ތިބާއަކީ އީމާންތެރިއަކު ކަމުގަވާނަމަ މިހާދިސާ އަޑުއެހުމަށްފަހު ޢަޞްރު ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދޭނެ! އެހެން ނަމާދެއްވެސް ނާޅާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ތިބާއަކީ އީމާންތެރިއަކު ކަމުގަވާނަމަ މިހާދިސާ އަޑުއެހުމަށްފަހު ޢަޞްރު ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދޭނެ! އެހެން ނަމާދެއްވެސް ނާޅާނެ!

އަޅުގަނޑުމެންނަށް އައިސްފައިވާ އެންމެ ބޮޑު، އެންމެ ނުބައިކަން ބޮޑު ބަދަލަކީ ފަރުޟު ނަމާދުތަކަށް ރައްކައުތެރި ނުވެވޭކަމެވެ. ނަމާދުކުރުމަކީ ތިމާ ކުރަންހުރި އެހެން ހުރިހާ ކަންކަން ކޮށްފައި ކުރަން އޮތް ކަމަކަށް ބަދަލުކޮށްގެން އުޅެވޭކަމެވެ. ވީމާ ގެނެސްދެނީ ގިނަގިނައިން ހަނދާން އައުކުރަންޖެހޭ ދަރުސެކެވެ.

ދަރުސް:

މިރޭގެ ދަރުސް ނަޞޭޙަތަކުން ފެށުމުގެ ބަދަލުގައި މިފަށަނީ ވާހަކައަކުންނެވެ! މިވާހަކަތައް އަޑު އަހާށެވެ! އެއަށްފަހު އޭނާގެ ޙާލަތަށް ތިބާ ޖެހިލުމަށްފަހު ތިބާއަށް ކުރެވޭނެ އިޙްޞާޞްތައް ހިތަށް ގެންނާށެވެ! މިއީ ސެންޑިއޭގޯގެ މީހަކަށް ކުރިމަތިވި ޙާލަތެކެވެ!

ޢާންމު ދިރިއުޅުމުގެމަތިން އެދުވަހުވެސް އޭނާގެ މަސައްކަތް ނިންމައިލުމަށްފަހު ކާރުގައި އައީ ގެއަށެވެ! ގެއާއި ކައިރިވެވޭކަށް ނެތެވެ! ސަރަހައްދު ވަނީ އަލިފާން ނިއްވާ ވެހިކަލްތަކާއި އެމްބިޔުލާންސްތަކުން ފުރިފައެވެ. މުޅި ސަރަހައްދު ވަނީ ސައިރަންގެ އަޑުން ގުގުމާލައިފައެވެ!

ކާރުގައި ދެވުނު ހިސާބަށް ގޮސް ކާރު ޕާކްކޮށްފައި އަމިއްލަ ގެ ކޮބައިތޯ ބަލައިލިއެވެ. ގެ ފެނުނެވެ! ނަމަވެސް ގޭގައި ވަނީ އަލިފާން ހިފައިފައެވެ. ގެ އަނދަމުންދަނީ އެވެ. 2 ދަރިންނާއި އަނބިމީހާ އާއި މައިންބަފައިން ވެސް ވީ ގޭގައެވެ. ބަލަންހުއްޓާ ގެ އެދިއައީ އަނދައިގެންނެވެ! ޢާއިލާ އެކުގައި އެދިއައީ އަނދައިގެންނެވެ! ގެއާއި ދިރިއުޅެން މިހައިތަނަށް ކުރި ހުރިހާ މަސައްކަތްތަކެއް އެދިއައީ އަނދައިގެންނެވެ!

އޭނާއަށް ކުރެވޭނެ އިޙްޞާޞްތަކާއިމެދު ވިސްނައިލާށެވެ! އަދި އެކަން މެދުވެރިވީ ތިމާއަށް ކަމަށް ވިސްނާލައި އެފަދަ ވަގުތެއްގައި ތިމާއަށް ކުރާނެ އިޙްޞާޞްތައް ހިތަށް ގެންނާށެވެ!

ދެން އަޑުއަހާށެވެ! ރަސޫލް (ﷺ) ގެ ޙަދީޘްފުޅުގައި ވަނީ (ޤަޞްދުގައި) ޢަޞްރު ނަމާދު އަޅައިފި މީހާއަށް ގެއްލިގެން އެދިއައީ އޭނާގެ ޢާއިލާއާއި ލިބިފައިވާ ތަނަވަސްކަން އެކުގައި ކަމަށެވެ! އަލިފާން ހިފައި އަނދާތަން ނުފެނުނު ނަމަވެސް ޙާލަތަކީ ހަމަ އެއް ޙާލަތެއް ނޫން ހެއްޔެވެ؟

ވީމާ ޢަޞްރު ނަމާދުވެސް އެހެން ނަމާދުތައްވެސް ކުރަމުން ގެންދާށެވެ! ނަމާދުގެ ވަގުތު ޖެހުމުން އެކަން ނުކޮށް އިތުރު އެއްވެސް ކަމެއް ނުކުރާށެވެ!

އަލްމުއްދަޘިރު ސޫރަތުގެ 42 އަދި 43 ވަނަ އާޔަތް ކިޔައިލަބަލާށެވެ! ސުވަރުގެގޭގެ އަހުލުވެރިން ނަރަކައިގެ އަހުލުވެރިންނަށް ސުވަރުގޭގައި ތިބެ ސުވާލުކުރާނެތެވެ. " ތިއަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟"

ޖަވާބުގައި " އެއުރެން (ނަރަކައަށް ވެއްދިފައި ތިބި މީހުން) ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއަކު ތިމަންމެން ނުވަމުއެވެ."

މީސްތަކުންނަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބު ﷲ ތަޢަލާ މިވަނީ ވަޙީ ކުރައްވަވައިފައެވެ. ކީރިތި ޤުރްއާނުގައި ވަނީ ލިޔުއްވިގެންނެވެ! ނިކަން ބުނެބަލާށެވެ! ދެންވެސް ނަމާދު އަޅާފައި ޣާފިލުވެގެން ހުންނާނަން ހެއްޔެވެ؟

--ޝައިޚް ޒައިދީން ޒައިން

މިއަދު އޮންލައިން