ކަމަކަށް ބޭނުންވީމާ ޙާލަތު ދެކެދެނެވޮޑިގެންވާއިރު އަވަހަށް ފުއްދަވައި ދެއްވެވުމަށް އެދިފަ ފާފަކުރަންވީމާ ދެކެވޮޑިނުގަންވާނެ ކަމަށްހީކުރީމާ ދެކޮޅުޖެއްސޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކަމަކަށް ބޭނުންވީމާ ޙާލަތު ދެކެދެނެވޮޑިގެންވާއިރު އަވަހަށް ފުއްދަވައި ދެއްވެވުމަށް އެދިފަ ފާފަކުރަންވީމާ ދެކެވޮޑިނުގަންވާނެ ކަމަށްހީކުރީމާ ދެކޮޅުޖެއްސޭނެތަ؟

ބައެއް މީހުން އެމީހުންނަށް ކަމަކަށް ބޭނުންވީމާ އޭނާގެ ޙާލަތު ﷲ ދެކެދެނެވޮޑިގެންވާއިރު އަވަހަށް ފުއްދަވައި ދެއްވެވުމަށް އެދިދަންނަވާފައި ފާފަކުރަންވީމާ ދެކެވޮޑިނުގަންވާނެ ކަމަށް އެބަހީކުރެއެވެ. އެހެންވެ އަހުރެން މިކުރާ ސުވާލަކީމިއީ ދެކޮޅުޖެއްސޭނެ ގޮތެއް ހެއްޔެވެ؟

އެބައިމީހުން ކަމަކަށް އެދި ދުޢާކުރާއިރު ޤަބޫލުކުރެވެނީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވިފައިވާ ކަމަށެވެ! އަމިއްލަ އުފަލަށްޓަކައި ފާފަކުރަން ބޭނުންވުމުން ހީކުރަނީ ﷲ ތަޢާލާ ވަނީ މާދުރުގައިކަމަށެވެ! ދެކެދެނެވޮޑިނުގަންނަވާނެ ކަމަށެވެ!

ނަމަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ "— އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާ އާ ކުއްތަންވެވޮޑިގަތުން ބޮޑު" ކަމަށެވެ! ޔާ ﷲ! މިފަދަ އިންސާނުންގެ ތެރެއިން މިއަޅާ ނުލައްވަވާނދޭވެ! އާމީން

"އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސް އޭނާއަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާ އާ ކުއްތަންވެވޮޑިގަތުން ބޮޑެވެ." (ޤާފް: 16)

"-- އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާ އާ ކުއްތަންވެވޮޑިގަތުން ބޮޑު" ކަމަށް ވަޙީކުރައްވަވާފައި ނިންމަވައި ލެއްވެވީއެއް ނޫނެވެ! ވަޙީކުރައްވަވާފައި އެވަނީ " އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. އަދި އޭނާގެ ނަފްސް އޭނާއަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." ވީމާ ކިތަންމެ ސިއްރުން ކުރި ނަމަވެސް ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ވީއިރު ކިތަންމެ ސިއްރުން ނަމަވެސް ފާފައެއް ކުރަން ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟

ކަމަކަށް ބޭނުންވުމުން ދުޢާކުރާއިރު ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަން ވެވިފައިވާކަމަށް ޤަބޫލުކުރުމާއިއެކު ފާފަކުރަންވުމުން ﷲ ތަޢާލާ ވަނީ މާދުރުގައިކަމަށް ޤަބޫލުކުރާ މީހުންގެތެރެއިން މިއަޅާ ނުލައްވަވާނދޭވެ! އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން