކަމުގައި ގެއަށް އައިސް އުޅުނު މީހަކު ދަރިފުޅަށް ދިން ލޯތްބެވެ. އަޅުގަނޑު އޭނާ އާއި ކައިވެނިކުރީ އެއްވެސް ޙާލެއްގައި އޭނާގެ ބޭރުފުށުގެ ސިފައަށް ބަލައިގެނެއް ނޫނެވެ. އޭނާގެ ހިތަށާއި ޢަމަލުތަކަށް ބަލައިގެންނެވެ.

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ވަކި ކަމެއް ވަކި ގޮތަކަށް ބުނާކަށް ނެތީމެވެ. ހަމައެކަނި ބުނެލަން ބޭނުމީ ވިސްނައިލާށެވެ! އަމިއްލަ އުފަލަށްވުރެ ދަރިންގެ އުފަލަށް ވިސްނައި ދަރިން ދެކެ ލޯބިވާ ފިރިއަކު ލިބުމަކީ ހުރިހާ މައްސަލަތަކެއްގެވެސް ޙައްލެވެ. ބައްޕަ ދޮންވުމަކުން ކަޅުވުމަކުން ދަރިންނަށް ތަފާތެއް ނެތެވެ. ދަރިންނަށް ބޭނުންވާނީ ލޯތްބާއި އަޅައިލުން ދޭނެ ބައްޕައެކެވެ.

 

- ޙަފީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން