ތިމަންނާ ނަރަކައަށް ވެއްދެވީ ﷲ ކަމަކަށް ނުބުނެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ތިމަންނާ ނަރަކައަށް ވެއްދެވީ ﷲ ކަމަކަށް ނުބުނެވޭނެ!

ޤިޔާމަތް ދުވަހު ތިމާގެ ޙިސާބު ބެލެވި، ޢަމަލުތަކުގެ 2 ފަތް ކިރައިނިމި ފާފައިގެ ކޮޅަށް ބުރަވެ ނަރަކައަށް ވަންނަން ޖެހުމުން ތިމާއަށް ނަރަކައަށް ވަންނަން ޖެހުނީ ﷲ ތަޢާލާ ވެއްދެވުން ކަމަކަށް ނުބުނެވޭނެއެވެ! އަދި ނަރަކައަށް ވެއްދެވީ ﷲ ތަޢާލާ ކަމަކަށްވެސް ނުބުނެވޭނެއެވެ. 

އެހެނީ ﷲ ތަޢާލާ ނަރަކައަށް ވައްދަވާނީ ނަރަކައަށް ވަނުމުގެ މަގު އިޚްތިޔާރުކުރި މީހުންނެވެ. ނަރަކައިގެ ޢަޛާބަށް ބިރުވެތި ނުވި މީހުންނެވެ. ޤިޔާމަތް ދުވަސް އަންނާނެކަމާއި ޙިސާބު ބެއްލެވޭނެ ކަމާ ތިމާ ކުޅަ އަމަލުތަކަށް ތިމާއަށް ޙައްޤު ޖަޒާ ދެއްވަވާނެކަން ޤަބޫލުކޮށް ޢަމަލު ނުކުރި މީހުންނެވެ. ކުރުކޮށް ބުނާނަމަ ނަރަކައަށް ވަންނަން ބޭނުންވި މީހުންނެވެ. 

އިންސާނުން އުފެއްދެވީ ﷲ ތަޢާލާއެވެ! އެންމެހައި އިންސާނުންނީ ﷲ ތަޢާލާގެ އަޅުންނެވެ! ދުނިޔޭގައިވެސް އަޅުން އެމީހުންގެ ސާޙިބު މީހާއަށް ނުކިޔަމަންތެރިވުމުން ޞާޙިބު މީހާ ދޭ އަދަބު ކުށްވެރިކުރެވޭ ހެއްޔެވެ؟ 

ކޮންމެ ޤައުމެއްގައިވެސް ރައްޔިތުން އުޅެންޖެހޭ ގޮތް ބަޔާންކުރާ ޤާނޫނު އަސާސީއެއް އޮވެއެވެ. އެއާއި ޚިލާފުވުމުން ދޭ އަދަބަކީ ބޭއިންޞާފުން ކުރާ އަނިޔާއެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އެ އަދަބު ވާނީ އެމީހަކު އަމިއްލައަށް ލިބިގަތް އަނިޔާއަކަށް ނޫން ހެއްޔެވެ؟ 

ދުނިޔޭގެ މިލްކްވެރި ފަރާތަކީ ﷲ ތަޢާލާއެވެ! މީސްތަކުންގެ މިލްކުވެރިފަރާތަކީ ﷲ ތަޢާލާއެވެ! މީސްތަކުން ދުނިޔޭގައި އަމަލުކުރަންވީ ގޮތް އަންގަވައި ބާވައިލައްވަވާފައިވަނީ ޤުރްއާނެވެ! އެކަން ޤަބޫލުނުކުރުމުން، ޤުރްއާނުގައިވާ ގޮތަށް އަމަލުނުކުރުމުން ދެއްވަވާ ޢަޛާބަކީ އަނިޔާއެއް ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތީ މި ފަދަ އެތައް ސަބަބުތަކަށްޓަކައެވެ! ވީއިރު އެމީހާ ދިއުމަށް އަމިއްލައަށް ބޭނުންވި ތަނަށް ދެވުމުން އެކަން ކުށްވެރިކުރެވޭނީ ކިހިނަކުންހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން