ޙަޤީޤީ ޙާދިސާ: ގިނައަދަދެއްގެ ފައިސާގެ ދަހިވެތިކަމުގަ ކެއުމަކަށް ރީތި އަނބިމީހާ ފޮނުވުމުން ދެންވީގޮތް- އަނބިން ވިއްކާ ފިރިންނަށް ވަރުގަދަ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޙަޤީޤީ ޙާދިސާ: ގިނައަދަދެއްގެ ފައިސާގެ ދަހިވެތިކަމުގަ ކެއުމަކަށް ރީތި އަނބިމީހާ ފޮނުވުމުން ދެންވީގޮތް- އަނބިން ވިއްކާ ފިރިންނަށް ވަރުގަދަ ފިލާވަޅެއް!

އަޅުގަނޑު މިކިޔައިދޭ ވާހަކައަކީ ގިނަބައަކަށް ބަލައިގަންނަން އުނދަގޫވާނެ ވާހަކައެކެވެ. ނަމަވެސް މިއީ ހަމަ ޙަޤީޤަތެކެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތެވެ. މިއީ މހަޑި ކަމަކަށްވީނަމަވެސް މިއަދު މިކަންކަން މިގޮތަށް ނުހިނގާ ކަމަކަށް ނުހެދޭނެއެވެ. 

އެއީ ވަރަށް ލޯބިން ދިރިއުޅެމުން އައި ދެމަފިރިންނެވެ. އަނބިމީހާއަކީ އާދައާ ޚިލާފަށް ރީތި އަންހެނެކެވެ. ތަނަވަސް މީހަކު އޭނާ ބޭނުންވިއެވެ. އެހެންވެ ފިރިމީހާއަށް ފައިސާދީ އެކި ގޮތްގޮތުން އެހީތެރިވެގެން ގާތް ގުޅުމެއް އުފެއްދިއެވެ. ގުޅުން އުފެއްދުމަށްފަހުގައި ބުންޏެވެ. 

"ކަލޭ ދިރިއުޅެން މަސައްކަތެއް ފަށަން އެހީތެރިވެދީފާނަމެވެ. އަހަރެމެން ދެމަފިރިންނާއިއެކު ކަލޭގެ އަނބިމީހާ ރޭގަނޑުގެ ކެއުމަކަށް ފޮނުވައިދޭށެވެ. ----- މިހައިވަރަށް ފައިސާދޭނަމެވެ." 

ފައިސާގެ ދަހިވެތިކަމުގައި އަނބިމީހާއަށް އާދޭސްކޮށްގެން އެކަމަށް އެއްބަސްކުރުވިއެވެ. ދެމަފިރިންނާއިއެކު ހަމައެކަނި ކެއުމަކަށް ގޮސްލުމުން މިހައި ގިނަ ޢަދަދެއްގެ ފައިސާ ލިބެން އެބައޮތް ކަމަށް ބުނެގެންނެވެ. 

ކެއުމަށް ދިއަރޭ އެނބުރި ގެއަކަށް ނާދެއެވެ. ލަސްވެގެން ގުޅީމާ ބުނީ ގެއަށް ދެވޭނީ ތަންކޮޅެއް ލަހުން ކަމަށެވެ. ހެނދުނުވީއިރުވެސް ގެއަށް ނައުމުން ތަނަވަސް މީހާގެ ގެއަށް ހޯދަނަދިއުމުން އޭނާ ބުނިވަރަށް ފައިސާދިނެވެ. "ކެއުމަކަށް ދިއަބައަކު މުޅިރޭގަނޑު ކުރީ ކޮންކަމެއްތޯ" ސުވާލުކުރުމުން ޖަވާބެއް ނުދެއެވެ. އަނބިމީހާ ގޮވައިގެން ގެއަށް އައިސް ހަމަ އެސުވާލުކުރުމުން ވެސް ޖަވާބެއް ނުދެއެވެ. 

އެއިގެ ފަހުން އަނބިމީހާ ގިނަގިނައިން އެގެއަށް ގޮސް ރޭގަނޑު ހޭދަކުރާތީ ސުވާލުކުރުމުން ބުންޏެވެ. "އަހަރެން ވަރަށް ޢިއްފަތްތެރިކަމާއިއެކު ކަލެއަށް ލިބޭ މިންވަރަށް ޝުކުރުކޮށްގެން ކަލެއާއިއެކު އުޅެމުން ދަނިކޮށް ބާޒާރަށް ނެރެ އަހަރެން ވިއްކައިލީ ކަލެއެވެ. ކަލޭ ބޭނުންވި ވަރަށް ކަލޭ ފައިސާ ހޯދައިފީމުއެވެ. ދެން އޮތީ އަހަރެން ބޭނުންވަރަށް ފައިސާ ހޯދުމެވެ." 

ދުވަސްކޮޅެއްފަހުން ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ ކައިވެނި ރޫޅިއްޖެއެވެ. ފިރިމީހާއަށް އޭނާ ލޯބިވާ އެރީތި އަނބިމީހާ ގެއްލިގެން ދިއައީއެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ. ޢިއްދަ ހަމަވުމާއިއެކު އަނބިމީހާ ދެއަންތބަށް އޭނާ އާއި ކައިވެނިކޮށްފިއެވެ. އޭނާ މިހާރު ދިރިއުޅެމުންދަނީ ތަނަވަސްކަމުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާގެ ވާހަކައެވެ. މިވާހަކައިގައި އެދެމީހުން ކައިވެނިކޮށްފިތާއެވެ. ނަމަވެސް މިގޮތަށް ބާޒާރަށް ނެރެ ވިއްކައިލެވޭ އަންހެނުންގެ ދިރިއުޅުން ފަހުން ބަދަލުވެގެންއެދަނީ ކޮންފަދައަކުން ކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. މަރުވާނެކަމާއި ޤިޔާމަތް ދުވަސް އަންނާނެކަން ޤަބޫލުކުރި ނަމަވެސް ދިރިއުޅެމުން އެގެންދަނީ އެކަންކަމަށް ކުޑަވެސް ބިރެއް ނެތިއެވެ. 

މިނުބައި އާދައަށް ވިސްނައި ހޭލުންތެރި ނުވެވިއްޖެނަމަ މިއީ އިސާހިތަކު ވަރަށް ބޮޑު ވަބާއަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމަށް ފެންނާތީ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވީއެވެ.

 

- ފަޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން