އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: އިންސާނުންގެ މެދުގައި އެންމެ ފުރަތަމަ ހިނގި ލޭ އޮހޮރުވުން

ކިޔުމަށް ހޭދަވާނީ 10މ 34ސ
އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: އިންސާނުންގެ މެދުގައި އެންމެ ފުރަތަމަ ހިނގި ލޭ އޮހޮރުވުން

ޢަލީ އިޙްޞާން ފިރާޤް

 

އާދަމުގެފާނުގެ ދެދަރިކަލުންގެ ވާހަކަ:  

آدم عليه السّلام ޙައްވާގެފާނުގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ފާހަގަކޮށްލެވޭކަމަކީ، އެކަލޭގެފާނުގެ ދެ ދަރިކަލުންގެ ދެމެދުގައި ހިނގައި ދިޔަ ފިތުނަވެރިކަމެވެ. އެކަމުގެ ތެރޭގައި އެތަނުން އެއްބޭފުޅަކު އަނެއް ބޭފުޅަކު ޤަތުލުކުރެއްވުމެވެ. މިވާހަކައިގެ ތަފްސީލު ކީރިތި ޤުރްއާނުގެ މާއިދާ ސޫރަތުގައި ވަރަށް ތަފްސީލުގޮތެއްގައި ބަޔާންކުރައްވައިފައިވެއެވެ، އެ ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖقَالَ إِنَّمَا يَتَقَبَّلُ اللَّـهُ مِنَ الْمُتَّقِينَ ﴿٢٧

މާނައީ: "آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ."

ޢަބްދު ބިން މަސްޢޫދު ރަޟިޔަ ޢަންހާއި، ޢަބްދު ބިން ޢައްބާސް ރަޟިޔަ ޢަންހު ވިދާޅުވެފައިވެއެވެ. آدم عليه السّلام އަށް ޤާބީލާއި ހާބީލު ލިބިވަޑައިގެންފުމަށްދާންދެން، ކާވެނިކޮށްދެއްވަމުން ގެންދެވީ، އެއް ބަނޑުފުޅުގެ ފިރިހެން ބޭފުޅަކާއި، އަނެއް ބަނޑުފުޅުގެ އަންހެން ބޭފުޅެކެވެ. ޤާބީލަކީ، ދަނޑުވެރިއެކެވެ. ހާބީލަކީ، ބަކަރިގޮތްވެކެވެ. އެ ދެ ބޭފުޅުންކުރެ ދޮށީ ޤާބީލެވެ. ޤާބީލުގެ އެއްމާބަނޑު އުޚުތަކީ، ހާބީލުގެ އެއްމާބަނޑު އުޚުތަށްވުރެ ބުރުސޫރަ ރިވެތި އަންހެން ބޭފުޅެކެވެ. ހަމަޖެހިފައިވާ އުޞޫލުގެ މަތިން، ޤާބީލުގެ އުޚުތާ ކާވެނި ކުރެއްވުމަށް، ހާބީލު އެދިވަޑައިގަތެވެ. އެހިނދު، ޤާބީލު އެކަމާ ދެކޮޅުހެއްދެވިއެވެ. އަދި ވިދާޅުވިއެވެ.

"މިއީ ތިމަންގެ އުޚުތެވެ. އެކަމަނާ އަކީ، ތިމަންނައާއެކު އުފަންވި އުޚުތެކެވެ. ތިބާގެ އުޚުތަށްވުރެ އެކަމަނާގެ ބުރުސޫރަ ރީތިވެފައި ފުރިހަމައެވެ. އެކަމަނާއާ ކާވެނިކުރުން ޙައްޤުކަން ބޮޑީ ތިމަންނާ އެވެ." 

ހަމަޖެހިފައިވާ އުޞޫލުގެމަތިން، ޤާބީލުގެ އެއްމާބަނޑު އުޚުތާ، ހާބީލު ކާވެނިކުރެއްވުމަށް آدم عليه السّلام އެންގެވިއެވެ. ނަމަވެސް ޤާބީލު އެކަމާމެދު ދެކޮޅު ހެދިއެވެ. ދެން آدم عليه السّلام އެންގެވިއެވެ. "ދެ ދަރިކަލުން މާތްގެ ޙަޟުރަތަށް ޤުރުބާނެއް ކުރާށެވެ! އެ ދަރިކަނބަލުންނާ ކާވެނިކުރުން ޙައްޤުކަން ބޮޑީ، އެކަލާނގެ އެ ދަރިކަލެއްގެ ޤުރުބާން ޤަބޫލުފުޅުކުރައްވައިފި ދަރިކަލެކެވެ." 

ދެން އާދަމުގެފާނު އެ ދެ ދަރިކަލުންނާއި ދުރަށް މައްކާއަށް ޙައްޖަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދެދަރިކަލުންގެ މައްސަލަ މާތްއަށް ވަކީލުކުރައްވާފައެވެ. آدم عليه السّلام މައްކާއަށް ޙައްޖަށް ވަޑައިގަތުމުން، ޤާބީލާއި ހާބީލު، މާތް ގެ ޙަޟުރަތަށް ޤުރުބާން ހުށައެޅުއްވިއެވެ. ޤާބީލު ހުށަހެޅުއްވީ ހުއިބޮނޑިއެކެވެ. ހާބީލު ހުށަހެޅުއްވީ މަސްފަލަ ސަމައްތަރު ހެޔޮ ބަކަރިއެކެވެ. ދެން އުޑުން ފޭބި އަލިފާނެއް އައިސް ހާބީލުގެ ޤުރުބާން އަންދާލިއެވެ. އެ ގޮތުގެމަތިން، މާތް ޤަބޫލުފުޅުކުރެއްވީ، ހާބީލުގެ ޤުރުބާންކަން ބަޔާންވެގެން ދިޔައެވެ. ޤާބީލު އެކަމާމެދު ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. "އަހަރެންގެ އުޚުތާ ތިބާ ކާވެނިކުރުން މަނާކުރެއްވުމަށްޓަކައި، އަހަރެން ކަލޭ ޤަތުލުކުރާނަމެވެ." ހާބީލު ވިދާޅުވިއެވެ. މާތް ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިންނެވެ." {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު} 

ދެން ކަންތައް ހިނގައިދިޔަގޮތް ބަޔާން ކުރައްވައި މާއިދާ ސޫރަތުގެ 28 ވަނަ އާޔަތާއި 29 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّـهَ رَبَّ الْعَالَمِينَ ﴿٢٨﴾ إِنِّي أُرِيدُ أَن تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ ﴿٢٩

މާނައީ: "ހަމަކަށަވަރުން، ތިމަން قتل ކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ قتل ކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، عالم ތަކުގެވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ. ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (اللَّه ގެ حضرة އަށް) ކަލޭ رجوع ވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ." 

އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ޢަބްދު ބިން ޢަމްރޫ ރަޟިޔަ ޢަންހުގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އާދަމުގެފާނުގެ ދެދަރިކަލުންގެ ތެރެއިން އެންމެ ގަދަފަދައީ މަޤުތޫލުއެވެ. މަރައިލެވުނު ފަރާތެވެ. (އެބަހީ: ހާބީލެވެ.) ނަމަވެސް ހާބީލު އެކަލޭގެފާނުގެ އަޚު ޤާބީލު ޤަތުލުކުރުމަށް ހުރަސްއެޅީ އެކަލޭގެފާނު މާތް ދެކެ ބިރުފުޅުގެންވަޑައިގަންނަވާތީއެވެ.

އަމީރުލް މުއުމިނީން ޢުޘްމާނު ބިން ޢައްފާން ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ފަހުކޮޅުގައި ވަރަށް ބޮޑު ފިނުތަވެރިކަމެއް އުފެދުނެވެ. އެދުވަސްވަރު  ސަޢުދު ބިން އަބީވައްޤާޞް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ محمّد صلّى اللّـه عليه وسلّم ޙަދީޘްކުރެއްވި ކަމަށް އަހަރެން ހެކިދެމެވެ.

"‏ إِنَّهَا سَتَكُونُ فِتْنَةٌ الْقَاعِدُ فِيهَا خَيْرٌ مِنَ الْقَائِمِ وَالْقَائِمُ خَيْرٌ مِنَ الْمَاشِي وَالْمَاشِي خَيْرٌ مِنَ السَّاعِي‏.‏ قَالَ أَفَرَأَيْتَ إِنْ دَخَلَ عَلَىَّ بَيْتِي وَبَسَطَ يَدَهُ إِلَىَّ لِيَقْتُلَنِي‏.‏ قَالَ ‏"‏ كُنْ كَابْنِ آدَمَ ‏"‏ {الترمذي، سنن الترمذي، كتاب الفتن عن رسول الله صلى الله عليه وسلم، باب مَا جَاءَ تَكُونُ فِتْنَةٌ الْقَاعِدُ فِيهَا خَيْرٌ مِنَ الْقَائِمِ، ޙަދީޘް ނަންބަރު 2194}

މާނައީ: ހަމަކަށަވަރުން އަންނަންއޮތްތާނގައި ވަރަށް ބޮޑު ފިތުނައެއް އުފެދޭނެއެވެ. އެދުވަސްވަރު އިށީންދެއިންނަމީހާއީ ކޮޅަށް ހުންނަ މީހާއަށްވުރެ ހެޔޮކަންބޮޑު މީހެކެވެ. ކޮޅަށް ހުންނަ މީހާއަކީ ހިނގާމީހާއަށްވުރެ ރަނގަޅު މީހެކެވެ. ހިނގާމީހާއަކީ އެއްތަނުން އަނެއްތަނަށް ބޭނުންތަކުގައި ގޮސްއުޅޭ މީހާއަށްވުރެ ރަނގަޅުމީހެކެވެ. ސަޢުދުގެފާނު ދެންނެވިއެވެ. އެފިތުނައިގެ ތެރޭގައި މީހަކު އަޅުގަނޑުގެ ގެއަށްވަދެ އަޅުގަނޑު ޤަތުލު ކުރުމަށް އުޅެފިނަމަ ދެން އަޅުގަނޑު ކަންކުރާނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. [އާދަމުގެފާނުގެ ދަރިކަލުން ފަދައިން (އެބަހީ: ހާބީލުފަދައިން) ކަލޭގެފާނު އަމަލުކުރައްވާށެވެ.] 

ޖަމަލު ހަނގުރާމައިގެ ދުވަހު މުޙައްމަދު ބިން ޠަލްޙަތު ވަޑައިގެން ޢާއިޝަތުގެފާނުގެ ޖަމަލުގެ ލަގަނުގައި ހިއްޕަވައި ވިދާޅުވިއެވެ. [އޭ މަންމާފުޅާއެވެ. މަންމާފުޅު އަޅުގަނޑަށް އަމުރު ކުރައްވާނީ ކޮންކަމަކަށް ތޯއެވެ؟] އުއްމުލް މުއުމިނީން ވިދާޅުވިއެވެ. [އާދަމުގެފާނުގެ ދެދަރިކަލުންގެ ތެރެއިން އެންމެ ރަނގަޅު ކުއްޖާ ފަދައިން ވާށެވެ.] މުރާދަކީ ހަނގުރާމަ ކުރުމުން ދުރުވެގެންނާށެވެ. 

އިބްނު ޖަރީރު އައްޠަބަރީ ރަޙިމަހު، ވިދާޅުވެފައިވާ ކަމަށް އަލްޙާފިޡް އިބްނު ކަޘީރު ރަޙިމަހު އޭނާގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. ޤާބިލު އޭނާގެ އަޚް ހާބީލު ޤަތުލުކުރުމަށްޓަކައި އޭނާގެ ކަރުގައި ހިފައިގެން އުޅުނެވެ. އެތަން ޝައިޠާނާ ދެކެގެން ޖަނަވާރެއް ހިފައިގެން އައިސް ހިލައެއްގެ މަތީގައި ބާއްވައި، އޭގެ ބޮލުގައި ހިލަޔަކުން ޖަހައި މަރައިލައިފިއެވެ. އެތަން ޤާބީލު ދެކެގެން އޭނާވެސް އޭނާގެ އަޚް ހާބީލު ޤަތުލުކުރީ އެހެންނެވެ. ހިލައެއްގެ މަތީގައި ބާއްވައި ހިލަޔަކުން ޖަހައިގެންނެވެ. {އިބްނު ކަޘީރު، ތަފްސީރު، ތިންވަނަ ޖިލްދު ޞަފްޙާ 154}

މިއަދު އޮންލައިން