ތިބާގެ ހިތް ކުރަން ބޭނުންނުވާ ކަންކަން ހިތަށް މަޖުބޫރުކުރުވައިގެން ކުރުވާ މީހުން މިކަންކަން ދަސްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ތިބާގެ ހިތް ކުރަން ބޭނުންނުވާ ކަންކަން ހިތަށް މަޖުބޫރުކުރުވައިގެން ކުރުވާ މީހުން މިކަންކަން ދަސްކުރާށެވެ!

ތިބާގެ ހިތަކީވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާއަށް ޖަވާބުދާރީވާން ޖެހޭނެ ގުނަވަނެއްކަން ތިބާއަށް ނުވިސްނުނަސް ހިތަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަށް ހިތް ބިރުވެތިވެއެވެ. ނަމަވެސް އެކަމަށް ތިބާއަށް ބިރުވެތިނުވެވެނީއެވެ. އެއީ ތިބާގެ އަމިއްލަ މައްސަލައެކެވެ.

ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ކަމެއް ކުރުމުން ވަގުތީ އުފާވެރިކަމެއް ޙާޞިލުކުރެވުނަސް އެކަމުން ކުރާނެ ޙަޤީޤީ ފައިދާއެއް ނެތްކަމާއި ޙަޤީޤީ އުފާވެރިކަމާއި ހަމަޖެހުން ލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންކަން ތިބާއަށް ހަމަ ނުވިސްނެނީހެއްޔެވެ؟ އެހެންކަމަސްވާނަމަ ތިބާއަށް ތިއަ ހުރެވެނީ ހާދަހައިވާ ބިރުހުރި ފައްތަރެއްގެ މަތީގައެވެ.

ބައެއް މީހުން މީސްތަކުންގެ ރުހުން ހޯދުމަށާއި މަތީ މަޤާމާއި ފައިސާގެ ތަނަވަސްކަމާއި އަދި ލޯބިވެރިޔާގެ ލޯބި ހޯދުން ފަދަ ބޭނުންތަކުގައި ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ އަދި ނަހީ ކުރައްވަވާފައިވާ ކަންކަން އެބަކުރެއެވެ.

އެފަދަ މީހުން މަސައްކަތް އެކުރަނީ އެމީހާގެ ހިތް އުފާކުރުވުމަށެވެ. ހިތަށް އުފާވެރިކަންހޯދުމަށެވެ.

އެމީހުންނަށް ނުއެނގޭ ކަމަކީ އެމީހުންނަށް ހިތް ދެއްވެވީ އެބައެއްގެ ރުހުން ހޯދަންވެގެން އެއުޅޭ މީހުން ނޫންކަމެވެ. ހިތަކީވެސް ﷲ ތައާލާ ދެއްވެވި އެއްޗެއްކަމާއި އެހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭނީ އެހިތުގެ މިލްކުވެރި ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ.

ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބެނީ ފައިސާ އާއި މަތީ މަޤާމުން ނުވަތަ ބާރުވެރިކަންލިބިގެން ކަމަށްވަނީނަމަ ދުނިޔޭގެ އެންމެބޮޑެތި ބިލިއަނަރުން، އެންމެ ބާރުގަދަ ވެރިން ހިތް ހަމަނުޖެހި ކަންބޮޑުވެ ލޮލުފިޔަ ނުޖެހިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ހާސްކަމާއި ނުތަނަވަސްކަމުގައި ދިރިއުޅެން ޖެހިފައިވަނީ ކީއްވެގެން ހެއްޔެވެ؟

މިފަދަ ހުރިހާ ކަމަކުން ވެސް އެނގިގެންދަނީ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބުން ވަނީ ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ. ވީއިރު ހިތް ދެއްވެވި، އަދި ހިތަށް އުފާވެރިކަމާއި ހަމަޖެހުން ދެއްވަވާ ﷲ ތަޢާލާއަށް ރުހިވޮޑި ނުގަންނަވާނެ ކަންކަން ކޮށްގެން ހިތަށް ހޯދައި ދެވޭނީ ކޮން އުފާވެރިކަމެއް، ހަމަޖެހުމެއް ހެއްޔެވެ؟

ވީމާ މީސްތަކުންގެ ރުހުން ހޯދުމަށާއި މަތީ މަޤާމާއި ފައިސާގެ ތަނަވަސްކަމާއި އަދި ލޯބިވެރިޔާގެ ލޯބި ހޯދަންވެސް އެ ހިތް ދެއްވެވި، ހިތުގެ މިލްކުވެރި ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ އެއްވެސް ކަމެއް ނުކުރާށެވެ! އެއިރުންތިބާގެ ހިތްތިބާއަށް ކުރާނީ ނަފްރަތެވެ! ހިތް ވެއްތެން ބޭނުން ނުވާ މުޞީބާތްތަކެއްގެ ތެރެއަށް ޥައްޓައިލާތީއެވެ!

--އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން