މިހާރު ތިބި އަނބިދަރިންނަށް ޚަރަދު ނުކުރެވޭ ޙާލުގަވެސް ގިނަ އަނބިން ހޯދުމަކީ ހުއްދަކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
މިހާރު ތިބި އަނބިދަރިންނަށް ޚަރަދު ނުކުރެވޭ ޙާލުގަވެސް ގިނަ އަނބިން ހޯދުމަކީ ހުއްދަކަމެއްތޯ؟

އަޅުގަނޑުމެންގެ ތިން ދަރިން އެބަތިއްބެވެ. ޢުމުރަތީ ދިހަ އަހަރާއި އަށް އަހަރާއި އަދި ފަސް އަހަރެވެ. ފިރިމީހާއަށް ލިބޭ އާމަދަނީން 3 ދަރިންނާއި އަޅުގަނޑުގެ ޚަރަދުތައްވެސް އުޅެނީ ނުބެލެހެއްޓިގެންނެވެ. އެޙާލަތުގައިވެސް އުޅެނީ އިތުރު ކައިވެންޏެއް ކުރަންވެގެންނެވެ. އަޅުގަނޑުގެ ސުވާލަކީ މިހާރު ތިބި އަނބިދަރިންނަށް ޚަރަދު ނުކުރެވޭ ޙާލުގަވެސް ގިނަ އަނބިން ހޯދުމަކީ ހުއްދަކަމެއްތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ކައިވެނިކުރުމަކީ އަމިއްލައަށް ޙަވާލުވާ ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. އަނބިމީހާ އާއި އަޅައިލަން ޖެހޭނެއެވެ. ޚަރަދުކުރަން ޖެހޭނެއެވެ. ޒިންމާ ވެސް އުފުލަން ޖެހޭނެއެވެ. ވީމާ ކައިވެނިކުރަން ޖެހޭނީ ޚަރަދުކުރެވޭނެ ކޮންމެވެސް ގޮތެއް ވެސް ހޯދުމަށްފަހުއެވެ. މިހާރުތިބި އަނބިދަރިންނަށް ޚަރަދުނުކުރެވޭ ޙާލުގައި އަނބިން އިތުރުކުރުމެއް ނެތެވެ. އެއިރުން އެދެވެނީ ކައިވެނި ޞައްޙަވުމުގެ ޝަރުޠުތަކުންވެސް ބޭރަށެވެ. އެހެނީ ކައިވެންޏަށްފަހު އަނބިމީހާގެ ޚަރަދުތައް ބެލެހެއްޓުމާއި ދަރިން ލިބުމުން ދަރިންގެ ޚަރަދުތައް ބެލެހެއްޓުމަކީ ކައިވެނީގެ އެންމެ ބޮޑު އެއް ޒިންމާއެވެ.

ކުޑަކުޑަ މިސާލެއްވެސް ބުނެލާނަމެވެ. ވިޔަފާރިކުރާ މީހެކެވެ. ފިހާރައެއް ހިންގައެވެ. ނަމަވެސް އަތުގައި ފައިސާ ނެތުމުން ފިހާރައަށް ބޭނުންވާވަރަށް މުދަލެއް ނުވެއްދެއެވެ. ނަތީޖާއެއްގެ ގޮތުން ލިބޭ ޢާމްދަނީމަދުވެ ކުލިވެސް ނުދެއްކިގެން އުޅޭޙާލުގައި އިތުރު ފިހާރައެއް ކުއްޔަށް ހިފުންވާނީ ކޮންކަހަލަ ކަމަކަށް ހެއްޔެވެ؟ އަނބިން ގިނަކުރުމުގައިވެސް މި ބަޔާންކުރި ޙާލަތަށް ބަލަންޖެހޭނެއެވެ.

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބަސްފުޅެއްގައިވެއެވެ.

އެހެންވީމާ މިސާލަކަށް މިވަގުތު ކިޔަވަން އުޅޭ ކުއްޖާ އޭނާއަށް ލާރި ލިބޭނެގޮތެއްނެތް. އޭނާ ކިޔެވުން ނުނިމި ހުރީ. އޭނާ މީހަކާވެސް އިންނަން ބޭނުންވޭ، އެކަމަކު އޭނާއަށް މިވަގުތަށް އެންމެ މުހިއްމު ކަމަކީ ކޮބައި މީގެތެރެއިން؟ އޭނާ މީހަކާ އިނދެގެން ދިރިއުޅުންތޯ؟ ނުވަތަ އޭނާ ކިޔެވުން ނިންމާފައި ނުވަތަ ކިޔަވަން އުޅެމުންވެސް ވަޒީފާއެއް ހޯދާފައި މީހަކާ އިނުންތޯ؟ މީހަކާ އިނުމަކީ ޒިންމާއެއް. ރެސްޕޮންސިބިލިޓީއެއް އެއީ. ޚަރަދު ކުރަންޖެހޭނެ. އަޅާލަން ޖެހޭނެ. އުޅޭނެ ތަނެއް ހޯދަންޖެހޭނެ. އެހެންވީމާ މިވަގޮތަށް އޭނާއަށް އެންމެ މުހިއްމު ކަމަކީ، އެންމެ މުހިއްމު ކަމަކަށްވާނެ ކަމެއް އޭނާ އަމިއްލައަށް ކަނޑައަޅަންވީ ތިމަންނާއަށް އެންމެ ކުޑަމިނުން ޕާޓްޓައިމްކޮށް ވަޒީފާއެއް ލިބޭނެގޮތްވެސް ތިމަންނަ ހަދާފައޭ ތިމަންނަ މީހަކާ އިންނާނީ. އެހެންނޫނީ ކިހިނެތްވާނީ. އެހެންނޫނީ އެކަމަކުން އެންމެ އުފާވެރި ނަތީޖާއެއް ނުނެރެވިދާނެ.

އެހެންވީމާ ހަޔާތުގެ ކަންކަމައިގެން އުޅޭ އުޅުމުގައި މިކަންކަމުގެ ދަރަޖަތައް ތަފާތުކުރަން ދަސްކުރުމަކީ އެއީ ވަރަށް މުހިއްމު ކަމެއް. އެހެންނޫނިއްޔާ އެންމެ މުހިއްމުކަމަށް މުހިއްމުކަން ނުދެވި އެއާ ޖެހިގެން އޮންނަކަމަކަށް މުހިއްމުކަން ދެވިއްޖެކަމުގައިވާނަމަ އޭނާ އެ ޕްރައިއޮރޮޓީ ނުވަތަ އިސްކަންދޭ ތަރުތީބު އޮޅިއްޖެކަމަށްވަނީނަމަ އޭނަ ކާމިޔާބުގެ މަންޒިލަށް ވާސިލްވުމަށްޓަކައި ދަތިތަކެއް މެދުވެރިނުވެ ނުދާނެ. ދަތިތަކެއް މެދުވެރިވާނެ.

އެހެންވީމާ އެކިމީހުންނަށް އެކިއެކި ކަންތައްތައް މެދުވެރިވާނެ ހަޔާތުގައި އުޅޭއިރު. އެކަންތައްތަކުގެ ތެރެއިން ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި އޭނާ ޖެހޭ ކަންކަމުގެ ދަރަޖަތައް ތަފާތުކޮށް ދަނެގަންނަން. އަދި ދަރަޖަ ކުރެވިގެން ޕްލޭންކުރެވިގެން އަމާޒަށް ދަތުރުކުރާމީހަކަށް މިސްރާބަށް ދަތުރުކުރާ މީހަކަށް އޭނާ ވާންޖެހޭނެ.

--ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ވާހަކަފުޅުން

މިއަދު އޮންލައިން