ކުރިމަތިކުރައްވަވާ އެއްވެސް މުޞީބާތަކަށް މުއުމިނުން ބިރުގަނެ ހިތާމަކުރަން ނުޖެހޭނެކަން ޤުރްއާނުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކުރިމަތިކުރައްވަވާ އެއްވެސް މުޞީބާތަކަށް މުއުމިނުން ބިރުގަނެ ހިތާމަކުރަން ނުޖެހޭނެކަން ޤުރްއާނުން!: މުފްތީ މެންކް

ތިމާއަށް ދަތިޙާލަތެއް ކުރިމަތިވުމުން ނުވަތަ ބަލިމަޑުކަމެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވުމުން ކަންބޮޑުވެގެން ތިއައުޅެނީ ކީއްވެގެން ހެއްޔެވެ؟ އެކަންކަންފޮނުއްވެވި ﷲ ތަޢާލާގެ ވަޙީ ބަސްފުޅުން ޢިބްރަތް ޙާޞިލު ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ޤަބޫލުނުކުރަނީ ކީއްވެގެން ހެއްޔެވެ؟

"--- ތަޤްވާވެރިވެ، އަދި (ޢަމަލު ތައް) އިޞްލާޙް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބައަކު ކަމުގައިވެސް ނުމެވޭމެއެވެ."

އަހަރެމެނެންނަށް އޮތީ މިއާޔަތުގައިވާ ވަޙީ ބަސްފުޅު ހެޔޮހިތުން ޤަބޫލުކުރުމެވެ. އެ ބަސްފުޅުތަކަށް އިތުބާރުކޮށް ޔަޤީން ކުރުމެވެ.

"އޭ އާދަމް ގެދަރިންނޭވެ! ތިމަންރަސްކަލާނގެ އާޔަތްތައް، ތިއަބައިމީހުންނަށް ކިއައިދެއްވާ ރަސޫލުންތަކެއް، ތިއަބައިމީހުންގެ ތެރެއިން ތިއަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، ތަޤްވާވެރިވެ، އަދި (ޢަމަލު ތައް) އިޞްލާޙް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބައަކު ކަމުގައިވެސް ނުމެވޭމެއެވެ." (އަލްއަޢްރާފް: 35)

ހަމަ އެއާއިއެކު ﷲ ތަޢާލާ އަށް އީމާންވެ ކިޔަމަންތެރިވުމުން ދެއްވަވާނެ މަތިވެރި ނިޢްމަތްތައްވެސް މިވަނީ ވަޙީކުރައްވަވައިފައެވެ.

"ޙަމްދު ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ." ކަން އޮތީ މިފަދައިންނެވެ. އެއްވެސް މީހަކު ތިމާއަކީ ތެދުމަގު ލިބިގެން ހުރި މީހަކު ކަމަށް ދެކެގެން ނުވާނެއެވެ. ތެދުމަގު ދައްކަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ!

"އަދި އެއުރެންގެ ހިތްތަކުގައިވާ ހަސަދަ ވެރިކަން، ތިމަންރަސްކަލާނގެ ވަނީ ވަކިކުރައްވާފައެވެ. އެއުރެންގެ ދަށުން ފެންއާރުތައް ހިނގައެވެ. އަދި އެއުރެން ބުނާނެތެވެ. ޙަމްދު ހުރީ ތިމަންމެންނަށް މިކަމަށް ތެދުމަގު ދެއްކެވި ﷲ އަށެވެ. އަދި ﷲ، ތިމަންމެންނަށް ތެދުމަގު ދައްކަވައިފިއްޔާ މެނުވީ، ތިމަންމެންނަކަށް ތެދުމަގެއް ނުފެނުނީހެވެ. ތިމަންމެންގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލުން، ޙައްޤު ދީނާއިގެން ވަޑައިގަތްކަން ކަށަވަރެވެ. ދެން އެއުރެންނަށް ގޮވައި އަންގަވާނެތެވެ. އެހެރީ ސުވަރުގެއެވެ. ތިއަބައިމީހުން ކޮށްއުޅުނު ޢަމަލު ތަކުގެ ސަބަބުން އެތަން ތިއަބައިމީހުންނަށް ލިބިދެއްވިއެވެ." (އަލްއަޢްރާފް: 43)

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން