އެއީ ވަރަށް އެކުވެރި 3 އަންހެންކުދިންނެވެ. 3 ކުދިން ރާވާލާފައި އަތްބަލާ އަންހެނެއްގެ ގާތަށް ދިއައެވެ. އެއިގެ ތެރެއިން ރާމިޒާއަކީ ވަރަށް ބޮޑަށް ފިރިއަކަށާއި ފިރިމީހާގެ ލޯތްބަށް ވަރަށް ބޮޑަށް ބޭނުންވާ ކުއްޖެއެވެ. ނަމަވެސް ރަމިޒާގެ އަތްބަލާފައި ބުނީ ދުވަހަކުވެސް ލޯބިވެރިއަކު ނުލިބޭނެ ކަމަށާއި ކައިވެނިވެސް ނުކުރެވޭނެ ކަމަށެވެ.
އޭނާގެ ވާހަކަ ޤަބޫލުނުކޮށް ލޯބިވެރިއަކު ހޯދަން ރާމިޒާ މަސައްކަތްފެށިއެވެ. ރީތިހެން ހީވާ ފިރިހެނަކާއި ބައްދަލުވާއިރަށް ލޯބިހުށަހަޅައެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރުޅިވެއެވެ. އެގޮތަށް 5 އަހަރުވުމުން އަތްބަލާ މީހާ އެބުނީ ތެދެއްކަމަސް ޤަބޫލުކުރެވި ލޯބިވެރިއަކު ހޯދުމުގެ މަސައްކަތް ހުއްޓައިލިއެވެ. ޢުމުރު ދުވަހު އެކަނި ހުންނަން ނިންމިއެވެ.
އެދުވަސްވަރު 3 އެކުވެރިންގެވެސް އެކުވެރި ޒުވާނަކު ރާމިޒާދެކެ ވަރަށް ބޮޑަށް ލޯބިވެގެން އޭނާއާއި ކައިވެނިކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ރާމިޒާ އެކަމަށް އެއްބަހެއް ނުވިއެވެ. ރާމިޒާ ބުނީ އޭނާދެކެ ލޯބިވާތަނުން ރުޅިވީމާ އަނެއްކާވެސް ޖެހޭނީ އިތުރަށް ހިތާމަކުރަން ކަމަށެވެ.
މިކަންބޮޑުވެގެން 2 އެކުވެރިންވެގެން ދީނީ ޢިލްމުވެރިއެއްގެ ގާތަށް ރާމިޒާ ގެންދިއުމުން އެމީހާ ރާމިޒާގެ ހިތްހަމަޖައްސާލަދޭންވެގެން އަތްތިލައިގެ ދެފުށް ވަރަށް ރަނގަޅަށް ބަލާފައި ބުންޏެވެ.
"ރާމިޒާއަށް ލޯބިވެރިއަކު ނުލިބެންވީ އެއްވެސް ސަބަބެއް ނެތެވެ. ދެއަތްތިލްވެސް ވަރަށް ފުރިހަމައެވެ. އެއްވެސް ޢައިބުކަމެއް ނެތެވެ. ވީމާ ކައިވެނިނުކުރެވެންވީ ސަބަބެއްވެސް ނެތެވެ.
ރާމިޒާއަށް ތިއަދިމާވި ގޮތަކީ ލޯބިފަހައި ދުވެވުނީއެވެ. ލޯތްބަކީ ފަހަތުން ދުވެގެން އަތުލައިގަނެވޭނެ އެއްޗެއް ނޫނެވެ. އަނހެނުން ޖެހޭނީ ލޯތްބަށް އިންތިޒާރުކުރާށެވެ. ކެތްތެރިވެ ދުޢާކުރުންމަތީގައި އިނީމާ ލޯބި އެއަނހެނެއްގެ ފަހަތުން އައިސް އަތުލައިގަންނާނެއެވެ. ހެޔޮލަފާ، އަޚްލާޤް ރަނގަޅު، ތަޤްވާވެރިއަކު ކައިވެންޏަށް އެދިގެން އައިމާ އަވަހަށް ކައިވެނިކުރާށެވެ! ލޯބިވެގެން އުޅެން ނުހަދައި ފުރަތަމަ ވެސް ލޯބި ޙަލާލުކޮށްލާށެވެ. މިބުނީ މިބުނި ކަންކަމަށް ބެލުމަށްފަހު ކައިވެނިކުރާށެވެ! ކައިވެނިކުރެވުމުން ރަނގަޅު ގޮތުގައި ދިރިއުޅެން މަސައްކަތްކުރާށެވެ. އުފާވެރި ޙަޔާތެއް ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ! ﷲ އެކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ"
ރާމިޒާ އާއި ގުޅެން އެދިގެން އުޅުނު މީހާ އާއި ކައިވެނިކުރިއެވެ. ޢިލްމުވެރިޔާ ދެއްވި ނަޞޭޙަތަށް ޢަމަލުކުރިއެވެ. އުފާވެރި ޙަޔާތެއް ލިބުނެވެ. ދަރިއަކުވެސް ލިބުނު ފަހުން ސްޕަމާކެޓަކުން އަތްބެލި މީހާ ފެނިގެންގޮސް އޭނާ ބުނި ބަސް ދިމާނުވިވާހަކަ ބުނީމާ ދިން ޖަވާބު އެނގޭހެއްޔެވެ؟
"ވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. އަހަރެން ކުރާ ކަމަކީ މޮޔައިން މޮޔަހެއްދުމެވެ. އަހަރެންނަކީވެސް ހަމަ ކަލޭކަހަލަ އިންސާނަކެވެ. ޣައިބު އެނގޭނީ ކިހިނަކުންހެއްޔެވެ؟"
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ މިބާވަތުގެ ވަސްވާސްތައް ޤަބޫލުކުރާ މީހުން އުޅޭތީއެވެ. ހެޔޮނުވާނެއެވެ! އެބާވަތުގެ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ. އެމީހާ ފަހުން އެބުނީ ހަމަ ކަންއޮތްގޮތަށެވެ!
އެބާވަތުގެ ވާހަކަތައް ކިރިޔާވެސް ޤަބޫލުކޮށްގެން ހުންނަ މީހަކަށް ކިތަންމެ ކުޑަކަމެއް ކުރިމަތިވިނަމަވެސް ހީވާނީ އެމީހަކު ދެއްކި ވާހަކަ ތެދުވަނީ ހެންނެވެ. އެނުބައި ވަސްވާސްތަކުގެ ސަބަބުން މީހާ އިތުރަށް މާޔޫސްވެ ބަލިކަށިވުން ނޫންކަމެއް މެދުވެރިއެއް ނުވާނެއެވެ.
- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް