ޤުރްއާނުގަ އޮތީ އަނބިންގެ ރީތިކަމަށް ފަޚުރުވެރިވުމާ ފާރަވެރިވުމުގެ ވާހަކައެކަންޏެއް ނޫން! އަނބިމީހާގެ ޚަރަދުތައްވެސް ބަލަހައްޓަންޖެހޭނެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޤުރްއާނުގަ އޮތީ އަނބިންގެ ރީތިކަމަށް ފަޚުރުވެރިވުމާ ފާރަވެރިވުމުގެ ވާހަކައެކަންޏެއް ނޫން! އަނބިމީހާގެ ޚަރަދުތައްވެސް ބަލަހައްޓަންޖެހޭނެ ވާހަކަ!

ކައިވެނިކުރުމަށްފަހު ދެމީހުންގެ ޒިންމާތަކާއި ދެމީހުންވެސް ޢަމަލުކުރަންޖެހޭ ގޮތް ޤުރްއާނުގައި ވަރަށް ސާފުކޮށް ވަނީ ބަޔާންކުރައްވަވައިފައެވެ.

ﷲ ތައާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވަނީ "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމު ވެގެން ތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ."

މިއާޔަތުން އެނގިގެން މިދަނީ އަންހެނުންގެ މައްޗަށް ފިރިހެނުންނަށް މާތްކަން ދެއްވަވާފައިވަނީ ޝަރުޠުތަކަކާއިއެކުގައި ކަމެވެ. އެގޮތުން "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމު ވެގެން ތިބޭ ބައެއް" ކަމަށެވެ.

މިއާޔަތުގައި ރައްކައުތެރިވުމާއި ބެލެހެއްޓުމުގެ މާނަ އައިސްފައި މިވަނީ ވަރަށް ފުޅައު މާނައެއްގައެވެ. އެއިގެ ތެރޭގައި ކައިވެނިކުރުމަށްފަހު އިންނާނެ ތަނެއް ދެއްކުމާއި ކާން ބޯން ދިނުމާއި އުނުއަންނައުނު ދިނުމާއި ބަލިވެއްޖެ ނަމަ ބޭސްކޮށްދިނުމާއި އޯގާތެރިކޮށް ހިތައި ލޯބި ދިނުމާއި ހެޔޮކޮށް ހިތުންވެސް ހިމެނެއެވެ.

ނަމަވެސް މިކަންކަން ގިނަ ބައަކު ވަނީ ވަރަށް ބޮޑަށް އޮޅުވާލައިފައެވެ. އެމީހަކަށް ލިބޭ މިންވަރުންވެސް އަނބިންނަށް ޚަރަދުނުކޮށް އެތައް މަސްދުވަހެއް ފާއިތުކޮށްލާ އެތައް ބައަކު އެބަ އުޅެއެވެ. އެފަދަ މީޙުންނަށް ކައިވެނީގެ ޚުޠުބާއިން އަޑުއިވޭކަމަށްވެފައި އޮންނަނީ އނބިމީހާ އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަ އެކަންޏެވެ. ފިރިމީހާ އަދާކުރަންޖެހޭ ޙައްޤުތަކުގެ ވާހަކަތައް އަޑުއިވުނު ކަމަކަށް ނުހަދައެވެ.

ކައިވެންޏަކީ ދެމީހެއްގެ މެދުގައި ވެވޭ އެއްބަސްވުމެކެވެ. ދެ މީހުން އަމަލުކުރަން ޖެހޭ ކަންކަމަށް ދެމީހުންކުރެ އެކަކު އަމަލުނުކުރާ ނަމަ އެއްބަސްވުމުގެ ޞައްހަކަމާއިމެދު ސުވާލު އުފެއްދުމުގެ ޙައްޤު އަނެކާއަށް ލިބިގެންވެއެވެ!

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމު ވެގެން ތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބައެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (އައްނިސާ: 34)

ލޮބުވެތި ކަނބަލުންނޭވެ! "-- ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ." އޮތް ބަސްފުޅަށް ފަރުވާތެރިވާށެވެ. ފިރިންނަށް ކިޔަމަންތެރިވެ ﷲ ތަޢާލާގެ ޙަޟްރަތުގައި ހެޔޮލަފާ އަންހެނަކަށްވާން މަސައްކަތްކުރާށެވެ.

ފިރިންނޭވެ! އަނބިން ނުކިޔަމަންތެރިވާނަމަ ޢަމަލުކުރަންވީގޮތްވެސް މިއޮތީއެވެ. "-- އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." މިއިންތަކުގައި ހިފަހައްޓާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން