ޙަޤީޤީ ޙާދިސާ: ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އިންތިހާއަށް ބޭނުންވެފައި ހުރެމެ ލިބުނު ޙަރާމް ފައިސާތައް ބޭނުންނުކުރި އެކަނިވެރިމައަކަށް ދެއްވެވި މާގިނަ ފައިސާ ތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 53ސ
ޙަޤީޤީ ޙާދިސާ: ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން އިންތިހާއަށް ބޭނުންވެފައި ހުރެމެ ލިބުނު  ޙަރާމް ފައިސާތައް ބޭނުންނުކުރި އެކަނިވެރިމައަކަށް ދެއްވެވި މާގިނަ ފައިސާ ތަކުގެ ވާހަކަ-

އަޅުގަނޑުމެން ދެމަފިރިންނަށް ލިބުނު ދަރިފުޅަކީ އުފަންވިއިރުގައިވެސް ހިތުގައި ލޯވަޅެއް ހުރި ކުއްޖެކެވެ. ޑޮކްޓަރުން ބުނީ ކުއްޖާއަށް އަހަރުވުމުގެ ކުރިން އޮޕަރޭޝަންކުރެވިއްޖެނަމަ މާބޮޑުކަމަކަސްނުވެ ސަލާމަތްވެވިދާނެ ކަމަށެވެ. އަދި އޮޕަރޭޝަން ރާއްޖެއިން ނުކުރެވޭނެ ކަމަށާއި ދާންޖެހޭނީ ބޭރަށް ކަމަށެވެ.

ޑޮކްޓަރުގެ ބަސްތަކުގެ އަޑުއިވުންވީ ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދަރިފުޅު އަޅުގަނޑުގެ ބޮލަށްޖަހާފައި ފިލަން މެދުވެރިވި ސަބަބަށެވެ. އަޅުގަނޑަށް އެކަނި ލިބޭ މުސާރައިން އެހައިގިނަ ފައިސާ ޖަމާކުރުމަކީ ކުރެވޭނެ ވަރުގެ ކަމެއް ނޫންކަމުން ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ކިތަންމެ ބޮޑަކަށް ކަންބޮޑުވި ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ކެތްތެރިވެގެން ހުރީއެވެ.  

އެހެން ހުއްޓައި ކުޑައިރުގެ އެކުވެރި އަންހެނަކާއި ބައްދަލުވެގެން ދެކެވުނު ވާހަކައިގައި ދިރިއުޅުމުގެ ޙާލަތާއި ގުޅޭގޮތުން ސުވާލުކުރުމުން ކަންކަން މެދުވެރިވެފައިވާ ގޮތް ކިޔައިދިނުމުން ދަރިފުޅުގެ އޮޕަރޭޝަނަށް އެހީތެރިވެދޭނެ ކަމަށްބުންޏެވެ. އޭނާ ބުންޏެވެ. "އެއިރު ދަތިޙާލުގައި އުޅުނު ނަމަވެސް އަހަރެންނަށް މިހާރުވަނީ ތަނަވަސްކަން ލިބިފައެވެ. އަދި ފިރިމީހާއަކީވެސް ތަނަވަސް މީހެކެވެ."  

ދުވަސްކޮޅެއްފަހުން އެގެއަށް ދާން ދައުވަތުދިނުމުން ދިއައިމެވެ. ފުރަތަމަ ދުވަހުވެސް އޭނާގެ ފިރިމީހާ އަހަރެންނަށް ބެލިގޮތުން ވަރަށް ބިރުގަތެވެ. ނަމަވެސް އެނގޭކަމަށް ނުހަދައި ހުރީއެވެ. އެއިގެފަހުން އެކުވެރިޔާ ގުޅާ ދުވަސް ދުވަހު އެގެއަށް ގޮސް އުޅެމެވެ.  

އެއް ދުވަހެކެވެ. އެކުވެރިޔާ ގުޅާފައި ބުނީ ހަވީރު 5 ޖަހާއިރު އެގެއަށް ގޮސްދިނުމަށެވެ. އެއީ ވަރަށް ގިނަ ލިޔުންތަކެއް ޓައިޕްކުރަންޖެހިފައި ހުރުމުން ޓައިޕްކޮށްލައިދޭން ކަމަށްވެސް ބުންޏެވެ. ގަޑިއަށް ދިއައިމެވެ. ނޫކަރަކު ދޮރުހުޅުވީމާ ވަދެގެން އެކުވެރިޔާގެ އޮފީހަށް ދިއައިމެވެ. ދޮރުހުޅުވާފައި ހުރުމުން ވަންއިރު އެކުވެރިޔާގެ ފިރިމީހާ އާއި އެގޭގައި ގެންގުޅޭ އަންހެންކުއްޖަކާއި ލޯބިކުރަނީއެވެ.  

ގަތްލަދުން ދޮރުޖަހާފައި ނުކުތުމުން ގޮވާ ވައްދާފައި ބުނީ ކަމެއް ދިމާވެގެން އެކުވެރިޔާ ބޭރަށް ގޮސްވާކަމަށާއި ވަރަށް އަވަހަށް އަތުވެދާނެ ކަމަށެވެ. އެހެންވެ ނުގޮސް މަޑުކުރުމަށެވެ. އަދި ފެނުނު ކަންތަކުގެ ވާހަކަ ނުބުނުން ޝަރުޠުކޮށް ފައިސާބޮނޑިއެއް ދިއްކޮށްލިއެވެ. ޖަވާބުގައި ބުނީމެވެ. "ތިއަ ފައިސާތައް ބޭނުމެއް ނޫނެވެ. ނަމަވެސް ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެ ވާހަކައެއް ނުދައްކާނަމެވެ. އެކަމަކުވެސް ތިއަބާވަތުގެ ހަޑިމުޑުދާރު ކަންކަން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ފަޅާއަރައި މައްސަލަވެސް ޖެހޭނެއެވެ."  

އަޅުގަނޑު ހުރީ އިންތިހާއަށް ފައިށާއަށް ބޭނުންވެގެންނެވެ. ނަމަވެސް އެފަދަ ގޮތަކަށް ލިބޭ ފައިސާއެއް ބޭނުން ނުކުރަންވެގެން އަތްނުލީއެވެ. އަދި އަޅުގަނޑު ކިތަންމެ ނިކަމެތި ނަމަވެސް ޙައްޤުބަސްބުނީއެވެ.  

ކަންތައް މެދުވެރިވީވެސް އަޅުގަނޑު ބުނި ގޮތަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބިމީހާއަށް ޝައްކުވާން ފަށައިފިއެވެ. ގެއަށް ވަދެއުޅޭ މީހެއްގެ ޙައިޞިއްޔަތުން އަޅުގަނޑާއި ސުވާލުވެސް ކޮށްފިއެވެ. ސުވާލުކުރުމުން ދޮގުނުހަދައި އެދުވަހު ފެނުނު ކަންކަން ކިޔައިދިނީމެވެ. އަދި ފަހަރެއްގައި ލޮލަސް ފެނިދާނެ ގޮތްކަމަށް އަޅުގަނޑަސް ވިސްނޭ ގޮތްވެސް ކިޔައިދިނީމެވެ.  

އެކުވެރިޔާ އެގޮތަށް ކަންތައް ކުރުމުން ފިރިމީހާ ކުރާ ވައްކަން އަތުލައިގަނެވުނެވެ. ކައިވެނިވެސް ރޫޅުނެވެ. ކައިވެނި ރޫޅުމުން އެކުވެރިޔާ އަޅުގަނޑުގެ ކިބައިން އެދުނީ އެއިރު އަދާކުރާ ވަޒީފާ ދޫކޮށްލާފައި އެގެއަށް ބަދަލުވުމަށެވެ. އެއީ ގޭގައި ހުންނަ އޮފީހުގައި ަމސައްކަތްކުރުމަށެވެ. ލިބެމުން އައި މުސާރައަށްވުރެ ބޮޑު މުސާރައެއް ދޭނެ ކަމަށާއި ކުރިން ވައުދުވީ ފަދައިން ދަރިފުޅުގެ ކަންކަން ކޮށްދޭނެ ކަމަށްވެސް ބުންޏެވެ.  

އެކުވެރިޔާ އެދުނުފަދައިން ކަންކަން ކުރީމެވެ. އެގޭގައި އުޅޭތާ މަހެއްހައިދުވަސްފަހުން އެއްރޭ އެކުވެރިޔާ ބުންޏެވެ. "ފުރަން ތައްޔާރުވަމުންދާށެވެ. ގެންދާނެ ލަގެޖެއް ހޯދުމުގެ މަސައްކަތް އެބަކުރަމެވެ." ލިބުނު ޙައިރާންކަމުގައި ބުނީމެވެ. "ލަގެޖެއް ހޯދަން އެހައި ބުރަ މަސައްކަތްކުރަންޖެހޭ ހެއްޔެވެ؟ އެކުވެރިޔާ ގެންގުޅެފައި ހުރި ބާ ލަގެޖެއް ދިންނަމަވެސް އަޅުގަނޑަށް ހަމަ ރަނގަޅެވެ."  

ޖަވާބުގައި އެކުވެރިޔާ ބުންޏެވެ. "ނޫނެކެވެ! އަހަރެްނ ގެންގުޅުނު ލަގެޖެއް ހަމަހިލާ ނުދޭނަމެވެ. އެއިރުން ލިބޭނީ ބޮޑު އަނިޔާއެއް ނޫން ހެއްޔެވެ؟" އެހިސާބުން އެކުވެރިޔާ އެއްޗެއް ނުވިސްނުމުން ދެން ޖަވާބެއް ނުދެމެވެ. ހިނިގަނޑަކުން ނިންމައިލީއެވެ.  

އެއިގެ ހަފްތާއެއްވަރު ފަހުން އެއްރޭ އެކުވެރިޔާގެ ގާތް ފިރިހެނަކު ގެއަށް ގެނެސްފައި އަޅުގަނޑާއި ދިމާއަށް ހެމުން ބުންޏެވެ. "ތިއައިނީ ލަގެޖެއް ހޯދައިފައެވެ. އަވަހަށް ހިފައިގެން ފުރާށެވެ. ނަމަވެސް ފުރަންވާނީ ކައިވެނިކޮށްގެންނެވެ. ތިއައީ ތެޔޮނާށި ކާޅުޖަހައިގަތުމުން އެކަނިވެފައިހުރި މީހެކެވެ. އެނާގެ ފުށުން ކަލެއަށް އެއްވެސް ގެއްލުމެއް، ދެރައެއް ލިބިއްޖެނަމަ އެކަމުގެ ޒިންމާ އުފުލާނީ އަހަރެންނެވެ."  

އެކުވެރިޔާގެ ބަހަށް އިތުބާރުކޮށްފައި ކައިވެނިކުރީއެވެ. އެރޭ އެކުވެރިޔާ ބުންޏެވެ. "އަހަރެންގެ ދިރިއުޅުން ޣަރަޤުވަމުން ދަނިކޮށް ސަލާމަތްކޮށްދިނީ ކަލެއެވެ. ދުނިޔޭގައި އިންހާ ދުވަހަކު އެކަން ހަނދާންކުރާނަމެވެ." އަދި ފިރިމީހާއަށް ބުންޏެވެ. "ހަނދާންކުރާށެވެ! އަހަރެންގެ އުޚުތުގެ ހިތުގައި ޖައްސައިފިނަމަ ކަލޭގެ ހިތް ތުނިތުނިކޮށް ސްލައިސްކޮށްލާނަމެވެ."  

ދެން ބުނެލަން އޮތީ އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް މިދިއަ މާރިޗްމަހު ވަނީ 13 އަހަރު ފުރިފައެވެ. 3 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާއަކީ ހަމަ މިޒަމާނުގައި ނުވެސް ލިބޭނެ ވަރުގެ ރަނގަޅު ފިރިއެކެވެ. އަދި މިހާރުވެސް އެކުވެރިޔާ ހަމަ އެގޮތަށް ގާތްކަން ބާއްވައެވެ. އުލެނީ ވަރަށް އެކުގައެވެ. ޗުއްޓީއެއްގައި ދިނަމަވެސް ވަރަށް ގިނަ ފަހަރު ގެންދެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ކިތަންމެ ވަރަކަށް ފައިށާއަށް ބޭނުންވެގެން ހުރިނަމަވެސް ޙަލާލް ނޫން ގޮތުގައި ލިބޭ ފައިސާއެއްގެ ބޭނުން ނުކުރާށެވެ! އެ ބޮޑު ފައިސާބޮނޑި އަޅުގަނޑަށް ދިއްކޮށްލީ އެއަށް އިންތިހާއަށް ބޭނުންވެގެން ހުއްޓައެވެ. ހިފިނަމަ އެކުވެރިޔާއަށް އެކަން ނުވެސް އެނގުނީހެވެ. ނަމަވެސް ނުހިފީ ރިޝަވްތަކަށްވީތީއެވެ. 

ނުހިފުމުން އަޅުގަނޑަށް މިވަނީ އެއަށްވުރެ މާބޮޑެތި މާގިނަ ފައިށާ ބޮނޑިތައް ލިބިފައެވެ. ފިރިމީހާއަކީވެސް އެހައި ތަނަވަސް ނޫންނަމަވެސް ދިރިއުޅެލެވޭވަރުގެ ތަނަވަސްކަން ހުރި މީހެކެވެ. އެކުވެރިޔާ ގާތު އޮތީ ކަންކަމު އެދެންކެރުނު ވަރެކެވެ. އެކަމަކުވެސް ކަންކަމު ނުއެދޭތީ އަމިއްލައަށް ފެނިގެން ކަންކަން ކޮށްދެއެވެ. ފައިދާ ބޮޑުމިވީ ކޮންގަތަކުން ހެއްޔެވެ؟

ތަކުރާރުކުރަމުންވެސް ބުނެލާނަމެވެ. ކިތަންމެ ދަތިވި ނަމަވެސް ޙަރާމް ގޮތުގައި ފައިސާ ނުހޯދާށެވެ! ޚާއްޞަކޮށް ޢިއްފަތްތެރިކަން ވިއްކައިނުލާށެވެ! އެކަން ނުކުރީމާ ﷲ ދެއްވަވާ ނިޢްމަތްތައް މާގިނަވާނެއެވެ!

 

- އިޙްޞާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން