ވިހެއުމުގެ ކަންކަން ފަސޭހަވުން އެދިގެންނާ ދަރިފުޅަށް ތަޤްވާވެރިކަން ދެއްވެވުން އެދި ބަލިވެއިނީންސުރެ ދަމުނަމާދުކޮށް ދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ވިހެއުމުގެ ކަންކަން ފަސޭހަވުން އެދިގެންނާ ދަރިފުޅަށް ތަޤްވާވެރިކަން ދެއްވެވުން އެދި ބަލިވެއިނީންސުރެ ދަމުނަމާދުކޮށް ދުޢާކުރާށެވެ!

އަންހެނުން މާބަނޑު ދުވަސްވަރު ދަމުނަމާދުކުރާނަމަ ލިބޭ ދަރިންނަކީ ތަޤްވާވެރިނަކްމުގައި ވެއެވެ. އަދި ދަމުނަމާދުކުރުމަކީ ލިބިފައި ތިބި ދަރިންގެ ތަޤްވާވެރިކަން އިތުރުވެ، ހިތް އަލިވެ ދަރިންނަށް ކުރިއެރުން ލިއްބައިދޭ ކަމެކެވެ. މިހެން މިބުނީ މީސްތަކުންނާއި ކުރެވިފައިވާ މުޢާމަލާތުތަކުން މިކަންކަން އެނގި ކަށަވަރުވެފައިވާތީއެވެ. އަހަރެންނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެއެވެ.    

ދަރިން ދެކެ ހުރިހާ މައިންބަފައިންވެސް ލޯބިވާނެއެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ދަރިންނަށްޓަކައި ހެޔޮދުޢާކުރަން ފެށެނީ ދަރިފުޅު ބަސްނުއެހުމުންނެވެ! ނުވަތަ އިމްތިޙާނުން ފޭލްވުމުންނެވެ! ނުވަތަ ދަރިފުޅުގެ ކިބައިން ކޮންމެވެސް މައްސލައެއް ފެނުމުންނެވެ. އެއީ އެއްގޮތަކަށް ވެސް އެގޮތަށް ކުރަން އޮތްކަމެއް ނޫނެވެ!   

ދަރިންނަށްޓަކައި ދުޢާކުރުމަކީ ހަމައެކަނި މައިން ކުރާ ކަމަކަށް ހަދައިގެންވެސް ނުވާނެއެވެ! އެހެނީ ބައްޕައަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ! އިން ޝާ ﷲ  

މިކަންކަމަކީ ޝައްކުކުރަންޖެހޭ ވެސް ކަންކަމެއް ނޫނެވެ. މަންމަ ޢާއި ބައްޕަގެ ދެއަތް އުފުލައި ދަރިންނަށްޓަކައި ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. ވީއިރު ރޭގަނޑުގެ އަރާމު ނިދި ދޫކޮށްލައި ހޭލައި އިނދެ ﷲ ތަޢާލާއަށް އެމީހަކު ދަންނަވާ ކަންކަން އިޖާބަ ކުރައްވަވާނެ ކަމާއިމެދު ޝައްކުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ތަޤްވާވެރި ކޮންމެ މައަކީވެސް އެމީހެއްގެ ކުރިއެރުމަށްވުރެ ދަރިންގެ ކުރިއެރުމަށް އެދޭނޭ މީހެކެވެ. އެފަދަ މައިންގެ ދުޢާގައި އެމީހުންގެ އަމިއްލަ ކަންކަމަށްވުރެ ބޮޑަށް އެދޭނީ ދަރިންގެ ކުރިއެރުމާއި ކާމިޔާބީއަށެވެ.  

"އަހަރެންގެ ހުރީ އެންމެ އަންހެން ދަރިއެކެވެ. އެދަރިފުޅުގެ އެންމެ ބޮޑު އުންމީދަކީ ޑޮކްޓަރަކަށްވުމެވެ. ނަމަވެސް ކޮލެޖުން އޭނާއަށް މާކްސް ލިބިފައިވަނީ މެދުމިނަކަށެވެ. މެދުމިނަކަށް މާކްސް ލިބުމަކީ ޑޮކްޓަރުކަން ކިޔަވަން ސީޓް ލިބުމަށް ވަރަށް ގިނަ ހުރަސްތައް އެޅޭ ކަމެކެވެ. އެހެންކަމާއިއެކުވެސް މެޑިކަލް ކޮލެޖަށް ވަނުމަށްޓަކައި އިތުރު އިމްތިޙާނެއް ހެދުމުގެ ފުރުޞަތު ދަރިފުޅަށް ދެއްވެވުން އެދި އަހަރެމެން ދެމަފިރިން އެކުގައި ދުޢާކުރަމުން ގެންދިއައިމެވެ. ފުރުޞަތު ލިބުނެވެ! އެ ފުރުޞަތު ލިބުނީންސުރެ އަހަރެމެން ކޮންމެ ރެއަކު ތެދުވެ ދަމުނަމާދުކުރީމެވެ. އަދި ދަރިފުޅަށްޓައި ދުޢާކުރީމެވެ. އެކުއެކުގައި ތިބެގެންނެވެ.  

ނަތީޖާ ފެނިގެން އައީ ހައިރާންވާން ޖެހޭ ފަދަ ގޮތަކަށެވެ. އެފަހަރުގެ އިމްތިހާނުގައި ދަރިފުޅު ފާސްވީ ކުރިން އޭނާއަށްވުރެ މާމަތިން މާކްސް ހޯދި ކުދިންނަށްވުރެވެސް މާމަތިންނެވެ." 

މިފަދަ އެތައް ވާހަކަތަކެއް ވަނީ އަޑުއިވިފައެވެ. ތަޖުރިބާކުރި މީހުންގެ ކިބައިންނެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކަންކަމާއިމެދު މީހުން ވިސްނާމިންވަރު ކުޑަކަމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ކުރެވޭ މިންވަރު ކުޑަކަމެވެ. އިމްތިހާނު ކައިރިވީމާވެސް ކޮންމެވެސް ޓީޗަރަކަށް ބަރޯސާވެ ޓިޔުޝަން ފީއަށް ގިނަ އަދަދެއްގެ ފައިސާ ދިނުމުން ހުރިހާ ކަމެއް ޙައްލުކުރެވުނީ ކަމަށް ޤަބޫލުކުރެވޭތީއެވެ.  

މި ވިސްނުން ބަދަލުކުރާށެވެ! ކުރަންޖެހޭ މަސައްކަތްތައް ކުރަންޖެހޭނެއެވެ. މަސައްކަތް ކުރުމާއިއެކުވެސް ގޮތް ބަލަން ނަމަވެސް ނިކަން ދަމުނަމާދުކޮށް  ދަރިންނަށްޓަކައި ހެޔޮ ދުޢާކޮށްބަލާށެވެ! ﷲ ތަޢާލާގެ ވާގިފުޅާއިއެކު ނަތީޖާ ފެންނާނެކަން ޔަޤީންކުރާށެވެ.  

ބަލިވެ އިނދެ ވިހެއުމަކީ އަންހެނުންނަށް ކުރަންޖެހޭ ވަރަށް ބޮޑު ހަނގުރާމައެކެވެ. ވަރަށް ނުރައްކައުތެރި ހަނގުރާމައެއްވެސް މެއެވެ. ކޮންމެ މައަކުވެސް އެހަނގުރާމަކުރަނީ ފުރާނަ އަތްމައްޗަށް ލައިގެން އިންނަ ޙާލުގައެވެ. ވީމާ ބަލިވެ އިނދެ ހޭދަކުރާ މުއްދަތުގައާއި ވިހެއުމުގައި ކަންކަން ލުއިކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. އެކަމުގެ ހެޔޮ ނަތީޖާ ފެންނާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން