"ދަރިން ނަމާދުކުރަން އާދަކުރުވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެޒިންމާ އަދާކޮށްފައިނުވާނަމަ ފާފަވެރިވާނެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ވަރަށް ގިނަ ބެލެނިވެރިން ދަރިންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއެވެ. ކުޅޭއެއްޗެއްސާއި އެހެންވެސް ތަކެތި ހޯދައިދެއެވެ. ދަރިން އުފަލުގައި ބައިތިއްބަން މަސައްކަތްކުރެއެވެ. ނަމަވެސް ދަރިން ލައްވައި ނަމާދުކުރުވަން ސަމާލުކަންދޭންޖެހޭނެ މިންވަރަށް ސަމާލުކަންދެވޭކަމަށް ނުފެނެއެވެ.
އެހެން ބުނަންޖެހެނީ މިސްކިތަށް ދަރިން ގޮވައިގެން ނަމާދަށްދާ ބެލެނިވެރިންގެ ޢަދަދު މަދުކަމުންނެވެ. ފަހަރެއްގައި އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ބައްޕައިން ވެސް ނަމާދުނުކުރުން ކަމަށްވެސް ވެދާނެއެވެ. އެހެންވެއްޖެނަމަ އެއީ ވަރަށް ހިތާމަހުރި ކަމެކެވެ.
ސްކޫލަށް ގެންދަންޖެހޭ ގަޑިތަކަށް ކުދިން ސްކޫލަށް ގެންދިއުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަންދީގެންކުރާކަމެކެވެ. ކުރަންޖެހޭނެ ވެސް ކަމެކެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ އެންމެ މުހިންމީ ދަރިންލައްވައި ނަމާދުކުރުވުމެވެ. ވީވަރަކުން މިސްކިތުގެ ޖަމާޢަތަށް ގެންގޮސް ނަމާދުކުރަން އަހުލުވެރިކުރުވުމެވެ. ނަމާދުކުރަން އާދަކުރުވުމެވެ. ތިމާއަށްވެސް އަދި ދަރިންނަށްވެސް އެންމެ ފައިދާކުރާނެ ޢަމަލަކީ އެއީކަމަށްވާތީއެވެ.