މިހާރަކަށް އައިސް މީހާ، މީހަކަށްވިކަމަށްވެސް މިވަނީ އަތުގައި ސްމާޓްފޯނެއް އޮވެގެންނެވެ. ސޯޝަލްމީޑިއާއި ޙަރަކާތްތެރިވެގެންނެވެ. ފޯނުން ނުވަތަ އެނޫންވެސް ޑީވައިސްއަކުން ސޯޝަލް މީޑިއާގައި ޙަރަކާތްތެރިނުވަން ބުނަނީއެއް ނޫނެވެ. ނަމަވެސް ފާހަގަކުރަން މިއުޅެނީ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެއްގެ ވާހަކައެވެ.
މަގުމަތިން ހިނގާ މީހުންނަށާއި ހުއްޓިތިބޭ މީހުންނަށް ބަލާށެވެ! ކެފޭ، ރެސްޓޯރަންޓްތަކުގައި ކައިބޮއިހަދަންތިބޭ މީހުންނަށް ބަލާށެވެ! މިހެންގޮސް ހުރިހާ ތަނަކުން ފެންނަ މީހުންނަށް ބަލާށެވެ! ފެންނާނީ ކޮންމެ ކަމެއް ކުރަން ހުއްޓަސް، ތަނެއްގައި އިނަސް ފޯނުގަ ބިޒީވެފައިވާ ތަނެވެ.
މިހިސާބުން ސުވާލަކީ ފޯނުގައި ތިއަވަރަށް ބިޒީވެގެން ތިއައުޅޭއިރު މި ސުވާލުކުތަކަށް އާޚިރަތް ދުވަހު ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އިމާމް މުފްތީ މެންކު ވިދާޅުވެފައިވާ މި ބަސްފުޅުތަކަށް އެންމެ ފަހަރަކު ނަމަވެސް ވިސްނައިލިން ހެއްޔެވެ؟
"ނަރަކައިން މިންޖުވުމަށް އެދޭ މީހާ މިއަދު ފޯނަށް ޣާފިލުވެގެން ސަލާމަތެއް ނުވާނެ!" ކަމަށް އަހަރެމެން ބުނުމުން އެންމެން މިހާރު ތިއަ ތިބީ ބުނަން މިއުޅޭ ވާހަކަ އާއިމެދު ކަންބޮޑުވެފައެވެ.
ތިބާގެ މިހާރުގެ އުމުރަކީ 60 50 އަހަރުކަމަށްވެދާނެއެވެ! މި މުއްދަތުގައި ތިބާގެ ފޯނަށް ކިތައް މެސެޖު އައިހެއްޔެވެ؟ އެއިގެ ތެރޭގައި ތިބާގެ ދީނީ ހޭލުންތެރިކަން އިތުރުވެ އިތުރަށް އަޅުވެރިވާނެ ކަންކަމަށް މަގުފަހިކުރަން އައި ކިތައް މެސެޖު ހިމެނޭ ހެއްޔެވެ؟
ތިބާގެ މުޅި އުމުރުގައިވެސް އެދަނީ މެސެޖުތައް ލިބެމުންނެވެ. ދަރުސްތަކުގެ އަޑު އިވެމުންނެވެ. ކީރިތި ޤްރްޢާނާއި ޙަދީޘްފުޅުތަކުގެ އަޑު އިވެމުންނެވެ. ނަމަވެސް އެއަށް އިޖާބަ ނުދެވި ހުއްޓައި މަރުވެއްޖެނަމަ ޖާހިލުކަމުގައި ތިބާ އާއި ނޫހުގެފާނުގެ ޤައުމުގެ މީހުންނާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ ކަންފަތްތައް ފަދައިން ތިބާގެ ކަންފަތުގައިވެސް އިވުމުގެ ވަރަށް ބޮޑު މައްސަލައެއް އެބަ އުޅޭ ނޫން ހެއްޔެވެ؟
މީސްތަކުން ބައިބައިގަނޑަށް ނަރަކައަށް ވަދެގެންދާއިރު އެއިން ކޮންމެ މީހަކާއިވެސް ނަރަކައިގެ ދޮރުވާނުން ސުވާލު ކުރައްވާނެއެވެ. "ތިއަބައިމީހުންގެ ގާތަށް ހަމަ ރަސޫލަކު ނުވެސް ފޮނުއްވަވަނީހެއްޔެވެ؟" މިސުވާލަށް ދެވޭނެ އިތުރު ޖަވާބެއް ނުއޮންނާނެއެވެ. ބަސް ހުއްޓި އަޅައަޅައިގެންފައިވެސް ދޭން ޖެހޭނެ ޖަވާބަކީ "ނޫނެކެވެ! ފޮނުއްވެވިއެވެ!"
އެންމެ ފަހުގެ ރަސޫލާ މުޙައްމަދު (ﷺ) ދުނިޔެ ދޫކުރެއްވެވިތާ 1400 އަހަރުވީއެވެ. އެއިގެ ފަހުން ރަސޫލަކު ނުފޮނުއްވަވައެވެ. އަދި ނުވެސް ފޮނުއްވަވާނެއެވެ! ނަމަވެސް ތިމަންނާއަށް ރަސޫލަކާއި ބައްދަލު ނުވާ ކަމަކަށް ޤޔިޔާމަތް ދުވަހުގައި ނުބުނެވޭނެއެވެ. އެހެނީ ތިބާގެ އަތުގައި އޮތް ފޯނަށް އެކަނި ބެލި ނަމަވެސް ފާފަތައް ނުކުރުމަށާއި ތައުބާ ވުމަށާއި ހެޔޮ އަމަލުތައް ކުރުމަށް ގޮވާލައި ދުވާލަކު ލިބެނީ ކިތައް މެސެޖު ހެއްޔެވެ؟ ތިބާ ބޭނުންނަމަ ބޭނުން ވަރަކަށް ކީރިތި ޤްރްއާން ކިޔަވައި އުނގެނެންވީ ނޫން ހެއްޔެވެ؟ ހަދީޘް ފޮތްތައް ބަލައި ދަސްކުރަންވީ ނޫން ހެއްޔެވެ؟ ދީނީ ފޮތްތައް ކިޔައި ދަސްކުރަންވީ ނޫން ހެއްޔެވެ؟ އެކަމަށް ހުރަސް އަޅަނީ ކާކު ހެއްޔެވެ؟ ތިމާ އަދާކުރަން ޖެހޭ ވާޖިބު އަދާ ނުކުރުމަށްފަހު ތިމަންނާއަކަށް ނުއެނގެއޭ ބުނުމަކުން ނުފުދޭނެއެވެ. ކީރިތި ޤްރްއާނަކީ ދުނިޔެ ނިމެންދެން އެއްވެސް ބަދަލެއް ނައިސް ދެމިއޮނަނާނެ މުޢްޖިޒާތެއް ކަމުގައި ލައްވަވާފައި މިވަނީ ނުއެނގޭކަމަށް، ﷲ ތަޢާލާގެ މެސެޖް ނުލިބޭ ކަމަށް ބުނުމުގެ ފުރުޞަތު ބަންދުކުރެއއްވެވުމަށެވެ.
މީސްތަކުންނޭވެ! ރަސޫލަކު ވަޑައިގެން ދީނަށް ގޮވައިލެއްވެވި ނަމަވެސް އަޑު އިވޭނީ އަހަން ބޭނުންވި ބައަކަށެވެ. މީސްތަކުންނަށް ދީނަށް ގޮވައިލެއްވެވުންމަތީގައި ނޫޙްގެފާނު ނުވަ ޤަރުނާއި ބައި، 950 އަހަރު ދެމިހުންނެވިއެވެ. ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރީ 11 މީހުނުން ފެށިގެން 80 މީހުންނާއި ދެމެދުގެ ޢަދަދަކަށެވެ. އެހެން އެންމެންގެ ކަންފަތްތައް ވަނީ ބީރުވެފައެވެ. ނޫހުގެފާނުގެ ގޮވާލެއްވެވުމުގެ އަޑު އެމީހުންނަށް އިވުނު ކަމަކަށް ނުވެއެވެ.
އަވަހަށް ކަންފަތްތައް ސާފުކުރާށެވެ! ނަރަކައިގެ ދޮރުވާނުންގެ ކުރިމަތީގައި ބަސް ހުއްޓެން ޖެހޭ މީހަކަށް ނުވާށެވެ! އުފަލުން ހިނިތުންވެ ހުރެ ސުވަރުގެ ވަދެވޭ މީހަކަށް ވުމަށް ގަދައަޅައި އަވަހަށް މަސައްކަތް ފަށާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން