ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނީ ޒުވާން ކަމުގައި ކަމަށެވެ. އަދި މީސްތަކުން ސުވަރުގެ ވައްދަވާނީ އެއްވެސް ނުކުޅެދުންތެރިކަމެއް ނެތިއެވެ. އެންމެ ފުރިހަމަ ޒުވާންކަމުގައެވެ.
އަދި ކީއްހެއްޔެވެ؟ ކައިވެނިކޮށްގެން ކިތަންމެ ގިނަ ދުވަހު ދުނިޔޭގައި އުޅެފައިވީނަމަވެސް އަދި ކިތަންމެ ގިނަ ދަރިން ވިހާފައިވީނަމަވެސް ކޮންމެ އަންހެނަކުވެސް ސުވަރުގެ ވައްދަވާނީ ވެސް ބިކުރުވެރި އަންހެނެއްގެ ގޮތުގައެވެ. ބިކުރުވެރިކަންމަތީގައެވެ.
ވީމާ މުސްކުޅިއެއް ކަމަށް ބުނެ ބަސްތައް އިއްވި ނަމަވެސް ދެރަވުމެއް ނެތެވެ! ދެރަވާންޖެހުން އޮތީ ސުވަރުގެ ނުލިބިއްޖެ ނަމައެވެ. އަބަދުވެސް ބުނާފަދައިން ގަދައަޅައި މަސައްކަތްކުރަންވީ ސުވަރުގެ ވައްދަވާނެ އަޅަކުކަމުގައިވުމަށެވެ. އެއިރުން ޒުވާން ކަމާއި ހުރިހާ ނިޢްމަތްތަކެއްވެސް ލިބިގެންދާނެއެވެ!
"މިހިރަ ބޮޑު މުސްކުޅިޔާ! މިހިރަ މުސްކުޅި ފިރިހެނާ! މިހިރަ މުސްކުޅި އަންހެނާ!" މިއީ ހަމަ އިވޭ އަޑުތަކެވެ. ރުޅި އައުމުން މުސްކުޅިން ދެރަކޮށްލަން ބުނެ އުޅޭ ބަސްތަކެވެ! އަދި މީހުންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަން (ސިފަތައް/ އުނިކަންކަން) ފާހަގަކޮށް ވެސް ބަސްތައް ބުނެއުޅެއެވެ.
ނަމަވެސް ކިތަންމެ މުސްކުޅި ޙާލުގައި ދުނިޔޭގައި އުޅެން ޖެހުނު ނަމަވެސް، އަދި އެކަމާ ކިތަންމެ ވަރަކަށް ފުރައްސާރަކުރި ނަމަވެސް އަދި ކިތަންމެ ބޮޑު ނުކުޅެދުންތެރިކަމަކާއިއެކު ދުނިޔޭގައި އުޅެން ޖެހުނު ނަމަވެސް އެއީ އެއްވެސް ވަރަކަށް ދެރަވާން ޖެހޭނެ ކަމެއް ނޫންކަން ޞަޙީޙް ޙަދީޘްފުޅުން އެއޮތީ ފެންނާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން