އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 7: މަލާއިކަތްބޭކަލުން ސަޖިދަ ކުރެއްވުމާއި، އިބްލީސް ސަޖިދަ ކުރުމުން ދުރުވެގަތުން-

ކިޔުމަށް ހޭދަވާނީ 8މ 39ސ
އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ 7: މަލާއިކަތްބޭކަލުން ސަޖިދަ ކުރެއްވުމާއި، އިބްލީސް ސަޖިދަ ކުރުމުން ދުރުވެގަތުން-

ޢަލީ އިޙްޞާން ފިރާޤް

މަލާއިކަތުން އާދަމުގެފާނަށް ސަޖިދަ ކުރެއްވުން: 

މާތްالله سبحانه وتعالى، آدم عليه السّلام ޚަލްޤު ކުރެއްވުމަށްފަހު، އެކަލޭގެފާނަށް ސަޖިދަކުރެއްވުމަށް މަލާއިކަތްބޭކަލުންނަށް އަމުރުކުރެއްވިއެވެ. އޭރު އިބްލީސް ވެސް އުޅެމުން ގެންދިޔައީ މަލާއިކަތްބޭކަލުންނާއެކުގައެވެ. ނަމަވެސް އިބްލީސް ފިޔަވައި އެހެން ހުރިހާ މަލާއިކަތުން އެކަލޭގެފާނަށް އަދަބު ތަޢުޒީމުކޮށް ސަޖިދަ ޖެއްސެވިއެވެ. އޭނާ މާތްﷲ ގެ ޙަޟްރަތުގައި ދެންނެވީ މަށިފަދަ ދެރަނިކަމެތި އެއްޗަކުން ހައްދަވައިފައި ހުރި މީހަކަށް ސަޖިދަ ނުކުރާނޭކަމަށެވެ. މިކަން ބަޔާން ކުރައްވައި ސޫރަތުލް އަޢުރާފުގެ 12 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

قَالَ مَا مَنَعَكَ أَلَّا تَسْجُدَ إِذْ أَمَرْتُكَ ۖ قَالَ أَنَا خَيْرٌ مِّنْهُ خَلَقْتَنِي مِن نَّارٍ وَخَلَقْتَهُ مِن طِينٍ ﴿١٢

މާނައީ: "އެކަލާނގެ وحى ކުރެއްވިއެވެ. ތިމަންރަސްކަލާނގެ ކަލެޔަށް أمر ކުރެއްވިހިނދު سجدة ކުރުން ކަލެޔަށް މަނާކުރީ ކޮންކަމެއް ހެއްޔެވެ؟ އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން މާމޮޅެވެ. އިބަރަސްކަލާނގެ ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށީންނެވެ." 

ދެން، އިބިލީހަށް މާތްﷲ އަމަރުފުޅު ކުރެއްވީ ވަގުތުން ސުވަރުގެއިން ބޭރަށް ނުކުތުމަށެވެ. އެވަގުތު އޭނާ ދެންނެވިއެވެ. "އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމަޔަށް ތިމަން ލަހައްޓަވާނދޭވެ!" އެހިނދު މާތްﷲ އެކަލޭގެއަށް އެންގެވިއެވެ. "ހަމަކަށަވަރުން، ކަލޭވަނީ، ލަހައްޓަވާފައިވާ މީހުންގެ ތެރެއިންނެވެ". ދެން އެކަލޭގެ ދެންނެވީ، ޤިޔާމަތަށް ދާންދެން މީސްތަކުން ތެދުމަގުން އެއްކިބާ ކުރަން މަސައްކަތް ކުރާނެކަމަށެވެ. މިވާހަކަތަކަށް އިޝާރާތްކުރައްވައި ސޫރަތުލް އަޢުރާފުގެ 13 ވަނަ އާޔަތުން ފެށިގެން 18 ވަނަ އާޔަތުގެ ނިޔަލަށް ވަޙީ ކުރައްވާފައިވެއެވެ. 

قَالَ فَاهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَاخْرُجْ إِنَّكَ مِنَ الصَّاغِرِينَ ﴿١٣﴾ قَالَ أَنظِرْنِي إِلَىٰ يَوْمِ يُبْعَثُونَ ﴿١٤﴾ قَالَ إِنَّكَ مِنَ الْمُنظَرِينَ ﴿١٥﴾ قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ ﴿١٦﴾ ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ ﴿١٧﴾ قَالَ اخْرُجْ مِنْهَا مَذْءُومًا مَّدْحُورًا ۖ لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ ﴿١٨

މާނައީ: "އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަތަނުން (އެބަހީ: ސުވަރުގެއިން) ކަލޭ ފައިބާށެވެ! ފަހެ، ތިޔަތާނގައި ހުރެ ކަލެޔަކަށް ބޮޑާވެގަތުމެއް ނެތެވެ. ފަހެ، ކަލޭ ނިކުންނާށެވެ! ހަމަކަށަވަރުން، ކަލޭވަނީ ދެރަވެ ނިކަމެތިވެގެންވާ މީހުންގެ ތެރެއިންނެވެ.އެކަލޭގެ ދެންނެވިއެވެ. އެއުރެން ދިރުއްވައި، އަލުން ފޮނުއްވާނޭ ދުވަހާ ހަމަޔަށް ތިމަން ލަހައްޓަވާނދޭވެ!އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ކަލޭވަނީ، ލަހައްޓަވާފައިވާ މީހުންގެ ތެރެއިންނެވެ.އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް واصل ވުމަށް ހުރަސް އަޅާހުށީމެވެ.ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، شكر ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ.އެކަލާނގެ وحى ކުރެއްވިއެވެ. މަލާމާތް ލިބި، رحمة ން ދުރުކުރައްވާފައިވާ حال، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެއުރެންގެ ތެރެއިން ކަލެޔަށް تبع ވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ." 

އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ. "ބޮޑެތިމީހުން ސަލާމްކުރާއިރު ސަޖިދަކުރުން އެއީ އާދަމުގެފާނުގެ ޝަރީޢަތުންފެށިގެން ޢީސާގެފާނުގެ ޝަރީޢަތާހަމައަށް ހުއްދަކަމެކެވެ. މިކަންވަނީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވައިފައެވެ." މިއީ ޤަތާދާ ރަޙިމަހުއްﷲ އާއި އެނޫންވެސް ބައެއް ބޭކަލުން ވިދާޅުވެފައިވާ ގޮތެވެ. {ތަފްސީރު އިބްނު ކަޘީރު ޢަރަބި އެޑިޝަން، ދެވަނަ ޖިލްދުގެ 729 ވަނަ ޞަފްޙާ އަދި ތަފްސީރުލް ޤުރްޠުބީ އެއްވަނަ ޖިލްދު، ޞަފްޙާ 334}

އަލްއިމާމުލް ޤުރްޠުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " އެކަކު އަނެކަކަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޯތިރިކޮށް ގުދުވެލުމަކީ އިސްލާމީ ޝަރީޢަތުގައި މަންސޫޙު ކުރައްވައިފައިވާ ކަމެކެވެ. ނަމަވެސް މިކަމަކީ މިޞްރުގައި އާދަވެގެންކޮށް އުޅޭކަމެކެވެ. އަދި ޢަޖަމީންވެސް ކުރާ ކަމެކެވެ. {ތަފްސީރުލް ޤުރްޠުބީ، ނުވަވަނަ ޖިލްދު، ޞަފްޙާ 255} 

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

إِذَا قَرَأَ ابْنُ آدَمَ السَّجْدَةَ فَسَجَدَ اعْتَزَلَ الشَّيْطَانُ يَبْكِي يَقُولُ يَا وَيْلَهُ أُمِرَ ابْنُ آدَمَ بِالسُّجُودِ فَسَجَدَ فَلَهُ الْجَنَّةُ وَأُمِرْتُ بِالسُّجُودِ فَأَبَيْتُ فَلِيَ النَّارُ " { سنن ابن ماجه/ ޙަދީޘް ނަންބަރު 1052}

މާނައީ: "އާދަމުގެ ދަރިޔާ ސަޖިދައިގެ އާޔަތްކިޔައި، ސަޖިދަކުރުމުން ޝައިޠާނާ އެއްފަރާތަށް ޖެހި ރޯންފަށައެވެ. އަދި ބުނެއެވެ. ކުރިހަލާކެއްގެ ބޮޑު ކަމާއެވެ. އާދަމުގެ ދަރިޔާއަށް ސަޖިދަ ކުރުމަށް އަމުރުކުރެވުމުން އޭނާ ސަޖިދަ ކުރިއެވެ. ސަޖިދަކުރުމުން އޭނާއަށް ހުރީ ސުވަރުގެއެވެ. ތިމަންނައަށް ސަޖިދަ ކުރުމަށް އަމުރުކުރުމުން ތިމަންނާ އެކަމަށް އިންކާރު ކުރީމެވެ. އޭގެ ސަބަބުން ތިމަންނައަށް ހުރީ ނަރަކައެވެ."  

މިއަދު އޮންލައިން