އޭނާ ދިރިއުޅެމުން އައީ ތަނަވަސް އަންހެނަކާއި ކައިވެނިކޮށްގެން ވަރަށް އުފަލުގައެވެ. އޭނާކުރާ މަސައްކަތުން ލިބޭ ފައިސާއިން އެއްވެސް ޚަރަދެއްކުރަން ނުޖައްސާތީ އަމިއްލަ އެކައުންޓް ދިއައީ ފަލަވަމުންނެވެ. ހަމައެއާއިއެކު އަނބިމީހާއަކީ ރިވެތި ދިރިއުޅުމެއް އުޅޭ އަންހެނަކަށްވެފައި ލޯބިން ދިރިއުޅެން ބޭނުންވާ އަންހެނަކަށްވުމުން ދިރިއުޅެމުން ދިއައީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ.
އެހެންކަމާއިއެކުގައިވެސް ފިރިމީހާގެ ހިތުގައި އުފެދުނު ވަސްވާސްތަކެއްގެ ސަބަބުން އަނބިމީހާގެ ކުރީގެ ޙަޤީޤަތް ހޯދަން ބޭނުންވިއެވެ. އެހެންވެ އަނބިމީހާއަށް ސިއްރުން އޭނާގެ ޑައިރީ ނަގައިގެން ކިޔަންބޭނުންވެގެން އެކަންކުރިއެވެ.
ފިރިމީހާ އެކަންކުރިކަން އަނބިމީހާއަށް އެނގުމުން ވަރަށް ހައިރާންވިއެވެ. އެއީ އެއްވެސް ބާވަތެއްގެ ޝައްކެއް ކުރަންޖެހޭނެ އެއްވެސް ކަމެއް ނެތި އެފަދަ ކަމެއް ފިރިމީހާ ކުރުމުންނެވެ. އެހެންވެ އަނބިމީހާގެ ހިތުގައި ފިރިމީހާގެ މައްޗަށް ޝައްކުތަކެއް އުފެދުމުން އެއީ ކީއްވެގެން ކުރިކަމެއްތޯ ސުވާލުކުރިއެވެ.
ދޭނެ ޖަވާބެއް ފިރިމީހާއަކަށް ނުއެނގުނެވެ. އެހެންވެ އެއީ ކުރެވުނު ކުށެއްކަމަށް ޤަބޫލުކުރިއެވެ. އަނބިމީހާއަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. އަނބިމީހާއަށް ޤަބޫލުކުރެވުނީ ފިރިމީހާ އޭނާއަށް އިތުބާރު ނުކުރީކަމަށެވެ. ފިރިމީހާއަށް ސިއްރުން ކަންތައްތަކެއް ކުރާކަމަށް ޝައްކުކުރެވުނީ ކަމަށެވެ.
އަނބިމީހާ ވަރަށް ދެރަވެފައި ބުންޏެވެ. "އަހަރެން މިހާ ރަނގަޅަށް ކަންކަންކޮށް ކަލެއަށް ޚިދުމަތްކުރަމުން ދަނިކޮށް ޝައްކުކުރީއެވެ. ޝައްކުކުރީ އިތުބާރު ނުކުރެވޭތީއެވެ. ކަލޭ ގާތު ނުކުރަން ބުނެފައި އޮތް ހަމައެކަނި ކަންތައް ކުރީއެވެ. ޑައިރީ ފެނުނަސް ނުކިޔަން ބުނީ ޢާއިލާގެ ވަރަށް ގިނަ ކަންކަން އޭގައި ލިޔެފައިވާނެތީއެވެ. އެކަންކަމަކީ ފިރިމީހާއަށްވެސް އެނގެން ޖެހޭނެ ކަންކަމެއް ނޫނެވެ. އަންގަން ބޭނުންވާ ކަންކަމެއް ނޫނެވެ. އަހަރެންނާއި ބެހޭ އެއްވެސް ކަމެއް ސިއްރުކޮށްފައެއް ނުވާނެއެވެ. ވީމާ އިތުބާރު ނުކުރާ ފިރިއަކާއެކު އުޅެންވެއްޖެނަމަ ދެން ކުރިމަތިލާންޖެހޭނެ މައްސަލަތައް ގިނަވާނެތީ ދެން ރަނގަޅުވާނީ ދެމީހުން ވަކިވުމެވެ."
ފިރިމީހާ ވަރަށް ދެރަވިއެވެ. ތަކުރާރުކޮށް މާފަށްވެސް އެދުނެވެ. ނަމަވެސް އަނބިމީހާ އެއަޑެއް ނުއެހިއެވެ. ބުނީ މާފުކޮށްފިން ކަމަށާއި ނަމަވެސް ދެން އެކުގައި އުޅެން ބޭނުންނުވާ ކަމަށެވެ. ފިރިމީހާއަށް މަޖުބޫރުވީ ވަރިކޮށްލާފައި ދިއުމަށެވެ.
މިއީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށް މެދުވެރިވި ކަމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ބައިވެރިޔާގެ ކިބައިން ކުށެއް ނުފެންނަހައި ހިނދަކު ފުރިހަމައަށް އިތުބާރުކުރުމަށެވެ. ކޮނެގެން މާކުރީގެ ކަންކަން އޮޅުންފިލުވަން ނުއުޅުމަށެވެ. ކުރީގައި ހިނގާފައިވާ ކަންކަން ކޮންނަން ބޭނުންވާނަމަ ކައިވެނީގެކުރިން އެކަންކުރުމަށެވެ. ދެމަފިރިންވެސް މިބުނި ބަހަށް ސަމާލުކަން ދިނުމަށެވެ.
- ޒުބޭދާ / މިއަދުނޫހުގެ ކިޔުންތެރިއެއް