އަހަރެމެން ސުވަރުގެ ވައްދަވަން ﷲ ބޭނުންފުޅުވެވޮޑިގަންނަވާވަރު ނިކަން ދެކިބަލާށެވެ! "ބޮޑެތި ފާފަތައް ނުކުރީމާ ކުދިކުދި ފާފަތައް ފުއްސަވާދެއްވަވައި ސުވަރުގެއަށް ވައްދަވާނެ!"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އަހަރެމެން ސުވަރުގެ ވައްދަވަން ﷲ ބޭނުންފުޅުވެވޮޑިގަންނަވާވަރު ނިކަން ދެކިބަލާށެވެ! "ބޮޑެތި ފާފަތައް ނުކުރީމާ ކުދިކުދި ފާފަތައް ފުއްސަވާދެއްވަވައި ސުވަރުގެއަށް ވައްދަވާނެ!"

މިއީ ސުވަރުގެ އެދިގެން މަސައްކަތްކުރާ މުސްލިމުން އެންމެ ބޮޑަށް އުފާކުރަންވީ ކަންތަކެވެ. އެހެންވެ ބައެއް މީހުން ބުނާ ގޮތުގައި އެނަމް އުފާވެރި ޚަބަރު ވަނީ މިއާޔަތުގައެވެ.

ﷲ ތައާލާ ވަޙީ ކުރައްވަވާފަވަނީ މިފަދައިންނެވެ!

"ތިއަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިއަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިއަބައިމީހުންގެ ކުދިކުދި ފާފަތައް ތިއަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަންރަސްކަލާނގެ، ތިއަަބައިމީހުން ވައްދަވާހުށީމެވެ." (އައް ނިސާ: 31)

މިއާޔަތުން އެނގިގެންދަނީ ﷲ ތަޢަލާ "އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިއަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިއަބައިމީހުންގެ ކުދިކުދި ފާފަތައް ތިއަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވައި ދެއްވަވާނެ" ކަމެވެ. އަދި "މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަންރަސްކަލާނގެ، ތިއަބައިމީހުން ވައްދަވާނެ" ކަމެވެ.

ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކުން މިއަދު އެންމެ ގިނައިން ކުރެވޭ ފާފަތަކަކީ ފާހިޝް ޢަމަލުތައް ކުރުމާއި ބަނގުރަލާއި ޑްރަގް ބޭނުންކުރުމާއި ވައްކަންކުރުމާއި ޖުވާ ކުޅުމާއި މަކަރާއި ހީލަތް ހެދުމާއި އަނިޔާވެރިވުމާއި މީހުން މެރުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި ރިބާގެ މުޢާމަލާތުކުރުން ފަދަ ކަންކަމެވެ.

މިފާފަތަކުގެތެރެއިންވެސް އެންމެ ގިނަބައަކަށް އެކަމުގެ ބިރުވެރިކަން ނުއެނގިތިބެ ކުރެވެމުން އަންނަ ފާފައަކީ ރިބާގެ މުޢާމަލާތްތަކެވެ. ރިބާ ޢާންމުވެފައިވާވަރުން އެއީ ގިނަ ބައަކު ކުރާ ކަމަކަށްވާތީ އެއީ ފާފައެއް ކަމަށް ޤަބޫލު ނުކުރެވޭ ޙާލަތަށް ވެސް ގިނަ ބައަކު ވަނީ ގޮސްފައެވެ. ކިތަންމެ ގިނަ ބައަކު ކުރި ނަމަވެސް ފާފައެއް ވާނީ ހަމަ ފާފައަކަށެވެ! ދުނިޔޭގެ އެންމެން އެ ފާފައެއް ކުރި ނަމަވެސް ފާފައިގެ ޙުކުމް ބަދަލެއް ނުވާނެއެވެ.

މީސްތަކުންނޭވެ! ސުވަރުގެ ޙާޞިލުކުރުމަކީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހާއަށް އެއްވެސް ދަތި އުނދަގޫ ކަމެއް ނޫނެވެ! އެހެނީ ކުރެވޭ ކުދި ފާފަތައް ފުއްސަވައިދެއްވަވާ ވަރަށް ގިނަ ގޮތްތައް އެބަ ހުއްޓެވެ! ވުޟޫކުރުމާއި މިސްކިތަށް ހިނގާފައި ދިއުމާއި ނަމާދަށް އިންތިޒާރުކުރުން ފަދަ ކަންކަމުންވެސް ކުރެވޭ ކުދިފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

މަސައްކަތްކުރަންވީ ބޮޑެތި ފާފަތައް ނުކުރުމަށެވެ! މީސްތަކުންގެ ޙައްޤުތަކަށް އަރައި ނުގަތުމަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން