ސުވާލު:. ބަނގުރޫޓުވެފައިވާ މީހާއާއި ބެހޭގޮތުން އިންނަ ޙަދީޘް ތަރުޖަމާ ކޮށްދެއްވަފާނަންތޯ؟ (ރިފަރެންސާއި އެކީ.)
ޖަވާބު:. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނާއިގާ ވެއެވެ.
ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން މުފްލިސަކީ ކާކުކަން ތިޔަބައިމީހުންނަށް އެނގޭތޯއެވެ؟ ޞަޙާބީން ދެންނެވިއެވެ. ތިމަންމެންގެ ތެރޭގައި މުފުލިސަކީ އޭނާގެ އަތުގައި ދިރުހަމެއް ވާނެ ތަނެއްނެތް މީހާއެވެ. ޙަދީޘް ކުރެއްވިއެވެ ތިމަންކަލޭގެފާނުގެ އުއްމަތުގެ މުފްލިސަކީ ޤިޔާމަތްދުވަހުން ނަމާދާއި، ޒަކާތާއި، ރޯދަހިފައިގެން މާތްﷲގެ ޙަޟްރަތަށް އަންނަހިނދު މީހަކާދިމާލަށް އެއްޗެތިކިޔާ އެހެންމީހަކަށް ގޯނާކޮށް، އެހެންމީހެއްގެ މުދާކައި ހަދާފައިވާ މީހާއެވެ. އެފަދަމީހުންގެ ހެޔޮކަންތައް އަނިޔާލިބުނު މީހާއަށް ދެވޭނެއެވެ. އޭނާގެ ހެޔޮކަންތައް ހުސްވެއްޖެނަމަ އަނިޔާ ލިބުނު މީހާގެ ނުބައިކަންތަކުންނަގައި އަނިޔާވެރިވި މީހާއަށް ބަދަލު ކުރެވޭނެއެވެ. އެއަށްފަހު އޭނާ ނަރަކަޔަށް އެއްލައިލެވޭނެއެވެ.
صحح مسلم (( كتاب البرّ وِالصّلَةِ ، والآدابِ )) باب تخريم الظُّلْمِ
((رقم الحديث : 4684))
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް.