ސިކުނޑިއަށް ހަމަޖެހުން ލިބޭނެ އެންމެ ޔަޤީން ފަރުވާއަކީ އެއްވެސް މީހަކަށް ތިބާގެ މަގަށް ހުރަސް އެޅޭނެ ކަމަށް ޤަބޫލުނުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ސިކުނޑިއަށް ހަމަޖެހުން ލިބޭނެ އެންމެ ޔަޤީން ފަރުވާއަކީ އެއްވެސް މީހަކަށް ތިބާގެ މަގަށް ހުރަސް އެޅޭނެ ކަމަށް ޤަބޫލުނުކުރުން!

ކުރަން މަސައްކަތްކުރާ އެއްވެސް ކަމެއް ޙާޞިލު ނުކުރެވުމުން އެހެން އެއްވެސް މީހަކު ދެކެ ރުޅި އައުމެއް ނެތެވެ! އެހެނީ އެކަމަކީ ތިމާއަށް ދެއްވެވުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ކަމެއް ނަމަ އެކަން ހުއްޓުވޭނެ، އެކަމެއް ޙާޞިލުވުމަށް ހުރަސްއެޅޭނެ އެއްވެސް ދެވަނަ މީހަކު ނުހުންނާނެއެވެ! ހަމައެކަކުވެސް ނުހުންނާނެއެވެ!

މިއީ ކޮންމެ މުސްލިމަކަށްވެސް ޔަޤީންކުރެވޭނެ ކަމެއް ނަމަވެސް ކުރަންއުޅޭ ކަމެއް ޙާޞިލު ނުކުރެވުމުން އެކަމުގެ ބަދުނާމު އެހެން މީހުންގެ ބޮލުގައި އެޅުވޭތަން އެބަ އާދެއެވެ. އެހެން މީހުން ކުށްވެރިވެސް އެބަ ކުރެއެވެ. އެފަދަ ކަންކަމުގެ ސަބަބުން ޢާއިލާ ތެރޭގައި ފިތުނަތައްވެސް އެބަ އުފެދެއެވެ. ގާތް އެކުވެރިންނާއި ދުރުވާންވެސް އެބަޖެހެއެވެ. މިއީ ވަރަށް ހިތާމަކުރަންޖެހޭ ކަންކަމެވެ.

ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ތަޤްވާވެރިކަން ކުރިއަށް ނެރޭށެވެ! އީމާންކަމުގައި ސާބިތުވާށެވެ! ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެކަމަކަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ޔަޤީންކުރާށެވެ! އެއިރުން ހުރިހާ ނުތަނަވަސްކަމެއްވެސް ފިލައިގެންދާނެއެވެ. އިން ޝާ ﷲ

ޙާޞިލުކުރަން ބޭނުން އެއްވެސް ކަމެއް ޙާޞިލު ނުކުރެވިގެން ކަންބޮޑުވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެހެނީ ކަމަކަށް ބޭނުންވުމުން އަހަރެމެންނަށް އޮތީ އެކަމަކަށް އެދިގެން މަސައްކަތްކުރުމެވެ. އެކަމެއް ޙާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ކުރެވިފައިވާނަމަ އަހަރެމެންގެ މަސްއޫލިއްޔަތު އެވަނީ ފުރިހައަށް އަދާކުރެވިފައެވެ. އެމީހަކު އެދޭ ގޮތަށް އެކަމެއް ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އަހަރެމެންނަކަށް އެއްވެސް ބާރެއް ނުއޮވެއެވެ.

ކުރެވޭނެ ހަމައެކަނި ކަމަކީ ދުޢާކުރުމެވެ. ހަމައެކަނި ދުޢާކޮށްގެން ނުފުދޭނެއެވެ. ހެޔޮ ޢަމަލުތައްކުރުން ގިނަކުރަންވާނެއެވެ. ދުޢާކުރުން އޮތީ ހެޔޮ ޢަމަލުތައްކުރުން ގިނަކުރަމުންނެވެ. ދުޢާކުރަންވީ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމާއިއެކުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން