ޙަސަދަވެރިނުވާށެވެ! އެކަކަށް ރަޙްމަތަކަށްވާ ކަންކަމަކީ އަނެކާގެ ޙަލާކަށްވެސް ވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޙަސަދަވެރިނުވާށެވެ! އެކަކަށް ރަޙްމަތަކަށްވާ ކަންކަމަކީ އަނެކާގެ ޙަލާކަށްވެސް ވެދާނެއެވެ!

މީހަކަށް ރަޙްމަތެއް މިންވަރުކުރެއްވެވުމުން ޙަސަދަވެރިނުވާންވީ އެންމެ ބޮޑު އެއް ސަބަބަކީ އެކަކަށް ރަޙްމަތަކަށްވާކަންކަން އެއީ އަނެކާއަށް ހަލާކަކަށްވެސް ވެދާނެ ކަމެވެ. އެކަން ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވެއެވެ.

އެކަކު ނަޖާވުމުގެ ސަބަބު އެއީ އަނެކަކު ހަލާކުވުމުގެ ސަބަބަކަށްވެސް ވެދާނެއެވެ!

ﷲ ގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އެއިލާހުގެ ކޮންމެ މަޚްލޫޤެއް އެއިލާހު އިރާދަކުރައްވާ ކޮންމެ ކަމަކަށް ބޭނުން ކުރެވިގެން ދެއެވެ. އެއީ އިދިކޮޅު ދެކަން ކަމުގައިވިޔަސް މެއެވެ. މޫސާ ޢަލައިހިއްސަލާމުގެ ނަޖާކުރެއްވުން ކަމުގައިވި ސަބަބުން ފެން، ވެގެންދިޔައީ ފިރްޢައުނުގެ އައުވާނުން ހަލާކު ކުރައްވާ ޣަރަޤު ކުރެއްވުމުގެ ސަބަބަށެވެ.

މޫސާ ޢަލައިހިއްސަލާމުގެ މަންމައަށް ﷲ ތަޢާލާ އިލްހާމް ކުރެއްވިއެވެ.

فَلْيُلْقِهِ الْيَمُّ بِالسَّاحِلِ (طه 39)

"މޫސާ ލައިފާވާ ފޮށި ކޯރު ތެރެއަށް އެއްލާލާށެވެ."

ފިރްޢައުނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

فَأَغْرَقْنَاهُمْ فِي الْيَمِّ (الأعراف 136)

"ފަހެ އަހުރެން، އެބައިމީހުން ކަނޑުގައި ޣަރަޤުކުރެއްވީމެވެ."

އެކަކު ނަޖާވުމުގެ ސަބަބު އެއީ އަނެކަކު ހަލާކުވުމުގެ ސަބަބަކަށްވެސް ވެދާނެއެވެ. ހުރިހާވެސް ކަމަކީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ.

ޝައިޚް މުޙައްމަދު ޝާފިޢު

ކީރިތި ޤުރްއާނުން ޝައިޚް ޝާފިޢް ދައްކަވައިދެއްވަވާފައި އެވަނީ ވަރަށް ފުރިހަމަ މިސާލެކެވެ! އެހެނީ ދެ ފަހަރު މަތިން ފެން ނުވަތަ ލޮނު ގަނޑަކީ މޫސާގެފާނަށް ސަލަމާތްކަން ލިބިވަޑައިގެންނެވި ރަޙްމަތެއް ކަމުގައި ލެއްވެވިއެވެ. ފުރަތަމަ ފަހަރަކީ މޫސާގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތުމުން ގެންދަވައި ކޯރުގެ ތެރެއަށް ދޫކޮށްލަންވަން މަންމާ ފުޅަށް އެންގެވި ހިނދެވެ! ދެވަނަ ފަހަރަކީ ފިރިއަޢުނާއި އޭނާގެ ލަޝްކަރުގެ ކިބައިން ސަލާމަތްވެވަޑައިގަތުމަށް ﷲ ގެ އަމުރުފުޅަށް ކަނޑުގެ އައްސޭރީގައި އަސާކޮޅުން ޖެއްސެވުމުން ކަނޑު ހުރަސްކުރައްވަވައި ކުރިއަށްވަޑައިގަންނަވަނެ މަގުފަހިވެގެންދިއަ ޙާދިސާއެވެ. މި ދެ ހާދިސާގައިވެސް މޫސާގެފާނަށް ﷲ ތަޢާލާ ސަލާމަތްކަން ދެއްވެވީ ފެން ނުވަތަ ލޮނުގަނޑު މެދުވެރިކުރައްވަވައެވެ.

ދެން ބަލައިލަންވީ އެ ބޮޑު ބިޔަ ބާރުގަދަ ތަނަވަސްކަން ލިބިގެން ހުރި ފިރުއަޢުނަށެވެ. ﷲ ތަޢާލާ އޭނާ ޣަރަޤު ކުރެއްވެވީ ކަނޑަށެވެ! ﷲ ތައާލާގެ އަމުރުފުޅަށް އެ ނުބައި ނުލަފާ ޖައްބާރު ފިރުއަޢުނު ޖަހައިގަނެ އޭނާގެ ނުބައިކަމުން ދުނިޔެ ސަލާމްތަކޮށްދިނީ ކަނޑެވެ. މިހާރުގެ ނަމުންނަމަ ރެޑް ސީ އެވެ.

 

މިއަދު އޮންލައިން