ބަލިވެ އޮންނަން ޖެހުނަސް އިންނަން ޖެހުނަސް ޤުރްއާނާ ކައިރިވެލާށެވެ! ތެދުވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބަލިވެ އޮންނަން ޖެހުނަސް އިންނަން ޖެހުނަސް ޤުރްއާނާ ކައިރިވެލާށެވެ! ތެދުވެވޭނެ! އިން ޝާ ﷲ

ބަލިވުމުން އެނދެއްގައި އޮންނަން ޖެހުމަކީ އަދި ގޮނޑިއެއްގައި އިންނަން ޖެހުމަކީ މައްސަލައެއް ކަމަށެ ނުދެކޭށެވެ! ދިރިއުޅުމުގައި ކުރިމަތިކުރައްވަވާ ކޮންމެ ޙާލަތަކީ ވެސް ނަރަކައިން ސަލާމަތްވުމަށް ﷲ ތަޢާލާ ދެއްވަވާ ވަރަށް މަތިވެރި ފުރުޞަތެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. 

އެހެނީ ﷲ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އީމާންވާ މީހުންނަށް އެއްވެސް ޢަޛާބެއް ނުދެއްވަވާނެކަން އެކަލާނގެ ވަނީ ވަޙީ ޚުރައްވަވައިފައެވެ. ވީމާ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ! 

ދަތިތަކާއި ތަކްލީފްތައް އަބަދުވެސް ކުރިމަތިވާނެއެވެ. ދާނީވެސް ކުރިމަތިވަމުންނެވެ. ނަމަވެސް ﷲ ތަޢާލާގެ ނިޢްމަތްތައް އަބަދުވެސްވަނީ އަހަރެމެންނާއިއެކުގައެވެ. ބަލިވެ އޮންނަން ޖެހިއްޖެނަމަ ކުރިން އުޅުނުފަދަ އުފާވެރި ދިރިއުޅުމެއް ނުއުޅެވުނު ނަމަވެސް އެމީހަކުވާނީ ﷲ ތަޢާލާގެ މަތިވެރި ނިޢްމަތުގައެވެ. ﷲ ތަޢާލާ ދެއްވެވި ރިޒްޤް ކައި ދުޅަހެޔޮ ޞިއްޙަތުގައެވެ. ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުގައެވެ. 

ވީމާ އޮތީ ޝުކުރުވެރިވުން އިތުރުކުރަން މަސައްކަތްކުރުމެވެ. އީމާންތެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެއިރުން ﷲ ތަޢާލާގެ ޢަޛާބާއި ކުރިމަތިލާން ނުޖެހޭނެކަން މިއާޔަތުން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ! 

"ތިއަބައިމީހުން ޝުކުރު ކޮށް، އީމާން ވީނަމަ، ތިއަބައިމީހުންނަށް ޢަޛާބް ދެއްވުމުން ﷲ ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް ﷲ ޢަޛާބް ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) ޝުކުރު ޤަބޫލު ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ  ވޮޑިގެންވެއެވެ." (އައްނިސާ: 147)

ވީމާ ޖެހުނު ބަލިމަޑުކަމާއި ގުޅިގން ބޭކާރު ފިކުރުތައް ކުރަން ވަގުތުތައް ނަގައިނުލާށެވެ! ދެއްވަވާފައިވާ މަތިވެރި ފުރުޞަތުގެ ބޭނުން ހިފައި ﷲ ތައާލާގެ ޢަޛާބުން ސަލާމަތްވާން ގަދައަލައި މަސައްކަތްކުރާށެވެ! ޝުކުރުވެރިވުމާއި އީމާންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! ކީރިތި ޤުރްއާނާއި އިތުރަށް ކައިރިވެލާށެވެ! ޝިފާދެއްވަވާނެތެވެ! ތެދުވެވޭނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލފަތުގެ ދަރުސަކުން

މިއަދު އޮންލައިން