ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިއާގަ ޚިޔާލުހޯދަން އުޅުނީމަ ޚިޔާލުދޭނީ ޝައިޠޯނާ!: ޝައިޚް ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިއާގަ ޚިޔާލުހޯދަން އުޅުނީމަ ޚިޔާލުދޭނީ ޝައިޠޯނާ!: ޝައިޚް ހޮބްލޮސް

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. ޚިޔާލުތަފާތުވުން ހުންނާނެއެވެ. މައްސަލަތައް ޙައްލުކޮށްގެން އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! މައްސަލައެއް ޖެހޭ ކޮންމެފަހަރަކު އައު އަނބެއް ނުވަތަ އައު ފިރިއެއް ހޯދުމުގެ ވިސްނުން ނުގެންގުޅޭށެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރާނެ ގޮތް އިސްލާމްދީނުގައި ވަނީ ބަޔާންވެގެންނެވެ. އެގޮތުން ފުރަތަމަ ދެމަފިރިން މަޝްވަރާކުރާނީއެވެ. އެގޮތުންވެސް ޙައްލު ނުވިނަމަ ދެން އިތުބާރުކުރެވޭ ރަޙްމަތްތެރިންގެ ލަފާހޯދާނީއެވެ. ޢިލްމުވެރިންގެ ލަފާހޯދާނީއެވެ. ސޯޝަލް މީޑިއާގައި ލިޔެގެން ތިމާއަށް އެއީ ކާކުކަންވެސް ނުއެނގޭ މީޙުންގެ ލަފާ ހޯދާކަށް އިސްލާމް ދީނަކު ނެތެވެ!

މައްސަލަ ޙައްލުކުރަން މަސައްކަތްކުރުމުން ވެސް ޙައްލު ކުރެވޭނެ މަގެއް ނުފެނި އެ މައްސަލައަކީ ޙައްލު ނުކުރެވޭވަރުގެ މައްސަލައަކަށްވެއްޖެނަމަ ދެމަފިރިން ރިވެތި ގޮތުގައި މަޝްވަރާކޮށް ވަކިވުމަކީ އެކަންކުރަން އޮތްގޮތެވެ. ނަމަވެސް އެފަދަ ޙާލުގައިވެސް އެކަކު އަނެކަކު ފަޟީޙަތްކުރަން ނުހަދާށެވެ! ކޮންމެހެން ބުނަން ޖެހޭ މީހެއްގެ ގާތުގައި ނޫނީ އެފަދަ ވާހަކަތައް ނުދައްކާށެވެ!

ދެމަފިރިއެއްގެ މެދުގައި މައްސަލައެއް ޖެހުނު ނަމަވެސް އަމަލުކުރަންވީ ގޮތުގެ ޚިޔާލަށް އެދި ސޯޝަލް މީޑިއާގައި ހާމަކުރުމަކީ މިހާރަކަށް އައިސް ވަރަށް ގިނަ ބައަކު ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް އެގޮތަށް ޚިޔާލަށް އެހުމުން ޚިޔާލުދޭނީ ޝައިޠޯނާއެވެ! ނަތީޖާއަކަށްވާނީ އެކަމެއް ޙައްލުނުވެ ގޯހުންގޯހަށް ކަންކަން ދިއުމެވެ.

ޝައިޠޯނާ އަބަދުވެސް ހުންނާނީ ކޮންމެ ދެމަފިރިއަކުވެސް ދުރުކުރާނެ ފުރުޞަތަކަށް ބަލަބަލައެވެ. އެކަމަށް ކުރާނެ ކަމަކަށް ވިސްނަވިސްނައެވެ. އެއްވެސް ދެމަފިރިއެއްގެ މެދުގައި އުފެދޭ މައްސަލއެއް ހައްލުވެ ދެމަފިރުން ޞުލްޙަވުމަކީ ޝައިޠޯނާ އެންމެ ފަހަރަކުވެސް އެދޭނެ ކަމެއް ނޫނެވެ. ޝައިޠޯނާ އެންމެ އުފާކުރާ އެއްކަމަކީ ދެމަފިރިންގެ މެދުގައި ފިތުނަވެރިކަން އުފެދި ވަރިވުމެވެ.

ކޮންމެވެސް މީހަކު ފޭސްބުކްގައި ކޮށްފައި އޮތް މިފަދަ ޕޯސްޓޭއް ދާދިފަހުން އަހަރެންގެ އަނބިމީހާ ދެއްކިއެވެ. ސުބްހާނަﷲ! އެންމެންހެން ބުނެފައިވަނީ އަވަހަށް ކައިވެނި ރޫޅާލައި ދެމަފިރިން ދުރުވުމަށެވެ! ބައެއް މީހުން ފިރިމީހާ އެއީ މަރްންޖެހިފައިވާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން