ޢަލީ އިޙްޞާން ފިރާޤް
ހަފްތާގެ އެކި ދުވަހު އެކި މަޚުލޫޤުން ޚަލްޤުކުރެއްވުން. އާދަމްގެފާނު ޚަލްޤުކުރެއްވީ ހުކުރު ދުވަހު.
މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤުކުރެއްވީ ހުކުރު ދުވަހެއްގައެވެ. އެދުވަހުގެ ޢަޞްރުގެފަހުންނެވެ. އެދުވަހުގެ އެންމެފަހު ވަގުތުގައެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވުއެވެ. ރަސޫލާ صلّى اللّـه عليه وسلّم ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވައި ޙަދީޘް ކުރެއްވިއެވެ.
" خَلَقَ اللَّهُ عَزَّ وَجَلَّ التُّرْبَةَ يَوْمَ السَّبْتِ وَخَلَقَ فِيهَا الْجِبَالَ يَوْمَ الأَحَدِ وَخَلَقَ الشَّجَرَ يَوْمَ الاِثْنَيْنِ وَخَلَقَ الْمَكْرُوهَ يَوْمَ الثُّلاَثَاءِ وَخَلَقَ النُّورَ يَوْمَ الأَرْبِعَاءِ وَبَثَّ فِيهَا الدَّوَابَّ يَوْمَ الْخَمِيسِ وَخَلَقَ آدَمَ عَلَيْهِ السَّلاَمُ بَعْدَ الْعَصْرِ مِنْ يَوْمِ الْجُمُعَةِ فِي آخِرِ الْخَلْقِ وَفِي آخِرِ سَاعَةٍ مِنْ سَاعَاتِ الْجُمُعَةِ فِيمَا بَيْنَ الْعَصْرِ إِلَى اللَّيْلِ "{ صحيح مسلم/ باب ابْتِدَاءِ الْخَلْقِ وَخَلْقِ آدَمَ عَلَيْهِ السَّلاَمُ / ޙަދީޘް ނަންބަރު 2789}
މާނައީ: "މާތްالله سبحانه وتعالى، ބިން ޚަލްޤުކުރެއްވީ ހޮނިހިރު ދުވަހުގައެވެ. އެބިމުގައި ފަރުބަދަތައް ޚަލްޤުކުރެއްވީ އާދީއްތަ ދުވަހުގައެވެ. ގަސްގަހާގެހި ޚަލްޤުކުރެއްވީ ހޯމަ ދުވަހުގައެވެ. އަދި މަކުރޫހަ (އެބަހީ: ގެއްލުންދެނިވި ނުބައި ހުރިހާ އެއްޗެއް) ޚަލްޤުކުރެއްވީ އަންގާރަ ދުވަހުގައެވެ. އަދި އަލިކަން ޚަލްޤުކުރެއްވީ ބުދަ ދުވަހުގައެވެ. އަދި އެ ބިމުގައި ޖަނަވާރުތައް ޚަލްޤުކުރެއްވީ ބުރާސްފަތި ދުވަހުގައެވެ. އަދި ހުކުރު ދުވަހުގެ ޢަޞްރުފަހުން آدم عليه السّلام ޚަލްޤުކުރެވުނެވެ. އެއީ ޢަޞްރު ވަގުތާއި އިރުއޮއްސުމާ ދެމެދުގައިވާ ދުވާލުގެ އެންމެ ފަހުގެ ވަގުތެވެ."
އަދިވެސް އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
" خَلَقَ اللَّهُ آدَمَ وَطُولُهُ سِتُّونَ ذِرَاعًا، ثُمَّ قَالَ اذْهَبْ فَسَلِّمْ عَلَى أُولَئِكَ مِنَ الْمَلاَئِكَةِ، فَاسْتَمِعْ مَا يُحَيُّونَكَ، تَحِيَّتُكَ وَتَحِيَّةُ ذُرِّيَّتِكَ. فَقَالَ السَّلاَمُ عَلَيْكُمْ. فَقَالُوا السَّلاَمُ عَلَيْكَ وَرَحْمَةُ اللَّهِ. فَزَادُوهُ وَرَحْمَةُ اللَّهِ. فَكُلُّ مَنْ يَدْخُلُ الْجَنَّةَ عَلَى صُورَةِ آدَمَ، فَلَمْ يَزَلِ الْخَلْقُ يَنْقُصُ حَتَّى الآنَ " { صحيح البخاري/ كتاب أحاديث الأنبياء/ بَابُ خَلْقِ آدَمَ صَلَوَاتُ اللَّهِ عَلَيْهِ وَذُرِّيَّتِهِ/ ޙަދީޘް ނަންބަރު 3326}
މާނައީ: "މާތްالله سبحانه وتعالى، އާދަމުގެފާނު ޚަލްޤުކުރެއްވިއިރު އެކަލޭގެފާނުގެ އިސްކޮޅުފުޅުގައި ފަސްދޮޅަސް މުށްހުއްޓެވެ. ދެން އެކަލޭގެފާނަށް އެންގެވިއެވެ. ކަލޭގެފާނު ވަޑައިގެން އެ ތިއްބެވި މަލާއިކަތްބޭކަލުންނަށް ސަލާންކުރައްވާށެވެ. ފަހެ، އެބޭކަލުން ކަލޭގެފާނަށް ޖަވާބު ދަންނަވާގޮތް ރަނގަޅަށް އަޑުއައްސަވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިފަސްކޮޅުގެ ސަލާމެވެ. ފަހެ އެކަލޭގެފާނު އެބޭކަލުންގެ އަރިހަށް ވަޑައިގެން "އައްސަލާމް ޢަލައިކުމް" މި ފަދައިން ވިދާޅުވިއެވެ. ފަހެ އެބޭކަލުން ޖަވާބުގައި "އައްސަލާމް ޢަލައިކަ، ވަރަޙްމަތު ﷲ" މިފަދައިން ވިދާޅުވިއެވެ. އެބޭކަލުން "ވަރަޙްމަތު ﷲ" މިޖުމުލަ އިތުރު ކުރެއްވިއެވެ. ސުވަރުގެވަންނަ ކޮންމެ މީހެއްގެވެސް ސޫރަ އެންމެ ވައްތަރުވާނީ އާދަމުގެފާނާއެވެ. އާދަމުގެފާނަށްފަހު، ދެން އައި މީސްތަކުންގެ އިސްކޮޅު ދިޔައީ ކުރުވަމުންނެވެ."
އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. އިބްނު އަބީޙާޠިމް ޙަސަން ދަރަޖައިގެ ސަނަދަކާއެކު އުބައްޔު ބުން ކަޢުބުގެ އަރިހުން މަރުފޫޢުކޮށް ރިވާކުރައްވައިފައިވެއެވެ. "މާތްﷲ އާދަމުގެފާނު ހައްދަވައިފައިވަނީ، އިސްކޮޅުފުޅުން ދިގު، އިސްތަށިފުޅު ދިގު އަދި އިސްތަށިފުޅުގެ އިސްތަށިފުޅުތައް ގިނަ ބޭކަލެއްގެ ގޮތުގައެވެ. {އިބްނު ޙަޖަރު، ފަތުޙުލްބާރީ، ހަވަނަ ޖިލްދުގެ 260 ވަނަ ޞަފްޙާ}
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން މަރުފޫޢުކޮށް ރިވާވެގެންވެއެވެ. "މާތްﷲ އާދަމުގެފާނު ހެއްދެވިފަހު އެކަލޭގެފާނަށް ކިނބިއްސެއް އެޅުއްވުނެވެ. އެހިނދު އެކަލޭގެފާނު الْحَمْدُ لِلَّهِ އޭ ވިދާޅުވިއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. رحمك الله يا آدم އޭ އާދަމުގެފާނެވެ. މާތްﷲ ކަލޭގެފާނަށް ރަޙްމަތްލެއްވިއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު އެއްވަނަ ޖިލްދު ޞަފްޙާ 97/ އަލްޙާފިޡު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. މިރިވާޔަތުގެ ސަނަދަކީ ޤަބޫލުކުރެވޭ ފެންވަރުގެ ސަނަދެކެވެ.}