ޙަޤީޤީ ޙާދިސާ: ޚަރަދުކުރާނެ ވަރަކަށް ޚަރަދުކުރަން ކްރެޑިޓްކާޑެއް ލިބުމުން އުފަލުން ނެށި އަންހެނަކު ނަޙަލާލަށް ބަލިވެއިނީމާ ކުރި ޓެސްޓުން އެނގުނީ އެއިޑްސްބަލިވެސް ޖެހިފަހުރިކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ޙަޤީޤީ ޙާދިސާ: ޚަރަދުކުރާނެ ވަރަކަށް ޚަރަދުކުރަން ކްރެޑިޓްކާޑެއް ލިބުމުން އުފަލުން ނެށި އަންހެނަކު ނަޙަލާލަށް ބަލިވެއިނީމާ ކުރި ޓެސްޓުން އެނގުނީ އެއިޑްސްބަލިވެސް ޖެހިފަހުރިކަން!

ނީޝް އަކީ އަޚްލާޤް ރަނގަޅު މަސައްކަތްތެރިކުއްޖެކެވެ. ވަޒީފާއަދާކުރަނީ ހޮޓަލެއްގެ ގެސްޓް ރިލޭޝަންސް އޮފިސަރެއްގެ މަޤާމުގައެވެ. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރިނަމަވެސް ދުވަހަކުވެސް އިންތަކުން ބޭރެއް ނުވެއެވެ. ވަޒީފާ އަދާކުރަނީ ޒިންމާދާރުކަމާއެކުގައެވެ.  

އެއްދުވަހަކު ހޮޓަލަށް ބުކިންގސް ހަދައިގެން އައި މެހްމާނަކާއެކު ނީޝްގެ ގާތަ އެކުވެރި އަންހެންކުއްޖަކު ނީޝް އަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. އެމީހާއަކީ އެކުވެރިޔާއަށްވުރެ އެތައް އަހަރެއް ދޮށިވެސް މީހެކެވެ. ވީމާ މިއުޅެނީ ލޯބީގެ ގުޅުމެއް ނޫން ކަމަށް ވިސްނުމުންނެވެ.  

ކޮޓަރި ދައްކަން ދިއައީ ނީޝްއެވެ. ނީޝްގެ ކުރިމަތީގައި ދެމީހުން ބައެއް ކަންކަން ކުރިއެވެ. އެމީހާއަށް ނީޝް އާއި އޭނާގެނައި އަންހެންކުއްޖާގެ މެދުގައި އޮތް ގުޅުން ނުއެނގިފައި އެކަން ހުއްޓުވުމުގެ ބާރު އެކުވެރިޔާއަށް ނެތުމުންކަމަށްވެދާނެއެވެ. 

ނީޝް އެއްވެސް އެއްޗެއް ނުބުނެއެވެ. ވާޖިބު އަދާކޮށްފައި ނުކުމެގެން އައީއެވެ. އިރުކޮޅަކުން އެކުވެރިޔާ ރިސިޕްޝަނަށް އައުމުން ދެމީހުން އެކަނިވެލާފައި ނީޝް ބުންޏެވެ. "ޒައިނާއެވެ. ތިއަހައި ދަށު ދަރަޖައަށް ތިއަ ވެއްޓުނީ ކީއްވެގެން ހެއްޔެވެ؟" ޖަވާބުގައި ޒައިނާ ކްރެޑިޓް ކާދެއް ދައްކާލާފައި ބުންޏެވެ. "ނީޝްމެންހެން ބުރަ މަސައްކަތްކޮށްގެން ލިބޭ މަދު ފައިސާކޮޅުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ އޭނާގެ ކްރެޑިޓް ކާޑު މިއޮތީއެވެ. މިދަނީ ޝޮޕިންގކޮށްލާށެވެ! ބޭނުންވަރަކަށް ފައިސާވެސް ނެގޭނެއެވެ." ބުނާނެ އެއްޗެއްވެސް ނުއެނގިފައި ނީޝް ހުރީއެވެ.  

ދުވަސްކޮޅެއް ފާއިތުވެ 4 މަސް ދުވަސްފަހެވެ. ނީޝް ހޮސްޕިޓަލަށް ދިއަ ދުވަހަކު ޒައިނާ އާއި ބައްދަލުވެގެން ޙާލު އަހައިލުމުން ފުރަތަމަވެސް ފެށީ ރޯށެވެ. "ނީޝްއެވެ. ނީޝް އާއި އެހެން އެކުވެރިންވެސް ދިން ނަޞޭޙަތް އެދުވަހު ޤަބޫލުނުކުރެވުނީއެވެ. މިއަދު މިވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. ނަމަވެސް ނީޝް ޙާލު އެހީތީ ބުނެލަނީއެވެ. އުޅެވުނު ގޮތުން ބަނޑަށް 2 މަހެވެ. ބަލިވެއިނދެގެން ކުރި ޓެސްޓްތަކުން އެނގުނީ އެޗްއައިވީއަށްވެސް ޕޮޒިޓިވްވެފައިވާ ކަމެވެ. މަރުވަންދެން ދިރިހުންނަން މަސައްކަތްކުރަންޖެހޭނެތީ ޑޮކްޓަރަށް ދައްކާލަން އަންނަނީއެވެ.  

އެއިރު އަހަރެން އުޅުނީ 3 މީހަކާއިއެކުގައެވެ. ބަލިއެރީ ކާކުގެކިބައަކުން ކަމެއް ނުއެނގެއެވެ. އެންމެ ދެރަވަނީ އަހަރެންގެ ފުށުން އެތަނުން ކޮންމެވެސް ބައަކަށް ބަލިއަރައި އަދި އެމީހުންގެ އަނބިންގެ ގައަށްވެސް ބަލިއެރުމުގެ ފުރުޞަތު އޮތުމުންނެވެ. ތައުބާވެއްޖައީމެވެ. ﷲ ކަންކަން ރަނގަޅު ގޮތަކަށް ނިންމަވާނެކަމަށް ޔަޤީންކޮށްގެންހުރީއެވެ.  

މިޙާލު ޖެހިއްޖެކަން އެނގުމުން އެއިން އެއްވެސް މީހަކު އަޅައެއް ނުލިއެވެ. ފޯނުވެސް ނުނަގައެވެ. މައިންބަފައިން ކާނެ އެތިކޮޅު ދެއެވެ. ނަމަވެސް ބޭހަށް ޚަރަދުކުރަންދޭނެ ފައިސާއެއް އެމީހުންގެ އަތަކުވެސް ނެތެވެ. ވީމާ ދިރިހުރިނަމަވެސް އަހަރެން މިހާރު މިވަނީ ވަޅުލެވިފައެވެ." 

ނީޝްއަށް ވަރަށް އަސަރުކުރިއެވެ. އަތުގައި އޮތް ޑެބިޓްކާޑެއް ދިއްކޮށްލާފައި ބުންޏެވެ. "މިއީ ކްރެޑިޓްކާޑެއް ނޫނެވެ! ޑެބިޓްކާޑެކެވެ. މިހާރުވެސް ބާކީގައި 10،000 ރުޕީސް ހުންނާނެއެވެ. އިރާދަކުރެއްވިއްޔާ ކޮންމެ މަހަކުވެސް ދެވެންހުރިވަރަކުން ފައިސާކޮޅެއް ޖަމާކޮށްދޭނަމެވެ. ބޭސްކުރަމުން ދުޢާކުރާށެވެ! މިހާރު ތިއަހުރީ އިތުރު ވާހަކައެއް ދެއްކުމުގައި ޙާލަތުގައި ނޫންކަމުން އިތުރު އެއްޗެއް ބުނާކަށް ނެތީމެވެ. ﷲ އިރާދަފުޅުން ރަނގަޅު ގޮތް މިންވަރުކުރައްވަވާނެއެވެ! ތައުބާމަތީގައި ދެމިހުންނަން މަސައްކަތްކުރާށެވެ!"   

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެއްގެ ޚުލާޞާތަރުޖަމާއެކެވެ. މިވާހަކަ ޙަޤީޤީ ޙާދިސާއެއްގެ ގޮތުގައި ޝާއިޢުކޮށްފައިވަނީ އުރުދޫ ޑައިޖެސްޓްގައެވެ. މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާކޮށްލަން ބޭނުންވީ ބާރު ސްޕީޑުގައި ރާއްޖޭގައިވެސް އެއިޑްސް ފެތުރެމުންދާ ވާހަކަ ނޫސްތަކުން ފެންނާތީ މިވާހަކަ ކިޔާ ބައަކަށް ފައިދާކޮށްފާނެ ކަމުގެ އުންމީދުގައެވެ.  

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން