އެހެން މީހުންނަށް ފާޑުކިޔުމުގެ ކުރިން އެމީހާގެ ކިބައިގައި ހުރެގެން ތިއަ ކަންބޮޑުވާ ސިފަތައް ތިމާގެ އަމިއްލަ ގައިގައި ހުރި މިންވަރަށް ވިސްނާލަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
އެހެން މީހުންނަށް ފާޑުކިޔުމުގެ ކުރިން އެމީހާގެ ކިބައިގައި ހުރެގެން ތިއަ ކަންބޮޑުވާ ސިފަތައް ތިމާގެ އަމިއްލަ ގައިގައި ހުރި މިންވަރަށް ވިސްނާލަމުތަ؟

ދިރިއުޅުމުގައި ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް އަޅުކަން ވީހާގިނައިން ކުރަން އިސްކަންދޭށެވެ. ހެޔޮ ޢަމަލުތައް ގިނަކުރުންމަތީގައި ސާބިތުވާށެވެ! އެކި މީހުންނަށް ކުރިމަތިވާނީ އެކި މައްސަލަތަކެވެ. އެއިގެ ތެރޭގައި އެމީހެއްގެ އަމިއްލަ ބާރު ފޯރުވޭނެ ކަންކަމާއި ބާރު ނުފޯރުވޭނެ ކަންކަން ހިމެނިގެންވެއެވެ. އެކަންކަން ﷲ ތަޢާލާ ހަމައެންމެ މޮޅަށް ދެނެވޮޑިގެންވެވެއެވެ.

ހަމައެއާއިއެކު އެހެން މީހުންނަށް ހެޔޮކޮށް ހިތާށެވެ! އެމީހަކު ކުރާ ހެޔޮ އަމަލުތަކަށް ޙައްޤު ޖަޒާ އެމީހަކަށް ދެއްވަވާނެކަން އެއީ ޔަޤީން ކަށަވަރު ކަމެކެވެ. ވީމާ ހެޔޮ އަމަލުކުރުމާއި މީސްތަކުންނަށް ހެޔޮކޮށް ހިތުން އިތުރުކުރާށެވެ! އެކަންކަމުން ހޯދެން އޮތް އެންމެ ގިނަ ޘަވާބު ހޯދަން މަސައްކަތްކުރާށެވެ!

ދެން ބަލައިލަންވީ މީހުންނަށް ފާޑުކިޔުމަށެވެ. މީހުންނަށް ފާޑުކިޔައި ނެތިމޮށުމުން ލިބޭނީ ޢަޛާބެވެ! ތިމާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! އަދި އެއީ ތިމާ ދުނިޔޭގައިހުރެ ބުރަ މަސައްކަތުން ކުރި ހެޔޮ ޢަމަލުތައް ތިމާގެ ނުރުހުމުގައި ތިމާގެ އަތުން އަތުލެވި އެހެން މީހުންނަށް ދެއްވަވާނެ ކަމަކަށް ވެއްޖެނަމަ އާޚިރަތް ދުވަހު އެމީހެއްގެ ޙާލަކީ ކޮބައިހެއްޔެވެ؟ ހެޔޮ އަމަލުކޮށް ހެޔޮކޮށް ހިތުމަކީ އެކަމުގެ ޘަވާބު ނުލިބި ނުދާނެ ކަންކަމެވެ! އެކަންކަން ކުރުން ގިނަކުރާށެވެ!

ދިރިއުޅުމާއިމެދު ވިސްނައިފިނަމަ އެއީ އެހައި އުނދަގޫ ކަމެއް ނޫނެވެ. ދަނޑުވެރިއެއްގެ މިސާލުގައި ވިސްނާށެވެ! ލިބޭނީ އިންދިގަހެއްގެ މޭވާއެވެ! އންދި ގަހެއްގެ ގޮވާމެވެ! ދިރިއުޅުމަކީ ވެސް ހަމަ އެފަދަ ކަމެކެވެ. ތިބާއަށް ލިބޭނީ ތިބާ ކުރި މަސައްކަތެއްގެ ނަތީޖާއެވެ! އާޚިރަތް ދުވަހަކީ އެކަން ޔަޤީންކުރެވޭނެ ދުވަހެވެ!

ތިމާއަށް ކުރެވޭ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެ މީހަކަށެވެ! އެހެން މީހުންނަށް ފާޑުކިޔުމުގެ ކުރިން ތިމާ އެހެން މީހުންނަށް ފާޑުކިޔާ ކަންކަން ތިމާއަށް ކުރެވޭ މިންވަރު ނުވަތަ އެ ސިފަތައް ތިމާގެ ގައިގައި ހުރި މިންވަރު ދެނެގަންނާށެވެ! އެހެން ޢިބާރާތަކުންނަމަ އެހެން މީހުންކުރާ ކަންކަމަށް ފާޑުކިޔުމުގެ ކުރިން އެމީހާގެ ކިބައިގައި ހުރެގެން ތިމާ ތިއަ ކަންބޮޑުވާ ސިފަތައް ތިމާގެ އަމިއްލަ ގައިގައި ހުރި މިންވަރަށް ވިސްނާލަމުހެއްޔެވެ؟

އެކަން ބަލަން ފެށިއްޖެނަމަ ޢަމަލުތައް ބަދަލުވެ ކުރާ ޙެޔޮ ޢަމަލުތަކުން ބަދަލުދޭން ނުޖެހި ސުވަރުގެއާއި ދިމާއަށް ދެވުން ގާތްކަމަށް ދެކެގެން މަސައްކަތްކުރާށެވެ! އެކަމަށް ޔަޤީންވެސް ކުރާށެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން