ވިސްނަވާލައްވާ! ނެގި ޓެސްޓުގެ ނަތީޖާ ލިބުމުން ގޭތެރެ "ޤިޔާމަތްކުރާނެ" ކަމަށް ބުނެ ބިރުން ތިބި ކުދިން އެބަތިބި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ވިސްނަވާލައްވާ! ނެގި ޓެސްޓުގެ ނަތީޖާ ލިބުމުން ގޭތެރެ "ޤިޔާމަތްކުރާނެ" ކަމަށް ބުނެ ބިރުން ތިބި ކުދިން އެބަތިބި!

"އަޅުގަނޑަކީ ގްރޭޑް 10 ގަ ކިޔަވަމުން އަންނަ ދަރިވަރަކީމެވެ. އަޅުގަނޑަށް ވެވުނު ވަރަކުން ކިޔަވަން މަސައްކަތްވެސް ކުރަމެވެ. ލިބޭ ނަތީޖާވެސް އަޅުގަނޑަކަށް ގޯހެއް ނޫނެވެ. ޓީޗަރުންނަށްވެސް ކަމުދެއެވެ. ނަމަވެސް މަންމައާއި ބައްޕައަށް ކަމަކު ނުދެއެވެ. އެއީ ހުރިހާ މާއްދާތަކުން އޭ ނުހޯދީއެވެ.

މިޓާމުގެ ޓެސްޓްތައް ނަގައި ނިމިއްޖެއެވެ. ނަތީޖާ ލިބުނީ ގެއަށް ވައްދާނެކަމެއްވެސް ނުއެނގެއެވެ. އެއީ ކިޔަވާ އެންމެ މާއްދާޢަކުން ފާސްނުވިނަމަވެސް ގޭތެރެ ޤިޔާމަތްކޮށްލާނެތީއެވެ! މިހާލަތުގަ މަންމަ އާ ބައްޕައަށް ކަންކަން ވިސްނޭނެ ފަދަ މެސެޖެއް ނިކަން ދެއްވަބައްލަވާށެވެ!"

ފުރަތަމަ ވެސް ދަރިވަރަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން މަންމައާއު ބައްޕައަށް ހެޔޮ ގޮތްތައް ވިސްނޭނެ ކަމަށެވެ!

ބައެއް މީހުން އެއްވެސް ވަރަކަށް ވިސްނައިލުމެއްނެތި ދަރިންނާއި ދިމާއަށް ބުނެގެން ނުވާނެ ބަސްތައް ބުނެއެވެ. ދަރިފުޅަކީ ތޫނުފިލިކަމެއް ނެތް، ދެރަ، އަދި ހުތުރު ކުއްޖެއް ކަމަށްވެސް އެބަ ބުނެއެވެ.

މިފަދަ ބަސްތައް ޚާއްޞަކޮށް މައިން ބަފައިން ބުނުމުން އެކުދިންނަކީ އެފަދަ ކުދިން ކަމަށް ކުދިންނަށް ޤަބޫލުކުރެވެއެވެ! ނަތީޖާއެއްގެ ގޮތުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެނެދެއެވެ. މޮޅުވާނެ ކުއްޖެއް ނޫން ކަމަށާއި ސިފަ ހުތުރު ކުއްޖެއް ކަމަށްވެސް ޤަބޫލުކުރެއެވެ.

އެކަން އެގޮތަށް މެދުވެރިވަނީ އެކުދިންގެ މޮޅުކަމާރި ރީތިކަމުގެ އަގު އެންމެ ބޮޑަށް ވަޒަންކުރަންޖެހޭ ބައިންބަފައިން އެފަދަ ބަސްތައް ބުނުމުންނެވެ! އުންމީދުތައް ކެނޑިގެންދަނީއެވެ! މިފަދަ ޙާލަތަށް ދަރިން ވައްޓާލުމަކީ ދަރިން ދިރިތިއްބައި މަރައިލުން ފަދަ ކަމެކެވެ!

އެންމެ ފަހަރަކަށް ނަމަވެސް ހިތަށް ގެންނަންވީ ތިމާ އާއިމެދު އެފަދަ ބަހެއް ތިމާގެ މައިން ބަފައިން ބުނެފި ނަމަ، ޚާއްޞަކޮށް ކުޑައިރު، ތިބާގެ އަމިއްލަ އެއްވެސް ބާރެއް ނުފޯރުވޭ އުމުރުގައި ހުރިހާ ކަމެއް މައިން ބަފައިން ބަލަހައްޓައިދޭ ޢުމުރުގައި ބުނެފިނަމަ ތިމާގު ހިތަށް ކުރާނެ އަސަރަށެވެ! ތިމާއަށް ކުރެވޭނެ އިޙްޞާޞް ތަކަށެވެ.

20 ދަރިވަރުން ތިބޭ ކްލާހެކެވެ! ދަރިފުޅަށް 5 ވަނަ ލިބުނިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟ ކިޔަވަނީ 10 މާއްދާއެވެ! އެންމެ މާއްދާއަކުން ފޭލްވިނަމަ ވާނީ ކީއްހެއްޔެވެ؟ ކްލާހުގައި ތިބި 15 ކުދިން ފަހަތަށް ޖައްސާފައި 16 ވަނަ ލިބުނީމާ ދަރިފުޅަކީ ދެރަކުއްޖަކަށްވާންވީ ކީއްވެގެން ހެއްޔެވެ؟ ކިޔެވި 10 މާއްދާގެ ތެރެއިން 9 މާއްދާއިން ފާސްވީމާ ދަރިފުޅަކީ ތޫނުފިލި ކުއްޖަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟

ކިޔެވުމުން ފޭލްވި ކިތައް މީހުންނަށް އެމީހުންގެ އަމިއްލަ މަސައްކަތުން ކުރިއަރައި މިލިއަނަރުންނަށްވުމުން ނުވަތަ އެހެންވެސް ގޮތަކުން ކާމިޔާބީ ޙާޞިލުކުރުމުން އެތައް ބައިވަރު ޔުނިވަރސިޓީތަކުން "އޮނަރަރީ ޑޮކްޓޮރޭޓްކަން" ދީފައިވޭ ހެއްޔެވެ؟ އިހާނެތި ބަސްތައް ބުނެ އަމިއްލަ ދަރިން މަރަމުން ގެންދާއިރު މިކަންކަމަށް ވިސްނައިވެސް ނުލަނީ ކީއްވެގެން ހެއްޔެވެ؟

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން