ޢަލީ އިޙްޞާން ފިރާޤް
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. ބުނެވޭ ގޮތުގައި މާތްالله سبحانه وتعالى، ނަހީކުރެއްވި ގަހުން ފަރީއްކުޅުއްވުމަށް އިބްލީސް އެންމެ ފުރަތަމަ ވަސްވާސްދިނީ آدم عليه السّلام އަށެވެ. ނަމަވެސް އެކަލޭގެފާނު ހެއްލިވަޑައެއްނުގެންނެވިއެވެ. އޭނާ ދެން ވަސްވާސްދިނީ ޙައްވާގެފާނަށެވެ. އޭގެ ދަލީލަކީ ބުޚާރީ އާއި މުސްލިމު ރިވާކުރައްވައިފައިވާ ޙަދީޘެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.
"لَوْلاَ بَنُو إِسْرَائِيلَ لَمْ يَخْنَزِ اللَّحْمُ، وَلَوْلاَ حَوَّاءُ لَمْ تَخُنْ أُنْثَى زَوْجَهَا " { صحيح البخاري/كتاب أحاديث الأنبياء/ بَابُ خَلْقِ آدَمَ صَلَوَاتُ اللَّهِ عَلَيْهِ وَذُرِّيَّتِهِ/ ޙަދީޘް ނަންބަރު 3330}
މާނައީ: [ބަނީ އިސްރާއީލުބާގައިގެ މީސްތަކުންނުވާނަމަ މަސް ކުންޏެއް ނުވީހެވެ. ޙައްވާގެފާނު ވެވަޑައިގެންނުވާނަމަ އެއްވެސް އަނތްބަކު އޭނާގެ ފިރިމީހާއަށް ޚިޔާނާތެރިއެއްނުވީހެވެ.]
މި ޙަދީޘް ޝަރަޙަ ކުރައްވަމުން އިބްނު ޙަޖަރު ފަތުޙުލް ބާރީގައި ވިދާޅުވެފައިވެއެވެ. މި ޙަދީޘްގައި ޚިޔާނާތޭ އޮތީ ފާޙިޝް ޢަމަލުކުރުމަކަށްނޫނެވެ. މި ޙަދީޘުގައި ޙައްވާގެފާނަށް ނިސްބަތްކުރެވިފައިވާ ޚިޔާނާތަކީ، މަނާކުރައްވައިފައިވާ ގަހުން މޭވާ ފަރީއްކުޅުއްވުމަށް آدم عليه السّلام އަށް ބާރުއެޅުއްވުމަށެވެ. ބަނީ އިސްރާއީލުބާގައިގެ މީހުންނަށްވަނީ، އެބައިމީހުންގެ މައްޗަށް މަންނައާއި ސަލްވާ ބާވައިލެއްވިދުވަސްވަރު، ސަލްވާގެ މަސް ފޮރުވައިފައި ބެހެއްޓުން މަނާކުރައްވައިފައެވެ. ނަމަވެސް އެބައިމީހުން މާތްﷲ ގެ އަމުރުފުޅާ ޚިލާފުވެ ސަލްވާގެ މަސް ފޮރުވަންފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސްކުނިވާ އެއްޗެއް ކަމުގައި ލެއްވެވިއެވެ.
{އިބްނު ޙަޖަރު،ފަތުޙުލްބާރީ، އަދި ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ކީރިތި ޤުރްއާނުގެ ތަފްސީރު، ދަރުމަ މަޖައްލާ މެއި 2006}
އަލްއިމާމު ޢަބްދުއްރައްޒާޤު، ވަހަބު ބުނު މުނައްބިހުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. އިބްލީސް ސުވަރުގެއަށްވަނީ ހަރުފައިގެ އަނގަތެރެއިންނެވެ. އޭރު ހަރުފައަކީ ހަތަރެސްފައިހުރި ރީތި ޖަނަވާރެކެވެ. އިބްލީސް ސުވަރުގެއަށް ވަންނަންވެގެން އެކަމަށް އެހީހޯދަންވެގެން ވަރަށް ގިނަ ޙައިވާނުންގެ ކިބައިން އެދުނެވެ. ހަރުފަ ފިޔަވައި އެއްވެސް ޙައިވާނަކު އެއްބަހެއްނުވިއެވެ.
ދެން އިބްލީސް ބަނޑުތެރެއަށް ވަނުމުން ހަރުފަ އިބްލީހާއެކު ސުވަރުގެއަށްވަނެވެ. ސުވަރުގެއަށް ހަރުފަވަނުމުން އިބްލީސް ހަރުފައިގެ ބަނޑުތެރެއިން ނުކުތެވެ. ދެން އިބްލީސް ޙައްވާގެފާނުގެ އަރިހަށް އައިސް މާތްﷲ ނަހީކުރެއްވި ގަސްދައްކައި ދެންނެވިއެވެ. [މިއީ ކިހާ ރީތި އަދި މީރުވަސްދުވާ ގަހެއްތޯއެވެ؟ މިގަހުގެ މޭވާވެސް އެހާ މީރުވާނެއެވެ. މިގޮތަށް ވަސްވާސް ދިނުމުން ޙައްވާގެފާނު އެގަހުން މޭވާ ފަރީއްކުޅުއްވިއެވެ. އަދި އިބްލީސް އާދަމުގެފާނަށްވެސް މިމޭރުމުން ވަސްވާސްދިނެވެ. ޙައްވާގެފާނު އާދަމުގެފާނަށް ދެންނެވިއެވެ. ތިމަންކަމަނާ އެގަހުން ފަރީއްކުޅުއްވައިފީމުއެވެ. އެއްވެސް ގެއްލުމެއް ނުލިބެއެވެ. ދެން އާދަމުގެފާނު އެގަހުން ފަރީއްކުޅުއްވުމުން އެދެކަނބަލުންގެ އައުރަ ކަޝްފުވިއެވެ.
އެހެން ރިވާޔަތެއްގައިވެއެވެ. އެބިމުން ކަލޭގެފާނު ހެއްދެވުނު ބިމަށް ކަލޭގެފާނު ފައިބައިވަޑައިގަންނަވާށެވެ. އަދި ހަރުފައަށް ލަޢުނަތްލެއްވިއެވެ. ހަރުފައިގެ ހަތަރެސްފައި އޭގެ ބަނޑުތެރެއަށް ލެއްވެވިއެވެ. އަދި ހަރުފައާއި އާދަމުގެ ދަރީންނާ ދެމެދުގައި ދެކޮޅުވެރިކަން ލެއްވިއެވެ.
މިދެ ރިވާޔަތް ބަޔާންކުރެއްވުމަށްފަހު ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވެފައިވެއެވެ. މިއީ އެއްވެސް ދަލީލެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއްނޫނެވެ. ބުރެވެވޭ ގޮތުގައި މިއީ ބާތިލު ރިވާޔަތެވެ. މި ރިވާޔަތް އައިސްފައިވަނި ބަނީއިސްރާއީލުންގެ ބަދަލުކުރެވިފައިވާ ފޮތްތަކުންނެވެ.
{ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ދަރުމަ މަޖައްލާ ޖޫން 2006، ޞަފްޙާ 37}