ޢަލީ އިޙްޞާން ފިރާޤް
އާދަމުގެފާނާއި ޙައްވާގެފާނަށް އިބްލީސް އެކި ގޮތްގޮތުން ވަސްވާސް ދިނުން:
ދެން، އިބިލީސް އެއެއްޗަށް ކުރެވުނުހައި މަސައްކަތެއް ކުރަންފެށީ، އެދެބޭކަނބަލުންނަށް މާތްالله سبحانه وتعالى، ފަރީއްކުޅުއްވުން މަނާކުރެއްވެވި ގަހުން، އެދެބޭކަނބަލުން ފަރީކުޅުއްވާތޯއެވެ. އެކަމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންގެންދިއައެވެ.
ތަފާތު ބަހަނާތައް ދައްކައިގެން އެދެބޭކަނބަލުން އޭނާގެ މަކަރުވެރި ކަމުގެ ދަލުގައި ޖައްސައިލުމަށެވެ. ނަތީޖާއެއްގެ ގޮތުން އެދެބޭކަނބަލުން އިބިލީހުގެ ވަސްވާހުގައި ޖެހިވަޑައިގެން އެގަހުން ފަރީއްކުޅުއްވިއެވެ. މިކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ޤުރްއާނުގެ އަލް އަޢުރާފު ސޫރަތުގެ 20 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ ﴿٢٠﴾ وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ ﴿٢١﴾فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ۖ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ ﴿٢٢﴾
މާނައީ: ]ދެންފަހެ، އެ ދެކަނބަލުންގެ عورة އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطان އާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ.އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟[
ދަންނަބޭކަލުން ތެރެއިން ޖަމާއަތެއްގެ ބޭކަލުން ވިދާލުވެފައިވެއެވެ. އިބްލީސް އާދަމުގެފާނަށް ވަސްވާސްދޭކަށް ސުވަރުގެއަކަށް ނުވަދެއެވެ. އޭނާ ވަސްވާސްދިނީ އޭނާ އާންމުކޮށް ވަސްވާސްދިނުމުގައި މާތްﷲ ދެއްވައިފައިވާ ބާރާ އެއްގޮތަށެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ. [ހަމަކަށަވަރުން ޝައިތާނާ އިންސާނާގެ ލޭނާރުތަކުގައި ދުވެއެވެ.] {ޞަޙީޙު މުސްލިމު، ޙަދީޘް ނަންބަރު 5678}
އިބްލީސް އާދަމުގެފާނަށް ވަސްވާސްދިންގޮތެއް ކަނޑައެޅިގެން ކީރިތި ޤުރްއާނުންވެސް އަދި ރަސޫލާ صلّى اللّـه عليه وسلّم ގެ ޞައްޙަ ޙަދީޘަކުން ޘާބިތުވެފައެއްނެތެވެ. ބޮޑަށް ރަނގަޅުކަމުގައި ބުރަވެވެނީ ފަހުން މިބަޔާންކުރި ގޮތެވެ. މާތްﷲ އިބްލީހަށް ދެއްވައިފައިވާ ބާރާއެކު އާންމުކޮށް ވަސްވާސްދޭގޮތަށެވެ.
{ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ދަރުމަ މަޖައްލާ ޖޫން 2006، ޞަފްޙާ 38}