އެނގޭތަ! ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުނުވެ ގޯހުންގޯހަށްދަނީ އިބިލީހުގެ ކައްޓާއިން ކިރާތީކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އެނގޭތަ! ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުނުވެ ގޯހުންގޯހަށްދަނީ އިބިލީހުގެ ކައްޓާއިން ކިރާތީކަން!

ބައެއް އެކުވެރިންވެސް އެއްކަމަކަށް އެއްވަގުތަކު ބެލުމުންވެސް ފެންނަ ސައިޒު ވަރަށް ބޮޑަށް އެބަތަފާތުވެއެވެ.

މިސާލަކަށް ބުނާނަމަ މިފަދަ މީހުންނަށް މިވާގޮތަކީ ތިމާއަށް މީހެއްގެ ކިބައިން ކިތަންމެ ކުޑަކުޑަ ގެއްލުމެއް ލިބުނު ނަމަވެސް އެކަން މިފެންނަނީ ބޮޑު ފަރުބަދައެއްގެ ގޮތުގައެވެ. މައްސަލަ އެއިގެ ސައިޒުން ބެލުމުގެ ބަދަލުގައި މައްސަލަ ބަލަނީ ހިޔަނީގެ ސައިޒުވެސް އެތައް ގުނައަކަށް ބޮޑުކޮށްގެންނެވެ. ވީމާ ފެންނަނީ މައްސަލައިގެ ސައިޒަށްވުރެ މާބޮޑުކޮށެވެ.

ދެން އޮތީ އެއިގެ އަނެއްކޮޅެވެ. ތިމާއެހެން މީހަކަށް ގެއްލުން ދިނުމެވެ. އެހާލަތުގައި ތިމާ އަނެކާއަށް ދިން ގެއްލުމަކީ ހިމާލިޔާ ފަރުބަދަހައި ބިޔަ ފަރުބަދައެއްވަރުގެ ބޮޑު ގެއްލުމެއް ނަމަވެސް އެކަން ދެކޭނީ މަދިރިއެއްގެ ސައިޒުގައެވެ. ކުޑަކަމުން ހިޔަނިވެސް ނުފެންނަހައި ކުޑަކުޑަކަމެއްގެ ގޮތުގައެވެ.

މިހެން ބުނީމާ ލަދުނުގަންނާށެވެ! ކޮންމެ ކަމެއްގެ ވާހަކަދެއްކި ނަމަވެސް ރައްދުވާބައަކު ތިބޭނެއެވެ. އެއީ ކޮންމެވެސް މީހަކަށް ކޮންމެވެސް ސިފައެއްގައި ކުރިމަތިނުވާ ހަމައެއްވެސް ބާވަތެއްގެ ކަމެއް ދުނިޔޭގައި ނުހިނގާނެތީއެވެ. އެހެންވީމާ ވިސްނޭ ގޮތް ތަފާތުވާނެއެވެ.

މިއީ ހަމަކުޑަކުޑަ މިސާލެކެވެ. ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާ ހިލޭ މީހަކާއެކު ގުޅުންހިންގައިފިނަމަ ތިބާއަށް ޢަމަލުކުރެވޭނެ ގޮތް ހިތްމައްޗަށް ގެންނާށެވެ! އެކަން ގިނަ މީހުންނަށް ފެނިގެންދާނީ ދުނިޔޭގެ ހަތަރު އުދަރެސް ފުރާލެވިފައިވާވަރުގެ ބޮޑު ބިޔަ ަމއްސަލައެއްގެ ގޮތުގައެވެ.

ދެން ހަމައެކަން ތިމާކުރަނީއެވެ. ތިމާ އެކަންކުރާއިރު ނުވަތަ ކުރިކަން ފަޅާއެރީމާ އެކަން މިހަދަނީ ދެންމެ ބުނިފަދައިން މަދިރިއެއްގެ ސައިޒުގެ ކުޑަކުޑަ މައްސަލައަކަށެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިގޮތަށް ކަންކަން ތިއަކިރަނީ ކާކުއުފެއްދި ކައްޓާއަކުން ހެއްޔެވެ؟ ނުވަތަ މިންއަޅަނީ ކާކު ދިން ފީތާއަކުން ހެއްޔެވެ؟ ހަމަގައިމުވެސް އެފަދަ ކައްޓާއެއްވިޔަސް ފީތާއެއްވިޔަސް އިބިލީހުގެ އަތުން ނޫނީ ހަމައެކަކަށްވެސް ނުލިބޭނެއެވެ.

ދެމަފިރިންގެ މައްސަލަތައްވެސް ޙައްލުނުކުރެވިގެން މިއުޅެނީ އިބިލީހުގެ ކައްޓާއިން ކިރާތީއެވެ. އިބިލީހުގެ ފީތާއިން މިންއަޅާތީއެވެ! މިހެންބުނީތީވެސް ކުރިމަތިވާ ކަންކަމުގައި އިބިލީހުގެ ކައްޓާއިން ނުކިރައި އިބިލީހުގެ ފީތާއިން މިން ނުއަޅައި އިންޞާފުގެ ކައްޓާއިން ކިރައި އިންޞާފުގެ ފީތާއިން މިންއަޅަން ފަށައިބަލާށެވެ!

ލޮބުވެތި އެކުވެރިންނޭވެ! ހިޔަންޏަށް ބަލައިގެން އެއްވެސްކަމެއްގެ އަސްލު ސައިޒެއް ނުއެނގޭނެއެވެ! ހިޔަންޏަކީ ކުޑަވެ ބޮޑުވާ އެއްޗެކެވެ. ވީމާ ހިޔަނި އެންމެ ބޮޑަށް ފެންނަ ވަގުތަކީ މައްސަލައިގެ އަސްލު ސައިޒުކަމަށް ބަލައިގެން ކަންކަން ކުރަން އުޅޭ މީހަކަށް ދުވަހަކުވެސް އުފާވެރިކަމެއް ނުލިބޭނެއެވެ! ހިތްހަމަޖެހިލާނެ ވަގުތެއްވެސް ނުލިބޭނެއެވެ! އެފަދަ މީހުންނަށް ދިރިއުޅުމުގައި އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވަމުންނެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން