ފުރަތަމަ ކަމަކަށް އެކެއްގެ އެއް އަންތބަށްވުރެ ގިނަ އަނބިން ތިބިނަމަ ހުރިހާ އަނބިންވާން ޖެހޭނީ އެކުވެރި ރަޙްމަތްތެރިންނަށެވެ. އެކަކު އަނެކަކަށް އެހީތެރިވާ ބައަކަށެވެ. އެކަކަށް ޖެހޭ ކަންކަމުގައި އެހީތެރިވެ އަޅައިލުންދޭ ބައަކަށެވެ.
މީސްތަކުންގެ ހިތްތަކުން ލޯތްބާއި ކުލުނު ފިލައިގެން ގޮސްފައިވާ މިންވަރު ނިކަންދެކެބަލާށެވެ! މިބުނި ފަދަ ޢާއިލާތަކުގައި މިސާލަކަށް މީހެއްގެ 2 އަނބިން ތިބެފައި އެތަނުން އެއް އަންބަށް ބޯހިޔާވަހިކަމެއް ނުދޭތަނުގައި، ބަލިވުމުން އަޅައިނުލާއިރު، ކާނެ އެތިކޮޅެއްވެސް ނުދޭކަން އެނގިހުރެމެ ފިރިމީހާގެ ފައިސާތަކުގެ މަތީގައި އަނެއް އަނބިމީހާ އެބަ އުދުހެއެވެ.
ދެވަނަ އަނބިމީހާ އަށް ކާންދިނުމާއި ބެލެހެއްޓުމަކީ ފިރިމީހާގެ ވާޖިބެކެވެ. ނަމަވެސް ކާންލިބޭ އަނބިމީހާ ވެސް ވިސްނައިލަންވީ ނުކައި އެއިންނަނީހަމަތިމާ ފަދަ އިންސާނެއްކަމެވެ. އޭނާއަށް ކާންދޭން ޖެހޭ ތިމާގެ ވެސް ފިރިމީހާ، އޭނާއަށްވެސް ކާން ނުދިން ފަދައިން ތިމާއަށް ވެސް ކާން ނުދީ ނިކަމެތިކޮށްލައިފާނެދުވަހެއް އަތުވެދާނެ ކަމަށެވެ. ވިސްނައިލަންވީ އެފަދަ ދުވަހަކުން ތިމާގެ ލޮލުންވެސް އޮހޮރަން ޖެހޭނެ ކަރުނައަށެވެ!
ހުރިހާ އަންހެނުންނަށް ވަޞިއްޔަތް ކުރަމެވެ! ފިރިމީހާގެ އިތުރު އަންތބަކު އިންކަން އެނގޭނަމަ އޭނާއަށް ކާންދިނުމާއި އެހެނިހެން ކަންކަން ކޮށްދޭކަން ކަށަވަރުކުރަންވާނެއެވެ! އެކަންކަން ފިރިމީހާ ނުކުރުމުން ތިމާއަށް ލިބޭ ބައި އިތުރުވާނެ ކަމަށް ހީވެސް ނުކުރާށެވެ! ބިރުވެތިވާންވީ ﷲ ތަޢާލާގެ ކޯފާއަށެވެ! މިންވަރުކުރައްވަވައިފާނެ ދަތި ޙާލަތަކަށެވެ! ޤިޔާމަތް ދުވަހަށެވެ!
އަނެކާ އާއިމެދު ހެޔޮކޮށް ހިތުމުން ﷲ ތަޢާލާ ތިމާއަށް މިންވަރުކުރައްވަވާނެ ނިޢްމަތްތައް މާމަތިވެރިވާނެކަން ޔަޤީންކުރާށެވެ! ފިރިމީހާ ނުބައިކޮށް ކަންކަން އެކުރަނީ ތިބާއަށް ހެޔޮނޭދޭ އަންހެނަކަށް ކަމަށްވެސް ވެދާނެއެވެ. ދެމީހުންގެ މެދުގައި މައްސަލައެއްވެސް އޮވެދާނެއެވެ. ކުރަންޖެހޭ ކަމަކީ އޭނާ ޙާލުގައި ޖެހޭވަގުތު އެހެން ހުރިހާ ކަންކަން ބަހައްޓާފައި އޭނާއަށް އެހީތެރިވުމެވެ. އެކަމަށްޓަކައި ﷲ ދެއްވަވާނެ މަތިވެރި ޖަޒާއަށް އުންމީދުކުރުމާއިއެކުގައެވެ.
ހިތާމައަކީ އެންމެއަންބެއްގެ ކަންކަން ނުބެލެހެއްޓޭ ހާލުގައިވެސް އިތުރު ކައިވެނިތައްކޮށް އަނބިންގެ އަދަދު ގިނަކުރާ ކަމެވެ. ތިމާއަކީ އެކަކަށްވުރެ ގިނަ އަނބިންގެ ފިރިމީހާކަމަށް ބުނުމުން ލިބޭ ފަޚުރަށްވުރެ ޤިޔާމަތް ދުވަހު ކުރިމަތިލާން ޖެހިދާނެ ހާލަތުގެ ހިތާމަވެރިކަން މާބޮޑުވެދާނެކަމަށް ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟
މިހާރަކަށް އައިސް އިންސާނުންގެ ދިރިއުޅުމަށް އަންނަމުން މިދާ ބަދަލުތަކުގައި އެކުވެރިކަމާ ކުލުނާއި އޯގާތެރިކަން މިދަނީ ނެތި ހުސްވަމުންނެވެ. ނަތީޖާއަކަށްވެގެންދަނީ ފިތުނަވެރިކަން ހުރިހާ ޢާއިލާތަކެއްގައި ޢާންމުވެ ފެތުރިގެންދިއުމެވެ. ޢާއިލާތަކަށް ޝައިޠޯނާގެ ބާރު ގަދަކޮށްލުމުން އެފަދަ ކަންކަން ހިނގުން އިތުރުވަމުންދަނީއެވެ. އެޙާލަތުން އަރައިގަންނަން މަސައްކަތްކުރަންޖެހޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން