ފިރިމީހާ ނުޤަބޫލަސް މިޙާލަތުގަ އަނބީމީހާއަށް އޮތީ ﷲ އަށް ބިރުވެތިވެ ވަޒީފާ ދޫކޮށްލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ފިރިމީހާ ނުޤަބޫލަސް މިޙާލަތުގަ އަނބީމީހާއަށް އޮތީ ﷲ އަށް ބިރުވެތިވެ ވަޒީފާ ދޫކޮށްލުން!

"އަޅުގަނޑަކީ ވަޒީފާއަދާކުރަން މަޖުބޫރުވެފައިވާ އަންހެނަކީމެވެ. އެއީ ވަޒީފާއިން ވަކިވަން ފިރިމީހާ ދެކޮޅުހަދާތީއެވެ. އޭނާއަށްވުރެ ގިނަ ފައިސާ ގެއަށް ވައްދަން އަޅުގަނޑަށް ލިބޭތީއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑު އެބަ ބިރުގަނެއެވެ. އެއީ އޮފީހުގެ ވެރިމީހާއާއިއެކު އެކަނި ދަތުރުތައް ކުރަންޖެހޭތީއެވެ. ރާއްޖެއިން ބޭރަށާއި ރިޒޯޓްތަކަށްވެސް ދާންޖެހޭތީއެވެ. އެކަން ދީނުގައި ހުއްދަ ނޫންކަމަށް ޢިލްމުވެރިން ބަޔާންކުރައްވާތީއެވެ. 

އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި އަޅުގަނޑުގެ ފިރިމީހާގެ ނުޤަބޫލުގައި ވަޒީފާ ދޫކޮށްލެވިދާނެތޯއެވެ؟ ޢަމަލުކުރަންޖެހޭނީ ކޮން ގޮތަކަށްތޯއެވެ؟

"އެޙާލަތުގައި އޮތީ ވަޒީފާދޫކޮށްލުމެވެ! ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވާންޖެހޭތީއެވެ. ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމެވެ. ފިރިމީހާގެ އަމުރަށް ކިޔަމަންތެރިވުމުގެ ގޮތުން ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވުމެއް ނެތެވެ. ފިރިމީހާއަށް ކިޔަމަންތެރިވާންޖެހޭނީ ﷲ ތަޢާލާގެ އަމުރުފުޅުތަކުގެ ތެރެއިންނެވެ. އަމުރުފުޅުތަކަށް ކިޔަމަންތެރިވާ ޙާލަތުގައެވެ." 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ތިރިގައިވާ ލިޔުމުން އިތުރު މަޢްލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

ރަސޫލް(ﷺ) ގެ ޙަދީޘްފުޅެއްގެ މާނައިގައެިވެއެވެ.

"ޤިޔާމަތް ދުވަހު ﷲ ރަޙްމަތުގެ ނަޒަރުން ﷲ ބައްލަވައިވޮޑިގެން ނުވާ 3 ބައަކު ވެއެވެ. އެއީ މައިންބަފައިންނަށް ނުކިޔަމަންތެރިވާ މީހުންނާއި، ފިރިހެން ހެދިގެން އުޅޭ އަންހެނުންނާއި ދައްޔޫސުންނެވެ."

ދައްޔޫސުންނަކީ ކޮބައިތޯއެވެ؟ 

އަންހެނުން ދައްޔޫސުންގެތެރެއަކަށް ނުވަދެއެވެ. ދައްޔޫސުންނަށްވުމަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަވެގެންވާ ސިފައެކެވެ. ސަބަބަކީ އަންހެނުން ނުބައިމަގަކުން ދިއުމުން ސަލާމަތްކުރަން ތިބި ބައަކީ ފިރިހެނުން ކަމަށްވާތީއެވެ. އަނހެނަކު އެފަދަ ނުބައި މަގަކުން ދާކަން އެނގިހުރެ، އަލައިނުލައި، އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ފިރިހެނުންނަށް ދައްޔޫސުންނެވެ ކިޔެއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިހާރަކަށް އައިސް އޮފީހުގެ ބޮޑުމީހާއަށް އަނބިން ދީގެން ތިބުމަކީ ވަރަށް ޢާންމުކަމެކެވެ. ރޭގަނޑާއި ދުވާލު އޮފީހުގަ އާއި ކޮފީތަކާއި ބޮޑެތި ހޮޓާތަކާ ރިޒޯޓުތަކުގައި އުޅުމަށްފަހު އެވަރުންވެސް ނުވެގެން ރާއްޖެއިން ބޭރަށް އެކުގައި ކުރަންޖެހޭ ދަތުރުތައްވެސް އޮންނަނީ ގިނަވެފައެވެ. 

ވަޒީފާ ކިތަންމެ ބޭނުން ނަމަވެސް އަދި ކިތަންމެ މުހިންމު ނަމަވެސް ހިލޭ އަންހެނުން އެކަހެރިވެ އުޅުމާއި އެކުގައި ދަތުރުކޮށް އެއް ހޮޓަލުގައި، އެއްކޮޓަރީގައި ތިބުމަކީ އިސްލާމް ދީން ހުއްދަކުރާ ކަންކަމެއް ނޫނެވެ. އެހެންކަމުން ވަޒީފާ އަދާކުރާއިރު މިކަންކަން މިގޮތަށް ކުރެވޭނެ ގޮތަށް ފުރުޞަތުދީގެން ސިވިލް ސާވިސްގެ ޤާނޫނާއި ވަޒީފާ އާއިބެހޭ ޤާނޫނުތައް ހަދައި ފާސްކޮށްފައި ހުރުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގެ އުޞޫލުތަކަށް ގޮންޖަހައި ކޮށްފައިވާ ނުބައި ޢަމަލެކެވެ. 

މީގެ އިތުރުން ވަޒީފާގެ ކުރިއެރުމާ ސިޔާސީ މަޤާމުތައް ވެސް، ކުރާ މަސައްކަތަށާއި ފެންވަރަށް ނުބަލައި ރުހޭ ބައަކަށް ދެމުން ގެންދިއުމަކީވެސް ބޮޑުމީހާ ނުވަތަ ބޮޑުންގެ ރުހުން  ހޯދަން މުވައްޒިފުން އަޅުވެތިވެ ފާހިޟް ޢަމަލުތައް ކުރަން މަޖުބޫރުވާ ސަބަބެއްކަމަށް ބައެއް މުވައްޒިފުން ބުނެފައިވެއެވެ. 

 

މިއަދު އޮންލައިން