ކިތަންމެ ގިނަ، ކިތަންމެ މަޝްހޫރު މީހަކު ބުނިނަމަވެސް ދީނުގައި ނެތް ގޮތަކަށް ކަމެއް ނުކުރާށެވެ! ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ކިތަންމެ ގިނަ، ކިތަންމެ މަޝްހޫރު މީހަކު ބުނިނަމަވެސް ދީނުގައި ނެތް ގޮތަކަށް ކަމެއް ނުކުރާށެވެ! ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ!

އިސްލާމް ދީނުގެ ކަންކަމަށް ޢަމަލުކުރުމުގައި ތަފާތު ގޮތްގޮތަށް ކަންކަން ކުރުން މިދަނީ ޢާންމުވަމުންނެވެ. ކަމުވޮށިގެންވާ ނުވަތަ ޢިލްމުވެރިން ކަމަށް ބެލެވޭ މީހުންގެ މެދުގައިވެސް ވަރަށް ބޮޑެތި ތަފާތުތައް އެބަހުރެއެވެ. މިބުނަނީ ޢަމަލުކުރުމުގައި ތަފާތުވާ ވާހަކައެވެ. ވީމާ މިއީ ވިސްނަންޖެހިފައިވާ ކަމެކެވެ. 

ޙަޤީޤަތަކީ "ކިތަންމެ ގިނަ ބައަކު ކުރި ނަމަވެސް، ކޮންމެ މީހަކު ކުރި ނަމަވެސް ކުށް ވާނީ ކުށަކަށެވެ. ބާޠިލު ވާނީ ބާޠިލަށެވެ! ނަޞްރުދޭން ވާނީ ޙައްޤަށެވެ!" މާނައަކީ ދީނުގެ ކޮންމެ ކަމެއްގައިވެސް ޢަމަލުކުރަންޖެހޭނީ ކީރިތި ޤުރްއާނާއި ސުންނަތުން ޘާބިތުވާ ގޮތަށް ކަމެވެ. 

އެހެނީ ކިތަންމެ ގިނަ ބައަކު ބުނެގެން ނަމަވެސް އަދި ކިތަންމެ މަޝްހޫރު މީހަކު ބުނެގެން ނަމަވެސް ދީނުގައި ނެތް ގޮތަކަށް ދީނުގެ ނުވަތަ އަޅުކަމުގެ ކަމެއް ކުރެވިއްޖެނަމަ އެމީހަކު އެކުރި ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެމީހެކެވެ! އަޅުކަމުގެ ގޮތުގައި ކުރެވޭނެ ކަންކަމާއި އަޅުކަން ކުރަންވީ ގޮތް ރަސޫލް () ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެކަންކަމަށް އުނި އިތުރު ގެނައުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. 

ޢިލްމުވެރިންނަށް ވެސް ގޮތް ނިންމަވަން ހުއްދަ އޮތީ އަލަށް ކުރިމަތިވާ ކަންކަމުގައާއި ކީރިތި ޤުރްއާނާއި ސުންނަތުން ވަކި ގޮތެއް ކަނޑައެޅިފައި ނުވާ ކަންކަމުގައެވެ. 

މިހެން ބުނުމުން ބައެއް މީހުން ބުނެފާނެއެވެ. 4 މަޛްހަބުގައިވެސް ޢަމަލުކުރަނީ ތަފާތުކޮށެވެ. އެއްގޮތަކަށް ނޫނެވެ. މިއީ މުޅިން ތަފާތު މައްސަލައެކެވެ. ސަބަބަކީ މަޛްހަބްތަކުގެ އިމާމުން ޢަމަލުކުރައްވަވާފައިވަނީ ސުންނަތަށެވެ. މާނައަކީ އެއްކަމެއްގައި އެއްގޮތަކަށްވުރެ ގިނަ ގޮތަށް ރަސޫލާ () ޢަމަލުފުޅު ކުރައްވަވާފައިވާނަމަ ޢަމަލުކުރައްވަވާފައިވާ ހުރިހާ ގޮތަކީވެސް ސުންނަތް ކަމުގައިވާތީއެވެ. މަޛްހަބްތަކުން ފެންނަ ތަފާތަކީ އެއީއެވެ. 

އިސްލާމް ދީނުގެ ކަމެއްގައި ކީރިތި ޤުރްއާނާއި ޙަދީޘްފުޅުން ސާބިތުވާން އޮތްގޮތް ދާދިފަހުން ހާމަކުރުމުން މީހަކު ބުނެފައިވެއެވެ. "ކަން ތިއަފަދައިން އޮތް ނަމަވެސް ކުރާނީ ކީއްތޯއެވެ؟ ތިއަ ބާވަތުގެ އެއްވެސް ވާހަކައެއް މިރަށުގެ މީހުން ޤަބޫލެއް ނުކުރެއެވެ. އެމީހުން ޤަބޫލުކުރަނީ ހަމައެކަނި މިވެނި ބޭފުޅަކު ވިދާޅުވާ ގޮތެވެ! އަދި އެބޭފުޅަކު ވިދާޅުވާ ގޮތް ނޫން ގޮތަކަށް ކީރިތި ޤުރްއާނާއި ސުންނަތުން ބުނެދިން ނަމަވެސް މީސްތަކުން އެބޭފުޅާ ވިދާޅުވާ ގޮތަށް ޢަމަލުކުރުން ގިނަކުރެއެވެ." 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކިރިތި ޤުރްއާނާއި ސުންނަތަށްވުރެ މަތިން ފަތުވާ ދެވޭނެ އަދި ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންވެފައި އޮތްކަމެއް އެހެން ގޮތަކަށް ބަދަލުކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ދެއްވަވާފައެއް ނުވެއެވެ. އަދި އެގޮތަށް ދެވޭ ފަތުވާ ޤަބޫލުކުރުމުގެ ޙައްޤުވެސް ﷲ ތަޢާލާ ދެއްވަވާފައެއް ނުވެއެވެ. 

އިސްލާމް ދީނުގެ ޙުކުމްތައް ބަދަލުކުރުމަކީ އެއްވެސް މީހަކަށް ކުރެވިގެންވާނެ ކަމެއް ނޫނެވެ! އަދި ﷲ ތަޢާލާއަށް އީމާންވެގެން ހުރި އެއްވެސް މީހަކު އެފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. މީސްތަކުންނަށް އޮތީ ޙައްޤަށް ނަޞްރު ދިނުމެވެ. ޙައްޤަށް ނަޞްރު ދިނުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމެވެ. އެކަން ކުރެވޭނީ ކީރިތި ޤުރްއާނަށާއި ރަސޫލް ()ގެ ސުންނަތަށް ޢަމަލުކުރުމުންނެވެ. 

ޢިލްމްވެރިންގެ އަރިހުން އުނގެނެންވީ ކީރިތި ޤުރްއާނާއި ރަސޫލް () ގެ ސުންނަތުގައި އޮތް ގޮތެވެ! ޢިލްމުވެރިޔާ ނެރުއްވާ އަމިއްލަފުޅު ޙުކުމްތަކެއް ނޫނެވެ!  والله أعلمُ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން