ޙަޤީޤީ ޙާދިސާ: އެންމެ ގާތް އެކުވެރިޔާ އާއި ފިރިމީހާ އެއް އެނދުގައި ނިދާފައި ތިއްބާ ފެނުމުން ރުޅިއާދެވުނީތީ އުމުރަށް ހިތާމަކުރަންޖެހުނު އާދައާ ޚިލާފް ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ޙަޤީޤީ ޙާދިސާ: އެންމެ ގާތް އެކުވެރިޔާ އާއި ފިރިމީހާ އެއް އެނދުގައި ނިދާފައި ތިއްބާ ފެނުމުން ރުޅިއާދެވުނީތީ އުމުރަށް ހިތާމަކުރަންޖެހުނު އާދައާ ޚިލާފް ޙާދިސާއެއްގެ ވާހަކަ-

އަޅުގަނޑަކީ ތަނަވަސް އަންހެނެއް ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އަމިއްލައަށް ކުރާ މަސައްކަތުން ހަމަޖެހިލައިގެން ދިރިއުޅެވެއެވެ. ފިރިމީހާއަށް ލިބޭ އާމްދަނީއަކީ އިތުރު ތަނަވަސްކަމެކެވެ.

އަޅުގަނޑުގެ އެކުވެރިން ގިނަވާނެއެވެ. ނަމަވެސް ގާތް އެކުވެރިއަކަށް ހުންނާނީ އެންމެ އަންހެނެކެވެ. އޭނާއަކީވެސް ކައިވެނިކޮށްގެން ހަމަ އުފަލުގައި އުޅޭ އަންހެނެކެވެ. އަޅުގަނޑު ރަށުންބޭރަށްދާނަމަ ގޭގެކަންތަކާއި ފިރިމީހާގެ ކަންކަންވެސް ބަލަހައްޓާނީ އޭނާއެވެ. 

އެއީ ކައިވެންޏަށް 7 ވަނަ އަހަރެވެ. އަޅުގަނޑުހުރީ ވިޔަފާރި ދަތުރެއްގައި ގޮސް އަވަށްޓެރި ޤައުމެއްގައެވެ. އެއްރޭ ހުވަފެނުން ފެނުނީ ގާތް މީހަކު ވަރަށް ބަލިވެ އުޅޭތަނެވެ. ކާކުކަމެއް ނުއެނގުނެވެ. އެހެންވެ ފިރިމީހާއަށް އަންގައިވެސް ނުލާ ދަތުރުކުރުކޮށްލާފައި މާލެ އައިމެވެ. މާލެ އައިސް ގެއަށް ދެވުނީ 1 ޖަހަނިކޮށެވެ.

ގެއަށްވަދެ ކޮޓަރި ހުޅުވުމާއިއެކު ފެނުނު މަންޒަރުން ދިއައީ ހިތްފަޅައިގެންނެވެ. އެނދުގެ ދެފަރާތުގައި ފިރިމީހާ އާއި އެންމެ ގާތް އެކުވެރިޔާ ނިދާފައި ތިބިތަން ފެނުމުންނެވެ. ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. ފިހިގަނޑު ނަގައިގެންގޮސް އެކުވެރިޔާގެ ގައިގައި ޖަހަން މަޅާލިތަނާ އޭނާއަށް ހޭލެވިގެން ބުންޏެވެ.

"އެކުވެރިޔާއެވެ. ޖެހިޔަސް މައްސަލައެއް ނެތެވެ. އެކަމަކު ޖެހުނީތީ ފަހުން ދެރަވާން ބޭނުން ނެތިއްޔާ އިހަށް ގޮސް ފިރިމީހާގެ ގައިގައި އަތްޖައްސާލަބަލާށެވެ! ދެން ސޯފާއަށްވެސް ބަލައިލާށެވެ! ބެޑްޝީޓެއްގައި އޮޅިގެން އެއޮތީ އަހަރެންގެ ފިރިމީހާއެވެ."

އެހެން ބުނުމުން ގޮސް ފިރިމީހާގެ ނިތްކުރީގައި އަތްޖައްސައިލިއިރު ހުން ވަރަށް ގަދައެވެ. އެކުވެރިޔާ ބުންޏެވެ. "ހޮސްޕިޓަލަށް ނޫނީ ކްލިނިކަކަށް ދާން މެންދުރުންސުރެ ދެމަފިރިން އާދޭސްމިކުރަނީއެވެ. ޕެރަސެޓަމޯލް ގުޅައެއް ކާލީމަ ރަނގަޅުވެދާނެއޭ ކިޔާފަ ހަމަ އެއްގޮތަކަށްވެސް ދާން އެއްބަސްނުވީމާ އެކަނި ދޫކޮށްލާފައި ދާން ނުކެރިގެން ދެމަފިރިން މިތިބީ އޭނާގެ ޚިދުމަތުގައެވެ. އައިސްއަޅަމުން ދަނިކޮށް ނިދުނީމާ ޖައްސައިލެވުނީއެވެ. މިހާ ބޮޑު އެނދެއްވީމާ އެއްފަރާތުގައި އޮށޯވެލެވުނީއެވެ. އެކަމަށްޓަކައި މާފުކުރާށެވެ!" 

ގަތްލަދާއި ވީދެރަ ބުނެދޭންވެސް ނުއެނގުނެވެ. ގައިގައި އޮޅުލައިގަތީމެވެ. މާފަށް އެދުނީމެވެ. ބުނެވުނެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ. ޝައިޠޯނާ އަހަރެންގެ މައްޗަށް ވެރިވެގަތީއެވެ. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ޝައިޠޯނާއަށް އެފުރުޞަތެއް ނުދޭނަމެވެ." 

މިހާރު ދެމީހުން ވެސް މިތިބީ 60 އަހަރާއި ގާތްވެފައެވެ. ދެމީހުންވެސް ހަމަ އަލަތު ކައިވެނިމަތީގައެވެ. ދެމީހުންވެސް ދިރިއުޅެނީ ފިރިމީހާއާއިއެކު ވަރަށް ލޯބިންނެވެ. އަދި އަހަރެމެން މިއުޅެނީ ހަމަ އެންމެ ގާތް ދެ އުޚުތުންގެ ގޮތުގައެވެ. އެކަމަކު މިހާރުވެސް އެހަނދާންވުމުން ވަރަށް ދެރަވެއެވެ. ލަދުވެސް ގަނެއެވެ.

 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ ވަރަށް ތަފާތުވާހަކައެކެވެ. އަބަދުހެން ފެންނަނީ އެންމެ ގާތް އެކުވެރިޔާ ލަނޑެއްދީ ފިރިމީހާ ޖަހައިގަނެގެން އުޅޭކަމުގެ ވާހަކައެވެ. އެކަމަކު އަޅުގަނޑުގެ އެކުވެރިޔާ ވަރަށް ތަފާތު ދޮގެއްތޯއެވެ!

 

ދެންބުނެލަން ބޭނުންނަވީ ކަންކަން ފެނުނަސް ބަލައިނުލެވޭނަމަ ޢުމުރަށް ހިތާމަކުރަންޖެހި މިފަދަ ކަންކަންވެސް މެދުވެރިވެދާނެއެވެ. ހަމައެފަދައިން ގާތް ހުރިހާ އެކުވެރިންނަކީ ނުބައި މީހުން ދެކޭކަށްވެސް ނުވާނެއެވެ. ތުހުމަތެއް ކުރެވުނަސް ޔަޤީންނުކޮށް ގޮތް ނިންމާނަމަ ލިބޭނީ އަޅުގަނޑަށް ލިބުނު ފަދަ ލަނޑެކެވެ.

 

--ބަޝީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން