ލިބޭ ދަރިންގެ ޖިންސް ކަނޑައަޅުއްވަވަނީ ﷲ ކަމަށް ބުނުމުން ވަރިކޮށްފަ 4 ދަރިން މިސްކިތެއްގެ ޔަތީމްޚާނާއަކަށްލީ މީހެއްގެ ދުލަށް ކެންސަރު ޖެހި މަރުވާންޖެހުނު ނިކަމެތިޙާލުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ލިބޭ ދަރިންގެ ޖިންސް ކަނޑައަޅުއްވަވަނީ ﷲ ކަމަށް ބުނުމުން ވަރިކޮށްފަ 4 ދަރިން މިސްކިތެއްގެ ޔަތީމްޚާނާއަކަށްލީ މީހެއްގެ ދުލަށް ކެންސަރު ޖެހި މަރުވާންޖެހުނު ނިކަމެތިޙާލުގެ ވާހަކަ-

އަޅުގަނޑުގެ ފިރިމީހާއަކީ އެންމެ ތަނަވަސް މީހުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ތަނަވަސް މީހެކެވެ. ކައިވެނިކުރީންސުރެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮތީ ދަރިން ލިބުން ލަސްވުމުގެ ޝަކުވާއެވެ. 

ކައިވެންޏަށް 2 އަހަރު ފުރުނުތަނާހެން އެއްމާބަނޑު ދެބެއިން ލިބިއްޖެއެވެ. 2 އަންހެންކުދިންނެވެ. އަންހެންކުދިން ލިބުމުން ކަމަކު ނުދިއައެވެ. ބުނީ ބޭނުންވަނީ ފިރިހެން ކުއްޖަކު ކަމަށާއި އަވަހަށް ފިރިހެން ކުއްޖަކު ހޯދުމަށެވެ. 

އެއިގެ ފަހުން އަހަރުދެކޮޅުހެން 2 ދަރިން ލިބުނެވެ. ނަމަވެސް އަންހެންކުދިންނެވެ. އެކމާއި ރުޅިއައިސްގެން އެއްޗެތިގޮވާވަރު ކެތްނުކުރެވޭވަރުވީމާ ބުނީމެވެ. "ދެއްވަވާ ދަރިންގެ ޖިންސު ކަނޑައެޅުމަކީ މަންމަ ކުރާކަމެއްކަމެއް ނޫނެއް ނޫންހެއްޔެވެ؟ އެކަން ކުރެވޭނެނަމަ ކަލޭތީ ބައްޕަކަމަށްވާއިރު ކަލޭ އަމިއްލައަށް އެކަން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ޤަބޫލުކުރާގޮތުގައި ދެއްވަވާ ދަރިންގެ ޖިންސް ކަނޑައަޅުއްވަވަނީ ﷲ އެވެ. އެކަންކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ." 

އެހެން ބުނިކަމަށްޓަކައި އަޅުގަނޑާއި 4 ކުދިން ގޮވައިގެން އަނެއްދުވަހު ގެންގޮސް ބޭލީ މިސްކިތަކުން ހިންގާ ޔަތީމްޚާނާއަކަށެވެ. ވަރިވެސް ކޮށްފައި ބުނީ "އެހެންވީމާ ކަލޭމެން ތިބުން އެންމެ ރަނގަޅުވާނީ މިތަނުގައެވެ." ދުލުން ސީދާ ނުބުނި ނަމަވެސް އޭނާ އަށް ބުނެވުނީ ވަރަށް ނުބައި ބަހެކެވެ. 

އެވަގުތު އަޅުގަނޑު ވަރަށް ދެރަވިއެވެ. ނަމަވެސް ﷲ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނީ އެންމެ ރަނގަޅަށްކަން އަބަދުވެސް ޔަޤިންކުރާތީ ހިތާމައެއް ނުކުރަމެވެ. ﷲ ގެ ރަޙްމަތަށް އުންމީދުކޮށްގެން ކެތްތެރިވީއެވެ. 

އެތަނުގައި 4 ދަރިން ގޮވައިގެން 8 މަސްދުވަސްވީތަނާ މިސްކިތަށް އައިސް އުޅުމުގެ ތެރެއިން ބައްދަލުވަމުން އައި މީހަކު އަޅުގަނޑުގެ ޙާލަތާއިބެހޭގޮތުން ސުވާލުކުރުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އޭނާގެ ހިތުގައި އަޅުގަނޑުމެންގެ މައްޗަށް ރަޙުމް އުފެދި އޭނާ އަޅުގަނޑުމެންނާއި ޙަވާލުވެއްޖެއެވެ. ބުނީ އޭނާއަށް އަނހެން ދަރިއަކު ލިބިފައި ނެތުމުން އެއްފަހަރާ 4 ދަރިން ހޯދީ ކަމަށެވެ. 

އެދެމަފިރިންނަކީވެސް ވަރަށް ހެޔޮ ދެމަފިރިންނެވެ. ކުޑަދުވަސްކޮޅެއް ފަހުން ކައިވެނިކުރާނެ މީހަކުވެސް ހޯދައިދިނެވެ. އެއީ ނިކަމެތި މީހެކެވެ. އެމީހާ ހޯދާދީފައި ބުނީ ދެމަފިރިން އެގޭގައި އުޅުމަށެވެ. ދެމަފިރިންގެ ކެއުންބުއިމުގެ ކަންކަންވެސް ބަލަހައްޓައިދޭނީ އޭނާ ކަމަށެވެ. 

ކެއުންބުއިމަށާއި ފެނާއި ކަރަންޓަށް ޚަރަދުކުރަން ނުޖެހޭތީ އަދި ދަރިންނަށްވެސް ޚަރަދުކުރަން ނުޖެހޭތީ ދެމަފިރިންނަށް އުފަލުގައި އުޅެލެވޭވަރުގެ މުސާރައެއް އޭނާއަށް ލިބެއެވެ. އެގޮތަށް އުޅެމުން ގޮސް ދަރިން ކިޔަވައި ނިމި ވަޒީފާއަދާކުރަން ފެށުމުން އޭނާގެ ގެއާއި ތަނަވަސްކަން 3 ބައަށް ބަހައި 2 ބައި އޭނާގެ ދެފިރިހެންދަރިންނަށް އަނެއްބައި އަޅުގަނޑުގެ 4 ކުދިންނަށް ދިނެވެ. ދިނުމަށްފަހު ބުނީ ދިރިއުޅުން ވަކިކުރުމަށެވެ. ވަކިކުރިނަމަވެސް އޭނާ އަޅުގަނޑުމެންނަށް ކުރިއެކޭ އެއްގޮތަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އޭނާ ދުނިޔޭގައި ނެތް ދުވަހަކުން އަޅުގަނޑުގެ 4 ދަރިންނަކީ އުޚުތުން ކަމުގައި ބެލުމަށް ދެދަރިންނަށް ވަޞިއްޔަތްކުރިއެވެ. 

4 ކުދިންނަށް ލިބޭ މުސާރައާއިއެކު އަޅުގަނޑުމެން ތަނަވަހުގައި ދިރިއުޅެން ފެށިތަނާ ހޮސްޕިޓަލަކުން ގުޅާފައި ބުނީ ކުދިންގެ ބައްޕަގެ ދުލަށް ކެންސަރު ޖެހި ވަރަށް ސީރިޔަސް ޙާލުގައި އޮތްކަމަށާއި ބަލާނެ މީހަކުވެސް ނެތް ކަމަށެވެ. 

ކަންތައްތައް މެދުވެރިވީ ވަރަށް ދެރަގޮތަކަށެވެ. އެއްވެސް ދަރިއަކު ބައްޕަ ދެކެން ދާކަށް ބޭނުމެއް ނުވިއެވެ. އެފަދަ ޙާލެއް ޖެހުމުން މާފުކުރަންވާނެ ކަމަށްބުނުމުންވެސް ހަމަ އެއް ކުއްޖަކުވެސް އަޅުގަނޑުދިން ނަޞޭޙަތް ޤަބޫލެއް ނުކުރިއެވެ. 

އަޅުގަނޑާއި ފިރިމީހާ ދިއައިމެވެ. ކޮށްދެވުނު ކަމެއްވެސް ކޮށްދިނީމެވެ. އެއިރު އޭނާގެ ތަނަވަސްކަމަށް ފަހުން ކައިވެނިކުރިމީހާ ވަނީ ވެރިވެގެންފައެވެ. އެހެންވެ އަތުގައި އެއްވެސް ފައިސާއެއް ނެތެވެ. އެވާހަކަ ދަރިން ގާތުގައި ބުނުމުން ބޭސްފަރުވާއަށް ކުދިން ޚަރަދުކުރިއެވެ. ނަމަވެސް ދެކޭކަށް ނުދެއެވެ. ވަރަށް ޙާލުގައި އޮވެފައި ދުވަސްކޮޅަކުން ނިޔާވެއްޖެއެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގައި ޝާއިޢުކުރަމުން ގެންދާ "ޙަޤީޤީ ޙާދިސާ" ތަކުން މިބާވަތުގެ ވާހަކަތައް ފެންނާތީ އަޅުގަނޑުވެސް ޙިއްޞާކޮށްލީއެވެ. އޭނާގެ ދުލަށް ކެންސަރު ޖެހުނީ އޭނާއަށް ބުނެވުނު ބަހުން ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ދަރިންނަށާއި އަނބިންނަށް އެހައި އިހާނެތިކޮށް ކަންކަންކުރާ ބައްޕައިން މިފަދަ ވާހަކަތަކަށް ވިސްނައިލުން ރަނގަޅު ކަމަށް ފެނެއެވެ. އަދި ދުލުން ބުނާ ބަސްތަކަށް ފަރުވާތެރިވުންވެސް އެއީ ކުރަންޖެހޭނެ ކަމެއް ކަމަށް ފެނެއެވެ. ކުރާ ނުބައި އަމަލާއި ބުނާ ނުބައި ބަސްތައް އެމީހަކާއި އަރާހަމަކުރާނީ ކޮންދުވަހަކު ކޮންސިފައެއްގައި ކަމެއް ނުއެނގޭނެއެވެ.

 

- ފަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން