ސުވަރުގެ އެދޭނަމަ އެއްފައި ނަރަކައިގައި ބަހައްޓައިގެން އަނެއްފައިން ސުވަރުގެ ވަންނަން މަސައްކަތްކުރާ މީހުންގެ ތެރޭގަ ނުވަމާ ހިނގާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ސުވަރުގެ އެދޭނަމަ އެއްފައި ނަރަކައިގައި ބަހައްޓައިގެން އަނެއްފައިން ސުވަރުގެ ވަންނަން މަސައްކަތްކުރާ މީހުންގެ ތެރޭގަ ނުވަމާ ހިނގާށެވެ!

ވަކި މުޖުތަމަޢުއެއް ކިޔާނެ ކަމެއް ނެތެވެ. މިބުނާ ޒާތަށް ކޮނަމެވެސް ބައަކު ނުއުޅޭ މުޖުތަމަޢުއެއް ނެތެވެ. އެއީ އެކަންވާނެވެސް ގޮތެވެ. އެކަމަކު ތިމާއަކީ ﷲ ތަޢާލާގެ މަގުގައި ސާބިތުވެ ހުންނަ މީހަކަށް ތިމާއަށް ވެވިދާނެ އެވެ! 

ވަށައިގެން ހިނގަމުންދާ ކަންކަމަށް ވިސްނައިލާށެވެ! ބައެއް މީހުން އެމީހުންނަކީ މުސްލިމުން ކަމުގައިނުނާއިރު އެމީހާގެ އިސްލާމްކަން މި އޮންނަނީ އެއްބައިގައެވެ. ނުވަތަ އެއްފަޅީގައެވެ. އެކަން އެނގިގެންދަނީ އެމީހުންގެ އަމަލުތަކުންނެވެ. 

މިސާލަކަށް ޙަލާލު މަސް ނޫނީ ނުކައިފާނެއެވެ. ނަމަވެސް ޙިޖާބަ އަޅައި އަޢުރަ ނިވައެއް ނުކުރެއެވެ. އަނެއް ބައަކު މަސްތު ނުވެދާނެއެވެ. ނަމަވެސް ހިލޭ އަންހެނުންނާއިއެކު ނުވަތަ ފިރިހެނުންނާއިއެކު ލަވަކިޔައި ނަށައިފާނެއެވެ. 

މިއަދަކީ ހުކުރު ދުވަހެވެ. ހަމަ އެކަނި ހުކުރު ނަމާދަށް ދާ އެތައް ބައަކު އެބަ އުޅެއެވެ. ހަފްތާގެ 35 ނަމާދުން އެންމެ ނަމާދެއްގައި ހެޔޮ ފާހަގަ ޖައްސަން މަސައްކަތްކުރާ މީހާ އެކަމަށް ހަމަ ބިރު ނުގަންނަނީ ހެއްޔެވެ؟ މިއީ އެއް ކަންތަކެވެ. މިނޫންވެސް މިފަދަ ކިތަންމެ މިސާލެއް ދެއްކިދާނެއެވެ. އަޅުކަން ކުރަމުން ދޮގުހެދުމާއި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުން ފަދަ އެތައް ކަމެކެވެ. 

މީހާ އިސްލާމްކަމަށް އަމަލުކުރަން އޮތީ މި ގޮތަކަށް ނޫނެވެ. އެކަން އެނގިގެންދަނީ މި އާޔަތުންނެވެ. އެގޮތަށް އެކަން މެދުވެރިވާ ސަބަބުވެސް މި އާޔަތުން އެނގިގެންދެއެވެ. 

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން އެންމެން އިސްލާމް ދީނަށް ކިޔަމަންވުމުގެ ތެރެއަށް ވަންނާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިއަބައިމީހުން ތަބަޢަ ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ ޝައިޠާނާ އަކީ ތިއަ ބައިމީހުންނަށް ހުރި ބަޔާންވެގެންވާ ވެގެންވާ ޢަދުއްވެކެވެ." (ބަޤަރާ: 208) 

އިސްލާމްކަން ފުރިހަމަވާނީ އިސްލާމް ދީނަށް އަމަލުކުރުމުންނެވެ. އަހަރެންވެސް ހިމެނޭ ގޮތުން ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާއި ކުރަން ޖެހޭ ސުވާލަކީ ފުރިހަމައަށް އިސްލާމް ދީނަށް ޢަމަލުކުރަން ފަށާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ޝައިޠާނާއަކީ ކަނދައެލި ބަޔާންވެގެންވާ ޢަދުއްވެއްކަން އެނގޭއިރު ޝައިޠާނާއަށް ތަބަޢަވުން ހުއްޓައިލާނީ ކޮން ދުވަހަކުން ހެއްޔެވެ؟ 

އެއްފައި ނަރަކައިގައި ބަހައްޓައިގެން އަނެއް ފައިން ސުވަރުގެ ވަންނަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ! ސުވަރުގެ ވަދެވޭނީ ދެފައިން ވެސް އެކަމަށް މަސައްކަތް ކުރުމުންނެވެ!

 

- އިސްލާމީ ތިލަފތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން