ކުލަބޮކިތައް ދިއްލައިގެން ކާފިރުން މިއަދު ކިތަންމެ ވަރަކަށް މަޖާކުރި ނަމަވެސް ޤިޔާމަތް ދުވަހު އެމީހުންނަށް އަނދިރިކަމުން އެމީހާގެ އަމިއްލަ އަތް ވެސް ނުފެންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކުލަބޮކިތައް ދިއްލައިގެން ކާފިރުން މިއަދު ކިތަންމެ ވަރަކަށް މަޖާކުރި ނަމަވެސް ޤިޔާމަތް ދުވަހު އެމީހުންނަށް އަނދިރިކަމުން އެމީހާގެ އަމިއްލަ އަތް ވެސް ނުފެންނާނެ!

ޤިޔާމަތް ދުވަހު ކާފިރުންނަށް ކުރިމަތިވާނެ ކަންކަމުގެ ބައެއް ވާހަކަ މި 2 އާޔަތުގައި އެވަނީއެވެ! 

"ކާފިރުވި މީހުން (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ވަނީ، ތަނަވަސް ހުސްބިމެއްގައިވާ އަވާމެންދުރެއް ފަދައިންނެވެ. އަނގަ ހިއްކައިގެންފައިވާ މީހާ، އެއީ ފެންކަމަށް ހީކުރެތެވެ. އޭނާ އޭގެކައިރިއަށް އަތުވެއްޖެ ހިނދު، އޭނާއަށް (އޭނާ ހީކުރި) އެއްޗެއް ނުފެނުނެވެ. އަދި އޭނާއަށް އެތަނުން ފެނުނީ، ﷲ ގެ ނިޔާފުޅެވެ. ފަހެ، އެމީހާގެ ޙިސާބު، އެކަލާނގެ އެމީހާއަށް ހަމައަށް ދެއްވައެވެ. ﷲއީ، ހިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަންނޫރު: 39) 

ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ." (އަންނޫރު: 40) 

ﷲ ތަޢާލާއަށް އުރެދި ކާފިރުންގެ މަގު ޚިޔާރުކުރާ މީހުންނަށް ﷲ ތައާލާ ވަނީ މިފަދަ ވަރަށް ގިނަ އިންޒާރުގެ ބަސްފުޅުތައް ވަޙީކުރައްވަވައިފައެވެ. އެމީހުންނަށް ޤިޔާމަތް ދުވަހު ކުރިމަތިލާންޖެހޭނެ ކަންކަން ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ ތިމަންނަމެންނަކަށް ނުއެނގޭ ބުނެ ސަލާމަތެއް ނުވެވޭނެއެވެ. 

ޙިސާބު ބައްލަވައި ﷲ ތަޢާލާގެ ޙުކުމްފުޅު އިއްވަވަންދެން އެންމެންވެސް ތިބޭނީ އިންތިޒާރެއްގައެވެ. ކާފިރުންވެސް އުންމީދުތަކެއް ކުރާނެއެވެ. އެވަގުތުގެ ބިރުވެރިކަމުގެ ބޮޑުކަމާއެވެ.

ކާފިރުވި މީހުންގެ ޙާލަށް ވިސްނައިލާށެވެ! "މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް އެއްވެސް އަލިކަމެއް ނުވެއެވެ."

ﷲ ތަޢާލާ ދެއްވެވި އަލިކަމެއް ފިޔަވައި އެއްވެސް އަލިކަމެއް ނުލިބޭނެ ދުވަހަށް ބިރުވެތިވާށެވެ! ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް އެއަލިކަން ލިބުން ވަނީ ދުނިޔޭގައި ހޭދަކުރަން މިލިބޭ ވަގުތުކޮޅުގައި އެ އަލިކަން ހޯދި މީހަކަށެވެ! އަލިކަން ހިފައިގެން މަޙްޝަރު މައިދާނަށް ދިއަ މީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން