އެންމެ ގިނައިން އަޅުކަން ކުރާ މީހަކަށްވެވި ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އެރޭނެ މަގު މިއޮތީ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
އެންމެ ގިނައިން އަޅުކަން ކުރާ މީހަކަށްވެވި ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް  އެރޭނެ މަގު މިއޮތީ-!

އަޅުކަން ކުރުމުގައި އޮތީ ވާދަކުރުމެވެ! އެކަކަށްވުރެ އަނެކަކު ކުރިއަރައި ދިއުމަށެވެ. ނަމަވެސް ކުރިއަރައި ނުދެވުމުން ދެރަނުވާށެވެ! މިވެނި މީހަކު މާގިނައިން އަޅުކަންކުރާތީ ކަންބޮޑުނުވާށެވެ! އެމީހަކަށް ކުރެވޭނެ އެންމެ ގިނައިން ކުރަމުން ގެންދާށެވެ! ކޮންމެ މީހަކަށް ކުރެވޭނެ މިންވަރު ވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ!  

އެކި މީހުންނަށް ޢިލްމް ދެއްވަވަނީވެސް އެކި މިންވަރަށެވެ! ހޯދަން މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ވާޖިބެކެވެ. އެކަމަށް މަސައްކަތް ނުކޮށް ހުރެފައި ތިމާއަށް މިވެނި ކަމެއް ނުއެނގޭ ކަމަށް ބުނުމަކީ ދެއްކެން އޮތް ބަހަނާއެއް ނޫނެވެ! ވީމާ ޢިލްމް ހޯދާށެވެ! އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

ނިކަން ވިސްނައިލަބަލާށެވެ! ކޮށަކޮށައިގެން ކީރިތި ޤުރްއާން ކިޔަވާ މީހާއަށް ދެއްވަވާ މަތިވެރި ދަރަޖައަށެވެ! ނަމަވެސް އެއީ ކިޔަވަން ދަސްނުކޮށް ކޮށަކޮށައިގެން ކިޔަވަން ހުންނަން ޖެހެންވީ ސަބަބެއް ނޫނެވެ! އެމީހަކު އެކަމަށް ކުރާ މަސައްކަތް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ޘަވާބު ދެއްވަވަނީ އެކަންކަން މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ!  

ވީމާ އަޅުކަން ކުރުމުގައި މިވެނި މީހަކު މާގިނައިން ކުރާތީ ކަންބޮޑުވެ ޙަސަދަވެރިނުވާށެވެ! އެމީހަކަށް ކުރެވުނު އެންމެ ގިނައިން ކުރަން މަސައްކަތްކުރާށެވެ! އެންމެ މުހިންމީ އިޚްލާޞްތެރިކަމެވެ. އިޚްލާޞްތެރިކަމުގެ ޖަޒާއަކީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ! އިން ޝާ ﷲ  

ކޮންމެ މީހަކަށް އެއްވަރަކަށް ކިޔަމަންތެރި ނުވެވޭނެކަންވެސް އަދި އެންމެންނަށް އެއްވަރަކަށް އަޅުކަން ނުކުރެވޭނެކަންވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ﷲ ތަޢާލާއަށް ޝަރީކު ނުކުރުމާއި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމާއި ފަރުޟު އަދާކުރުމާއި ތަޤްވާވެރިވާން މަސައްކަތްކުރުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަން ކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  

އަދި މިބުނި ކަންކަން ނުކުރެވޭނީ ކޮން ޙާލަތެއްގައި ތިބޭ ބައަކުކަންވެސް އެ ޙާލަތު އެމީހުންނަށް މިންވަރު ކުރެއްވެވި ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން އެމީހުންގެ ކަންކަން ޤިޔާމަތް ދުވަހު ނިންމަވާނެ ގޮތްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ! ޔަޤީންކުރަންޖެހޭނެ ކަމަކީ އެމީހަކު އަމިއްލައަށް ޤަޞްދުގައި ކުރި ކޮންމެ ކަމަކަށް ﷲ ތަޢާލާ ޖަޒާ ދެއްވަވާނެ ކަމެވެ.  

ވީމާ ﷲ ތައާލާ ވިސްނުން ދެއްވަވާފައިވާ ކޮންމެ މީހަކީވެސް ދުނިޔޭގައި ކަންތައްތަކެއް ކުރުން ލާޒިމް ބައެކެވެ. އެހެންކަމުން ﷲ ތަޢާލާއަށް ޝަރީކު ނުކުރުމާއި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމާއި (ދުޢާކުރުމާއި) ފަރުޟު އަދާކުރުމާއި ތަޤްވާވެރިވާން މަސައްކަތްކުރުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރަން ޖެހޭނެ ކަންކަމެވެ. އެކަންކަން ނުކުރުމަށްފަހު ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ!  

މިބުނިމަގުން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ އެންމެ ގިނައިން އަޅުކަން ކުރާ މީހަކަށްވެވިދާނެއެވެ އަދި ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް  އެރުމުގެ ފުރުޞަތުވެސް ދެއްވަވާނެއެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން