އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 5: ދުނިޔޭގެ ވެލި ގެންނަން މަލާއިކަތުން ފޮނުއްވެވީމަ ބިންގަނޑު ދިން ޖަވާބާ އާދަމްގެފާނު ޚަލްޤް ކުރެއްވެވުން

ކިޔުމަށް ހޭދަވާނީ 6މ 10ސ
އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 5: ދުނިޔޭގެ ވެލި ގެންނަން މަލާއިކަތުން ފޮނުއްވެވީމަ ބިންގަނޑު ދިން ޖަވާބާ އާދަމްގެފާނު ޚަލްޤް ކުރެއްވެވުން

ޢަލީ އިޙްޞާން ފިރާޤް

 

އާދަމްގެފާނު ޚަލްޤުކުރެވުނު ގޮތުގެ ވާހަކަ ބައެއް ޞަޙާބީން ބަޔާން ކުރައްވައިފައިވާ ގޮތް:  

އިބްނު ޢައްބާސްގެފާނާއި އިބްނު މަސްޢޫދުގެފާނާއި ރަސޫލާ صلّى اللّـه عليه وسلّم އެހެން ބައެއް ޞަޙާބީންގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އާދަމުގެފާނު ޚަލްޤުކުރެއްވުމަށް އިރާދަކުރެއްވި ހިނދު ބިމުގެވެލި ގެންނެވުމަށްޓަކައި މާތްﷲ ޖިބްރީލުގެފާނު ފޮނުއްވިއެވެ. އެހިނދު ބިންގަނޑު ދެންނެވިއެވެ.  

[ތިމަންއަޅާގެ ކިބައިން އެއްޗެއް އުނިކުރެއްވުން ނުވަތަ ތިމަންއަޅާގެ ކިބައިން އެއްޗެއް ގަދަކަމުން ގެންދެވުމުގައި ކަލޭގެފާނުގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި މާތްﷲ ގެ ޙަޟްރަތަށް ދަންނަވަމެވެ.]

ދެން ޖިބްރީލުގެފާނު އެބިންގަނޑުން އެއްވެސް އެއްޗެއް ނުނަންގަވާ މާތްﷲ ގެ ޙަޟްރަތަށް ވަޑައިގެން ދެންނެވިއެވެ.  

[އަޅުވެރި ރައްބުއެވެ. އެބިންގަނޑު އިބަރަސްކަލާނގެ ރައްކައުތެރިކަމަށް އެދުމުން މިއަޅާ އޭނާގެ ކިބައިން އެއްޗެއް ނުނަގައި ރައްކައުތެރިކަން ދީފީމުއެވެ.] 

ދެން އަރަހުށި މާތްﷲ ފޮނުއްވީ މީކާއީލުގެފާނެވެ. އެކަލޭގެފާނު ވަޑައިގެންނެވުމުންވެސް ބިންގަނޑު ރައްކައުތެރިކަށް އެދުމުން އެނބުރި ވަޑައިގެންނެވީއެވެ. ވަޑައިގެން ޖިބްރީލުގެފާނު ވިދާޅުވިފަދައިން މާތްﷲ ގެ ޙަޟްރަތުގައި ދެންނެވިއެވެ. ދެން މާތްﷲ ފޮނުއްވީ މަލަކުލްމައުތުގެފާނެވެ. އެކަލޭގެފާނު ވަޑައިގެންނެވުމުންވެސް ބިންގަނޑު ރައްކައުތެރިކަމަށް އެދުނެވެ. ނަމަވެސް އެކަލޭގެފާނު ވިދާޅުވިއެވެ. 

[މާތްﷲ ގެ އަމުރުފުޅާއިގެން އައިސް އެ އަމުރުފުޅު ފުރިހަމަ ނުކޮށް އެނބުރި ދިޔުމުގައި ތިމަންކަލޭގެފާނު އެކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމެވެ.] 

ދެން އެކަލޭގެފާނު ދުނިޔޭގެ ބިމުގެ އެކިކަންކޮޅުތަކުން ވެލި ނުވަތަ މަށި ނެންގެވިއެވެ. ހުދުފަސްހުރި ތަންތަނުންނާއި ރަތްފަސްހުރި ތަންތަނުންނާއި ކަޅުފަސްހުރި ތަންތަނުން ވެލިނެންގެވިއެވެ. ތަފާތު ކުލަކުލައިގެ އާދަމުންގެ ދަރީން އުފަންވީ މިހެންވެގެންނެވެ. 

ދެން މިކަންތަކުން އަވަދިވެވަޑައިގެން މަލަކުލްމައުތުގެފާނު މާތްﷲ ގެ ޙަޟްރަތަށް އެނބުރިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ނެންގެވި ހުރިހާ ވެލިތައް އެއްކުރައްވައިގެންނެވެ. އޭރު އެހުރީ ހިމުން މަށްޓަށްވެފައެވެ. ދެން މަލާއިކަތް ބޭކަލުންނަށް މާތްﷲ ވަޙީ ކުރެއްވިއެވެ. 

إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن طِينٍ ﴿٧١﴾‏ فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ ﴿٧٢﴾ {سورة ص 71-72}

ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ!

ދެން މާތްﷲ އާދަމުގެފާނު އެކަލާނގެ އަތްޕުޅުން ހެއްދެވިއެވެ. އެއީ އިބްލީސް އެކަލޭގެފާނުގެ މައްޗަށް ކިބުރުވެރިވާނެ ތަންނެތުމަށްޓަކައެވެ. ދެން އެކަލާނފެ އެކަލޭގެފާނު އިންސާނެއްގެ ސޫރައިގައި ހައްދަވައި ފުރިހަމަ ކުރެއްވިއެވެ. ފުރާނަނެތް ހަށިކޮޅެއްގެ ގޮތުގައި ސާޅީސްއަހަރުވަންދެން އެހަށިކޮޅު އޮތެވެ. 

މަލާއިކަތްބޭކަލުން އެހަށިކޮޅުގެ ކައިރިން ވަޑައިގެން އުޅުއްވައެވެ. އެބޭކަލުންނަށް އެސޫރަ ފެނިވަޑައިގެން ވަރަށް ސިހިވަޑައިގެން އުޅުއްވައެވެ. އެންމެ ބޮޑަށް ސިހުނީ އިބްލީހެވެ. އޭނާ އެހަށިކޮޅުގެ ކައިރިންދަމުން އޭގައި ޖަހައިލައެވެ. ދެން އޭގެއިން މުށިއެއްޗެހީގައި ޖެހުމުން ކިޔާކަހަލަ އަޑެއް ކިޔައެވެ. އިބްލީސް އެހަށިކޮޅާ މުޚާތަބުކޮށް ބުނެއެވެ.  ތިޔައީ ކޮންކަމަކު ހެއްދެވުނު އެއްޗެއް ހެއްޔެވެ. ދެން އޭނާ އެހަށިކޮޅުގެ އަނގައިން އެތެރެއަށްވަދެ ފުރަގަސް ފަރާތުން ބޭރަށް ނުކުމެފައި މަލާއިކަތުންނަށް ދެންނެވިއެވެ.

[މިހަށިކޮޅުދެކެ އެއްގޮތަކަށްވެސް ތިޔަ ބޭކަލުން ސިހުންތެރިވާނެ ކަމެއްނެތެވެ. ތިޔަބޭކަލުންގެ ވެރިރަސްކަލާނގެއަކީ އެއްވެސް އުނިކަމެއްނެތް އިލާހެވެ. އެހެނަސް މިއީ އެތެރެހުސްކޮށް ހޮއި ހެދިފައިވާ ހަށިކޮޅެކެވެ. އަހަރެންނަށް އޭނާގެ މައްޗަށް ބާރުވެރިކަމެއް ލިބިއްޖެނަމަ އޭނާ ހަލާކުކޮށް ނިކަމެތިކޮށްލާ ހުށީމެވެ. 

ދެން މާތްﷲ އެހަށިކޮޅަށް ފުރާނައަޅުއްވަން އިރާދަކުރެއްވި ހިނދު މަލާއިކަތުންނަށް ވަޙީކުރެއްވިއެވެ.  

[ތިމަންރަސްކަލާނގެ ރޫޙުފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު ތިޔަބައިމީހުން އޭނާއަށްޓަކައި ސަޖިދައަށް ތިރިވާށެވެ.] 

މާތްﷲ އެކަލާނގެ ރޫޙުފުޅުން އެކަލޭގެފާނަށް ފުމެލައްވައިފި ހިނދު އެ ރޫޙުފުޅުވަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގެ ތެރެއަށެވެ. އެކަލޭގެފާނަށް ކިނބިހިފުޅު އެޅުއްވުނެވެ. އެހިނދު މަލާއިކަތުން ދެންނެވިއެވެ. الْحَمْدُ لِلَّهِ  މިހެން ވިދާޅުވާށެވެ. ދެން އާދަމުގެފާނު  الْحَمْدُ لِلَّهِ  އޭ ވިދާޅުވިއެވެ. އަދި އެކަލޭގެފާނަށް މާތްﷲ ނިދާ އިއްވެވިއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙްމަތް ކަލޭގެފާނަށް ހުއްޓެވެ. 

ދެން މާތްﷲ ގެ ރޫޙުފުޅު އެކަލޭގެފާނުގެ ލޯފުޅާ ހަމައަށް ފޯރުމުން ސުވަރުގޭގެ މޭވާތައް އެކަލޭގެފާނު ދެކެވަޑައިގަތެވެ. އެ ރޫޙުފުޅު ބަނޑުފުޅާ ހަމައަށް ފޯރިހިނދު ކާބޯތަކެއްޗަށް އެކަލޭގެފާނު އެދުންވެރިވެވަޑައިގަތެވެ. މިއީ އިންސާނާގެ ހިތް އަވަސްވުމުގެ ސަބަބުންވީ ކަމެވެ. އިންސާނާގެ ހިތް އަވަސްކަމަށް އިޝާރާތް ކުރައްވައި ވަޙީ ކުރައްވައިފައިވެއެވެ.  

خُلِقَ الْإِنسَانُ مِنْ عَجَلٍ ۚ سَأُرِيكُمْ آيَاتِي فَلَا تَسْتَعْجِلُونِ ﴿٣٧﴾‏ {سورة الأنبياء 37}

މާނައީ: [އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ طبيعة ގައި) ލައްވާފައެވެ. ތިމަންރަސްކަލާނގެ آية ތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة ން އަވަސްވުން އެދި ނޫޅޭށެވެ!] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު ޞަފްޙާ 200-201} 

މި ރިވާޔަތް ބަޔާންކުރެއްވުމަށްފަހު އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މީގެ ތެރެއިން ބައެއް ވާހަކަތަކީ ޙަދީޘްތަކުން ޘާބިތުވާ ވާހަކަތެކެވެ. ނަމަވެސް ގިނަ ވާހަކަތައް ހިމެނެނީ الإسرائيليات ގެ ތެރެއިންނެވެ.

 

 

މިއަދު އޮންލައިން