ރަޙްމަތުގެ ދޮރު ބަންދުކޮށްގެންހުރެ ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރިޔަސް އެކަން ވާނީ ކިހިނެއް؟: ޝައިޚް ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ރަޙްމަތުގެ ދޮރު ބަންދުކޮށްގެންހުރެ ފާފަފުއްސަވައިދެއްވެވުން އެދި ދުޢާކުރިޔަސް އެކަން ވާނީ ކިހިނެއް؟: ޝައިޚް ހޮބްލޮސް

މިތަނުގައި ތިބި އެންމެން އަހަރެންނަށް ނަފްރަތުކުރި ނަމަވެސް މިރޭ އަހަރެން ސުވާލެއް ކުރާނަމެވެ! މިތަނުގައި މިތިބަ އެންމެންގެ ތެރެއިން އެއްވެސް ކުށެއް ނުވަތަ ފާފައެއް ނުކުރެވެނީ ކާކަށް ހެއްޔެވެ؟ އެފަދަ މީހަކު މިތަނުގައި އެބައިން ހެއްޔެވެ؟ ނެތްކަން އެއީ ޔަޤީންކަމެކެވެ. ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެ މީހަކަށްވެސް ކޮންމެވެސް ފަފަތަކެއް ވާނީ ކުރެވިފައެވެ.

ވީމާ އެހެން މީހުންގެ ކުށްތަކަށް ނަފްރަތުކުރުމުގެ ބަދަލުގައި ތިމާއަށް ކުރެވިފައިވާ ކުށްތަކާއިމެދުގައިވެސް ވިސްނާށެވެ! ތިމާއަށާއި އިސްލާމް ދީނަށްވެސް އުފާވެރިކަމާއި ކުރިއެރުން ލިބޭނީ އެއިރުންނެވެ!

މީސްތަކުންނޭވެ! މިވެނި މީހަކީ ތިމާ އާއިމެދު ވަރަށް ނުބައިކޮށް ކަންކަން ކުރި މީހަކަށްވެދާނެއެވެ! ނަމަވެސް ކަންބޮޑުނުވާށެވެ! އަޅައިވެސް ނުލައި އޭނާއަށް މާފުކުރާށެވެ! މާފުކުރަންވީ އޭނާއަށްޓަކައެއް ނޫނެވެ! ﷲ ތައާލާއަށްޓަކައެވެ! އެ ނުބައި މީހާއަށް ވެސް މާފުކުރުމުން ﷲ ތަޢާލާ ދެއްވަވާނެ ރަޙްމަތަށް އެދިގެންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެން އެކަމުގެ ބޭނުމުގައެވެ.

އެކަމަށް ތިމާ ޝައުޤުވެރި ނުވާނަމަ ﷲ ތައާލާގެ ޙަޟްރަތުން ތިބާގެ ފާފަތަކަށް މާފަށް އެދޭނީ ކޮން އަސާސެއްގެ މައްޗަށް ހެއްޔެވެ؟ މިހާރު އެ ނުބައި މީހާ ފަހުން ބަދަލުވެގެންދާނީ ކިހައި މާތް، ރަނގަޅު މީހަކަށްކަން އަހަރެމެން އެކަކަށްވެސް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ޞަހާބީންގެ މެދުގައި ވެސް ޚިޔާލުތަފާތުވުން ހުއްޓެވެ! އެއް ބޭކަލަކު އަނެއް ބޭކަލަކު ހިތްޕުޅު ހަމަނުޖެހޭ ފަދަ ބަސްފުޅުތައް ވިދާޅުވެވުނެވެ. ނިކަމެތިކޮށްލެއްވެވުމުގެ ބަސްފުޅުތައް ވިދާޅުވެވުނެވެ. އެއިގެ ތެރެއިން އެއް ކަމެއް ފާހަގަކޮށްލާނަމެވެ.

ޢަބޫ ޛައްރަކީ ހުރިހާ ގޮތަކުން ކުރީގައި ހުންނެވި ބޭކަލެކެވެ. ޢަރަބިންގެ ތެރޭގައިވެސް މާތް ބޭތަލެކެވެ. ޤަދަރު އުފުލިގެންވީ ބޭކަލެކެވެ. ބިލާލުގެފާނަކީ ކަޅު ނަސްލުގެ ބަބުރެކެވެ. އަބޫބަކުރުގެފާނު ބައްލަވައިގަނެ މިނިވަންކޮށްދެއްވެވި އަޅެކެވެ.

އަބޫޛައްރަށް ބިލާލުގެފާނާއިމެދު އިހާނެތި ބަސްފުޅެއް ވިދާޅުވެވުނުކަން އެނގިވަޑައިގަތުމުން މަދީނާގެ މަގުތަކުގައި ހިންގަވައި މާފަށް އެދިވަޑައިގެންނެވިއެވެ. ބިލާލްގެފާނު އަބޫ ޛައްރުގެ ހަށިކޮޅުގައި ބޮސް ދެއްވަވައި ދީލަތިކަމާއިއެކު މާފުކުރެއްވެވިއެވެ. އަދި އެއަށްފަހު ދުވަހަކުވެސް އެކަމުގެ ވާހަކަފުޅުވެސް ނުދައްކަވަތެވެ.

ނަމަވެސް މިއަދު އަހރެމެންނަށް ކަންކަން މިކުރެވެނީ ކީއްހެއްޔެވެ؟ ކިތަންމެ ނުބައި ބަސްތަކެއް ބުނެވުނު ނަމަވެސް އަދި ކިތަންމެ ނުބައި ކަމެއް ކުރެވުނު ނަމަވެސް އެކުރެވުނީ ކުށެއް ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ މާފަށް އެދެވޭހެއްޔެވެ؟ މާފަށް އެދުނު ނަމަވެސް މާފުކުރަންވާ ގޮތުގައި މާފުކުރެވޭ ހެއްޔެވެ؟

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން