އެންމެ ބޮޑަށް އިހްމާލްވެވެމުން މިދަނީ މީސްތަކުންގެ ކިބައިން ﷲ ތަޢާލާ އެންމެ ބޮޑަށް އެދިވޮޑިގަންނަވާ ޢަމަލު ކުރުމުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެންމެ ބޮޑަށް އިހްމާލްވެވެމުން މިދަނީ މީސްތަކުންގެ ކިބައިން ﷲ ތަޢާލާ އެންމެ ބޮޑަށް އެދިވޮޑިގަންނަވާ ޢަމަލު ކުރުމުގައެވެ!

އަހަރެމެންގެ ތެރެއިން ގިނަބައަކު މިއަދު އެންމެ ބޮޑަށް އިހްމާލްވަމުން މިއަންނަނީ މީސްތަކުންގެ ކިބައިން ﷲ ތައާލާ އެންމެ ބޮޑަށް އެދިވޮޑިގަންނަވާ ކަންތައް ކުރުމުގައެވެ! އެއީ ގިނަގިނައިން ތައުބާވުމެވެ! ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުގަވެ! ތަކުރާރުކޮށް ފާފަކުރެވޭމީހާވެސް ފާފަކުރެވޭއިރަށް ތައުބާވުމުން އެމީހަކާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ހިތާމައަކީ ނަމާދުކޮށް އަޅުކަންކުރާ ގިނަ ބައަކު ވެސް ތައުބާވެ އިސްތިޣްފާރކުރުމުގަ އިހްމާލްވަމުން އަންނަ ކަމެވެ! 

މިތަނުގައި މިތިބަ މީހުން ނިކަން ބުނެބަލާށެވެ! ކަލޭމެންގެ ތެރެއިން ކޮންމެ ދުވަހަކު ތައުބާވުމަށް ނިޔަތް ގަނެގެން، ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ކޮންމެ ދުވަހަކު "އަސްތްޣްފިރުﷲ" ކިޔަނީ ކިތައް މީހުން ހެއްޔެވެ؟ 

ނަމާދަށްފަހު ޛިކުރް ތަސްބީޙަ ކިޔަން ފަށާއިރު އަސްތަޣްފިރުﷲ 3 ފަހަރު ކީނަމަވެސް މިކިޔަނީ ކީކޭކަން، މިހެން މިކިޔަނީ ކޮން ބޭނުމަކުކަން ހިތްމައްޗަށް ގެންނަނީ ކިތައް މީހުން ހެއްޔެވެ؟ ތައުބާވުމާއި ފާފަ ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުގައި މީސްތަކުން މިއަދު މިވަނީ އެވަރަށް ޣާފިލުވެފައެވެ! 

ތައުބާވުމަކަށް ވަކި ދުވަހެއް، ވަކިވަގުތެއް އަދި ވަކިތަނެއްވެސް ނެތެވެ! މީހަކު ކޮންމެ ވަގުތެއްގައި ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ތައުބާވުމަށްޓަކައި "ޔާ ރައްބު" އެވެ ބުނެފިނަމަ އެކަމަށް ﷲ ތަޢާލާ އުފާފުޅުވެވޮޑިގަންނަވަތެވެ. އަދި ތިމަން ﷲ ގެ އަޅާ އެދެނީ ކޮންކަމަށްކަމާއިމެދު ސުވާލުކުރައްވަވަތެވެ! އެއީ ތައުބާވުން ކަމުގައި ވެއްޖެ ނަމަ އެމީހާގެ ފާފަތައް ވަގުތުން ފުއްސަވައި ދެއްވަވަތެވެ! 

ދުނިޔޭގައި ލެއްވެވި އެންމެން ﷲ ތަޢާލާއަށް އަޅުކަންކުރި ނަމަވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ދަރަޖަފުޅަށް ލިބިވޮޑިގަންނަވާ މަތިވެރިކަމެއް ނެތެވެ! އަދި އެންމެން ފާފަކުރި ނަމަވެސް ލިބިވޮޑިގަންނަވާ އުނިކަމެއްވެސް ނެތެވެ! 

މީސްތަކުންނޭވެ! ތައުބާވުން ގިނަކުރާށެވެ! އެކަމުން ފައިދާކުރާނީ ހަމަ އެ މީހަކަށެވެ! އެކަމުން އެހެން މީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އަދި ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް މަންފާއެއްވެސް ނެތެވެ! 

 -ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން