އެހެންމީހުންނާ އެއްފެންވަރުގަ އުޅެން ދަރަނިވެރިވުމަކީ ކުރެވޭ ނުރައްކާތެރިކަން ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެހެންމީހުންނާ އެއްފެންވަރުގަ އުޅެން ދަރަނިވެރިވުމަކީ ކުރެވޭ ނުރައްކާތެރިކަން ބޮޑު ފާފައެއް!

މިހާރަކަށް އައިސް ގިނަ ބައެއްގެ ދިރިއުޅުމަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ދަރަނިވެރިވަނީ ކޮންމެހެން ދަރަނިވެރިވާން ޖެހިގެނެއް ނޫނެވެ. އެހެން މީހުންނާއި އެއްފެންވަރުގައި ދިރިއުޅެންވެގެންނެވެ. އެއިގެ މާނައަކީ ދެއްކުންތެރިއެއް ކަމެވެ. ތިމާގެ ކިބައިގައި ނެތްފެންވަރެއް ހުރިކަމަށް ދައްކަން މަސައްކަތްކުރާނަމަ އެމީހަކު ހިމެނިގެންދާނީ ދެއްކުންތެރިންގެ ތެރެއިންނެވެ.

ދެއްކުންތެރިކަމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫނެވެ. މުސްލިމުން ދިރިއުޅެން އޮތީ އެމީހެއްގެ ފެންވަރުންނެވެ. އެއިގެ މާނައަކީ މަތީފެންވަރަށްދާން ނުވަތަ ތަނަވަސްކަން އިތުރުކުރަން މަސައްކަތްނުކުރުމެއް ނޫނެވެ. އެކަމަށް މަސައްކަތްކުރަންވީއެވެ. މަތީފެންވަރަށް ދިއުމުން ނުވަތަ ތަނަވަސްކަން ލިބުމުން އެފެންވަރުގައި ދިރިއުޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.

ބައެއް މީހުން ދަރައިގެންވެސް އަގުބޮޑުފޭރާންލައެވެ. ގެއަށް އަގުބޮޑު ފަރުނީޗަރުހޯދައެވެ. އަގުބޮޑު ކާރު ހޯދައެވެ. އެއީ އަވަސްޓެރިޔާ ނުވަތަ އެކުވެރިޔާ އާއި އެއްފެންވަރުގައި ތިމާވެސް އުޅެން ބޭނުންވާތީއެވެ. މިއީ ވަރަށް ނުބައި އާދައެކެވެ. ފާފަވެރިވާނެ ޢަމަލެކެވެ.

އެހެން މީހުންނާއި އެއްފެންވަރުގައި އުޅެން ދަރަނިވެރިނުވާށެވެ! އެމީހަކަށް ތަޢާލާ ދެއްވަވާ ފެންވަރުގައި އުޅެމުން ގެންދާށެވެ! ޒީނަތްތެރިކުރަންވީ ބޭރުފުށުގެ ކަންކަމެއް ނޫނެވެ. ގޭގ ފަރުނީޗަރެއްވެސް ނޫނެވެ! ލާ ފޭރާމެއްވެސް ނޫނެވެ. ޒީނަތްތެރިކުރަންވީ ތިމާގެ އަޚްލާޤެވެ! މީސްތަކުންގެ ކުރިމަތީގައި ޤަދަރު އުފުލިގެންދާނީ އެއިރުންނެވެ. ހަމައެއާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރުއުފުލިގެންދާނީ ތަޤްވާވެރިވީވަރަކުންނެވެ.

އެހެންކަމަށްވާއިރު އެހެން މީހުންނާއި އެއްފެންވަރުވާން ދަރަނިވެރިވުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ފާފަވެރިވުން ނޫން ކަމެއް ނުވާނެއެވެ. ކުޑަ ފާފައެއްވެސް ނޫނެވެ. ދެއްކުންތެރިކަމުގެ ފާފައެވެ. ދެއްކުންތެރިކަމަކީ ބޮޑާ، ކިބުވެރިންގެ ސިފައެވެ. ބޮޑާ، ކިބުރުވެރި މީހުން ސުވަރުގެ ނުވައްދަވާނެތެވެ. ވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ.

--އިސްލާމީ ތަިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން