މަރުވުމުން އެންމެ ހެޔޮ ޢަމަލެއްވެސް ނުކުރެވޭނެކަން އެނގޭއިރު މިއަދު ފަރުވާކުޑަކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މަރުވުމުން އެންމެ ހެޔޮ ޢަމަލެއްވެސް ނުކުރެވޭނެކަން އެނގޭއިރު މިއަދު ފަރުވާކުޑަކުރަނީ ކީއްވެ؟

ކޮންމެ އިންސާނަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައި ދުނިޔޭގައި އުޅުމަށެވެ. އެމުއްދަތަކީ ކޮބައިކަން ހަމައެކަކަސްވެސް ނުއެނގޭނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ޔަޤީންކުރެވޭނެ ކަމަކީ ތިމާ މަރުވާނެ ކަމެވެ. މރުނުވެ ދާއިމަށް ދުނިޔޭގައި ނުހުރެވޭނެ ކަމެވެ.

ހަމައެއާއެކު ޔަޤީންކުރަންޖެހޭ އެއްކަމެއް އެބައޮތެވެ. އެއީ މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގަތުމުން އެމީހާގެ ލޮލަށް އެމަލާއިކަތުން ފެންނާނެ ކަމެވެ. ފެންނަ ވަޤުތުން ފެށިގެން ޢަމަލުތަކުގެ ފަތް ބަންދުވީކަމާއި އިތުރަށް އެންމެ ހެޔޮ ޢަމަލެއްވެސް އަދި ނުބައި ޢަމަލެއްވެސް އަދި އެންމެ ކުޑަމިނުން ވަޞިއްޔަތެއްވެސް ނުކުރެވޭނެކަމެވެ. 

ކުޑަކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. ތިބާގެ އެކައުންޓުގައި މިލިއަނުން ނުވަތަ އެނޫންވެސް ޢަދަދަކަށް ފައިސާ އެބަހުއްޓެވެ. ތިބާ ޞަދަޤާތް ނުކޮށްހުއްޓައި މަރުގެ މަލާއިކަތާ ވަޑައިގެން ތިބާއާއި ބައްދަލުކޮށްފިނަމަ އެންމެ ކުޑަމިނުން އެފައިސާތައް ޞަދަޤާތްކޮށްލަން ބުނުމުގެ ފުރުޞަތުވެސް ނުލިބޭނެއެވެ. ހަމަ އެފަދައިން ކުރެވިފައިވާ ފާފައަކުން ނުވަތަ ފާފަތަކުން ތައުބާވުމުގެ ފުރުޞަތެއްވެސް ނުލިބޭނެއެވެ. 

ވީމާ ދުނިޔޭގައި ދުވަސްތައް ވޭތިކުރަމުންދާއިރު ވީހައި ގިނައިން ހެޔޮ ޢަމަލުތައްކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ގިނަގިނައިން ތައުބާވާށެވެ. ޛިކުރުކުރުމާއި ތައުބާވުން ގިނަކުރާށެވެ. ފަރުޟުތަކާއި ސުންނަތް އަދާކުރަމުން ގެންދިއުމާއިވެސް އެކުގައެވެ. 

މިމައުޟޫޢުގައި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެފައިވެއެވެ.  

"ބައެއް ސަލަފުއްޞާލިޙުންގެ ތެރެއިން ބައެއް ހެޔޮލަފާ ރަގަޅު ބޭބޭފުޅުން އަމިއްލަނަފްސާ އެބަވާހަކަދައްކަވާ! 

އޭމިހިރަމީހާއޭ! އަމިއްލަ ނަފްސާ މުޚާޠަބްވޭ އެބަ އޭ މިހިރަމީހާއޭ! ތިބާ މަރުވީމާ ތިބާގެފަރާތުން ނަމާދުކުރާނީ ކާކުހޭ؟ ތިބާ މަރުވީމާ ތިބާގެ ބަދަލުގައި ރޯދަހިފާނީ ކާކުހޭ؟ ތިބާ މަރުވީމާ ތިބާގެ ބަދަލުގާ ޞަދަޤާތް ދޭނީ ކާކުހޭ؟ އަމިއްލަ ނަފްސަށް ހަނދާންކޮށްދެނީ ވަގުތުފާއިތުވުމުގެ ކުރިން ހެޔޮކަންތައްތަކަށް އަވަސްވެގަންނާށޭ! ﷲ ތަބާރަކަ ވަތަޢާލާ ކަނޑައަޅުއްވާފަވާ އަޖަލު ހަމަވީމަ ދެން ހެދޭނެ ގޮތްގޮތެއް ނޯންނާނެ، ދެން ކުރެވޭނެ ކަމެއް ނޯންނާނެ. އެހެންވީމަ އޭގެކުރިން ކުރެވުނު ހެޔޮކަމެއް ކުރާށޭ އަމިއްލަ ނަފްސާ ބައެއްބޭކަލުން މުޚާޠަބްވޭ ހަނދާންކޮށްދޭ ތިބާގެ ޢަމަލުތައް ވަގުތު ފާއިތުވުމުގެ ކުރިން ރަގަޅުކުރާށޭ!"

 

 

މިއަދު އޮންލައިން