ޙަޤީޤީ ޙާދިސާ: ލޯބިވާ ތަނަވަސް އަންތބަކު ލިބުމުން ޝުކުރު ނުކުރެވި ނޯކަރަކާ ލޯބިކުރި ފިރިހެނަކަށް ލިބުނު ހިތްދަތިކަމުގަ ރޮމުންގޮސް ހިކިއަނަރޫފަވި މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ޙަޤީޤީ ޙާދިސާ: ލޯބިވާ ތަނަވަސް އަންތބަކު ލިބުމުން ޝުކުރު ނުކުރެވި ނޯކަރަކާ ލޯބިކުރި ފިރިހެނަކަށް ލިބުނު ހިތްދަތިކަމުގަ ރޮމުންގޮސް ހިކިއަނަރޫފަވި މީހެއްގެ ވާހަކަ-

ދެމަފިރިންގެ ކައިވެންޏަށް 4 އަހަރެވެ. އަނބިމީހާއަކީ ތަނަވަސް މީހެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން ދިރިއުޅެމުން އައީ އަނބިމީހާގެ ގޭގައެވެ. އަނބިމީހާގެ ތަނަވަސްކަމުގައެވެ. ފިރިމީހާ މަސައްކަތްކުރަނީ އަނބިމީހާގެ ބައްޕަގެ ވަޒީފާގައެވެ.

އެއްރޭ ބާޒާރުކޮށްލައިގެން އަނބިމީހާ ގެއަށް އައުމުން ފެނުނީ ވަރަށް އާދައާ ޚިލާފް މަންޒަރެކެވެ. ފިރިމީހާ ސިޓިންގރޫމްގައި ގޭގައި ގެންގުޅޭ ނޯކަރު އަންހެނަކާ ލޯބިކުރަނީއެވެ. އަނބިމީހާއަށް ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް ޢަބުރު ރައްކައުތެރިކުރުމުގެ ގޮތުން އެއްވެސް ބަހެއް ނުބުނެއެވެ. އަޅައިވެސް ނުލައި މަތީބުރިއަށް އަރައިގެންދިއައީއެވެ.  

އަންހެންކުއްޖާ ފޮނުވާލުމަށްފަހު ގޮސް އަނބިމީހާއާއި ވާހަކަ ދައްކަން އުޅެއުޅެ އަނގައަކުން ނުބުންޏެވެ. މާފަށް އެދި އާދޭސްކުރުމުން އަޅައިވެސް ނުއްޔެވެ. އަޑުއިވޭ ކަމަށްވެސް ނުހެދިއެވެ.  

އެއިގެ 2،3 ރޭ ފަހުން ފިރިމީހާ ސިޓިންގ ރޫމްގައި އިންދައި އަނބިމީހާ ގެއަށްވަދެގެން އައީ ސްމާޓްކޮށްހުރި ފިރިހެނަކާއެކުގައެވެ. އައިސް ކައިރީގައި އިށީނދެފައި ބުންޏެވެ. "ކަލޭކުރިހެން ސިއްރުން ކަންކަން ކުރާކަށް ބޭނުމެއް ނޫނެވެ. އަދި ޙަރާމް ކަންކަން ކުރާކަށްވެސް ބޭނުމެއް ނޫނެވެ. މިއިނީ އަހަރެން ހޯދި ލޯބިވެރިޔާއެވެ. އަހަރެން ބޭނުންވަނީ ވީހާއަވަހަކަށް އޭނާ އާއި ކައިވެނިކުރާށެވެ. ދެފިރިން ހުއްދައެއް ނޫނެވެ. ވީމާ އަވަހަށް ވަރިކޮށްދޭށެވެ."  

އެހެންބުނެފައި ތެދުވެގެން ކޮޓަރިއަށް ދިއައީއެވެ. އެމީހާ ނުކުމެގެންދިއައީއެވެ. ފިރިމީހާ ފަހަތުން ކޮޓަރިއަށްގޮސް ކުރީރޭ ފަދައިން ވާހަކަ ދައްކަ ދައްކައިވެސް އެއްވެސް ޖަވާބެއް ނުދެއެވެ.  

އެރެއަށްފަހު އެފިރިހެން މީހާ ރޭގަނޑު ގެއަށް ގެނެސް އެކުގައި ދެމީހުން ކައި އުޅެއެވެ. ފިރިމީހާވެސް އެމޭޒުގައި ކާން އިނދެއެވެ. ނަމަވެސް ބުނެވޭނެ ބަހެއް ނެތުމުން މަޑުން އިންނަނީއެވެ. އެންމެފަހުން ފިރިމީހާއަށް ކެތް ނުކުރެވިގެން ވަރިކޮށްފައި ގެއިން ނުކުންނަން އުޅުމުން ބުންޏެވެ. "މަޢުލޫމާތަށްޓަކައި ބުނަމެވެ. މިގެއިން ތިއަ ފެނުނީ އަހަރެންގެ ލޯބިވެރިއެއް ނޫނެވެ. ކަލޭގެ ކިބައިން އަވަހަށް ވަރިވާން ބޭނުންވާވަރުން ބޭނުންކުރި ހަތިޔާރެކެވެ. އަހަރެން ކައިވެނިކުރާނެ މީހަކު އަދި ނުނިންމަމެވެ. ހަމައެކަނި ނިންމީ ކަލޭފަދަ ގޮތެއް ފޮތެއް ނެތް ދަށުދަރަޖައިގެ މީހަކާއިއެކުގައި ނޫޅެ ވަކިވާށެވެ. މިކުރީ އެކަމެވެ."  

އޭނާ ގެއިން ނުކުތީ ރޮއި ކަރުނަ އަލަމުންނެވެ. ނަމަވެސް ބުނެވޭނެ އެއްވެސް އެއްޗެއް ނެތުމުން އަނގައިންވެސް ނުބުނެ ހުރެ ނުކުމެގެން ދިއައީއެވެ. ވީދެރައިން ހިތާމަކުރަމުން ގޮސް ހިކި އަނަރޫފަވެފައި ހުއްޓާ އޭނާއަށް ހަމަޖެހުމެއް ލިބުނީ އެކުވެރިން ވަރަށް ބޮޑަށް ހިތްވަރުދީގެންނެވެ. ކުށެއް ކުރެވިއްޖެނަމަ އަދަބުލިބޭނެކަން ޤަބޫލުކޮށް މާޒީ ހަނދާން ނައްތާލައި ދެންވެސް އަލުން ދިރިއުޅުމެއް ފަށަން ދިން ހިތްވަރުންނެވެ.  

އޭނާ ދެވަނަ ކައިވެންޏެއް ކުރިއެވެ. ނމަވެސް ދިރިއުޅެންޖެހުނީ ވަރަށް ނިކަމެތިޙާލުގައެވެ. ހަނދާންނުކުރަން މަސައްކަތްކުރިނަމަވެސް ކުރީގެ އުފާވެރި ތަނަވަސް ދިރިއުޅުންމަތިން އަބަދުވެސް ހަނދާންވެއެވެ. ހަނދާންވުމުން ދެރަވެ އިސްދަށަށް ޖަހައިލެވެއެވެ.  

އަނބިމީހާ ޢިއްދަ ހަމަވިތަނުން ހަމަ އޭނާފަދަ ތަނަވަސް ފިރިހެނަކާއި ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅެން ފެށީއެވެ.  

މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި ދެމަފިރިއެއްގެ މެދުގައި ހިނގައިދިއަ ކަމެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ ވިސްނައި ނުލާ ކުރެވޭ ކުރެވޭ މިބާވަތުގެ ކުށްތަކުގެ ސަބަބުން ހިތާމަކުރަންޖެހޭ ފިރިހެނުންވެސް އަދި އަންހެނުންވެސް ގިނަވަމުން އަންނާތީއެވެ.  

ތަނަވަސް ނަމަވެސް ފަޤީރު ނަމަވެސް ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ފުރަތަމަކަމަކަށް ތެދުވެރިކަމާ ވަފާތެރިކަމަށް އިސްކަންދޭށެވެ. އެހެން ކޮންމެ ކަމަކަށްވެސް މާފުކުރެވިދާނެއެވެ. ނަމަވެސް ބޭވަފާތެރިކަމަށް މާފުކުރުން އޮންނާނީ ފަސޭހަކަމަކަށް ނުވެފައެވެ.  

ޙަޔާތުގެ ބައިވެރިއަކަށް ތަނަވަސް މީހަކު ލިބުމަކީ ދެއްވަވާ ވަރަށް ބޮޑު ނިޢްމަތެކެވެ. ޝުކުރުވެރި ނުވެވޭނަމަ ނިޢްމަތް ގެއްލިގެން ދިއުން ވަރަށް ގާތްވާނެއެވެ. ފަހުން ހިތާމަކުރުމަކުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ!  

- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން