ކުރާ ހެޔޮ ޢަމަލުގެ ޖަޒާ ޤިޔާމަތްދުވަހު ލިބެންއޮތީ މީސްތަކުންނަށް ބަދަލުދޭން ނުޖެހޭނެ މީހަކަށްވެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކުރާ ހެޔޮ ޢަމަލުގެ ޖަޒާ ޤިޔާމަތްދުވަހު ލިބެންއޮތީ މީސްތަކުންނަށް ބަދަލުދޭން ނުޖެހޭނެ މީހަކަށްވެގެން!

ތިމާކުރާ ހެޔޮއަމަލުތަކުގެ ޖަޒާ ފުރިހަމަ ގޮތުގައި ލިބިގަންނަން އެދޭ މީހާ ކިތަންމެ ކުޑަކަމަކުން ނަމަވެސް އެހެން މީހެއްގެ ޙައްޤަކަށް އަރައިނުގަންނާށެވެ! އެހެންމީހެއްގެ ޙައްޤަކަށް އަރައި ނުގަނެ އުޅެވޭނީ އެކަމަށްދޭންޖެހޭ ސަމާލުކަން ވަރަށް ރަނގަޅަށް ދީގެން އުޅުމުންނެވެ.

ވީމާ އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއް ބުނެވިފައިވާނަމަވެސްމާފަށް އެދޭށެވެ! މާފަށް އެދި އާދޭސްވެސްކުރާށެވެ! އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! ތިމާ ކުރާ ހެޔޮ ޢަމަލުތަކުން ޤިޔާމަތް ދުވަހު ބަދަލުދޭން ނުޖެހޭނީ އެއިރުންނެވެ! ގިނަ ހެޔޮޢަމަލުތަކެއް ހިފައިގެން މަޙްޝަރަށް ގޮސް މުފްލިސަކަށްވެ، ދަރަނިވެރިވެ ނަރަކައަށް ވަންނަން ޖެހިދާނެ މީހަކަށް ނުވެ ސަލާމަތްވެވޭނީ އެއިރުންނެވެ.

ﷲ ތައާލާގެ ޙަޟްރަތުގައި މަތިވެރިކަންލިބިގެންވާ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އަދިމީސްތަކުންގެ ކުރިމަތީގައިވެސް ޤަދަރު އުފުލިގެންވާ މީހަކު ކަމުގައިވުމަށް ވެސް ގަދައަޅައި މަސައްކަތްކުރާށެވެ!

އެކަންކަން ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ނުދިނުމެވެ. މީހަކު ދެރަވާނެ ބަހެއްވެސް ދުލުން ނުބުނުމެވެ. މީސްތަކުންނަށް އޯގާތެރިވުމެވެ. ޚުލްޤް ރަނގަޅު މީހަކު ކަމުގައި ވުމެވެ. ބަސްމަދުކުރުމާއި ޢަމަލު ގިނަކުރުމެވެ.

މިފަދަ ސިފަތައް ލިބިފައިވާނަމަ އެމީހެއްގެ ޤަދަރު ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް އުފުލިގެންދާނެއެވެ! އިން ޝާ ﷲ. އެހެނީ މިސިފަތައް ހުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން