އާޚިރަތް ދުވަހާމެދު ވިސްނާ ކޮންމެ މީހަކަށް މިއީ އަގުހުރި ވާހަކަކޮޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
އާޚިރަތް ދުވަހާމެދު ވިސްނާ ކޮންމެ މީހަކަށް މިއީ އަގުހުރި ވާހަކަކޮޅެއް!

ފައިމަގުގައި ހިނގާފައި ކުރަންފެށި ދަތުރުތައް ޖަނަވާރުގެ ބުރަކަށިމަތިން ގޮސް އަމިއްލަ ޖެޓްތަކަށް ބަދަލުވެއްޖެއެވެ. އެމެރިކާގަ ހެނދުނު ހުންނަ މީހާ މެންދުރުކާލަން ޔޫރަޕަށް އައިސް ޔޫރަޕްގެ ރެސްޓޯރަންޓްތަކުން ކައިލުމަކީ މިހާރު އެއްވެސް ބުރަކަމެއް ނޫނެވެ.

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ، ﷲ ތަޢާލާ ހުރިހާ ގޮތަކުން އެންމެ މަތިވެރި ކުރައްވަވައި އެންމެ މާތް ކުރެއްވެވި އިންސާނަކީ ކާކު ހެއްޔެވެ؟ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ދެއްވަވާނެ އިންސާނަކީ ކާކުހެއްޔެވެ؟ މިފަދަ ހުރިހާ ސުވާލުތަކެއްގެ ޖަވާބަކީ އަހަރެމެންގެ ލޮބުވެތި ރަސޫލް މުޙައްމަދު (ﷺ) އެވެ. 

ނަމަވެސް އެފަދަ މަތިވެރި ޞާޙިބާ ދުނިޔޭގައި އުޅުއްވެވި ޙާލުކޮޅަށް ވިސްނާށެވެ! ދިރިއުޅުއްވެވި ގަނޑުވަރުކޮޅުގެ ހާލަތަށް ވިސްނާށެވެ! އަވަހާރަފުޅު ލެއްޕެވި ތަންމަތިކޮޅުގެ ޙާލަތަށް ވިސްނައިލަބަލާށެވެ! ދަތުރުފުޅު ކުރައްވަވައި އުޅުއްވެވި ޙާލުކޮޅަށް ވިސްނާށެވެ! ދަތުރުފަތުރުކުރައްވަވައި އުޅުއްވެވި ޙާލުކޮޅަށް ވިސްނާށެވެ! ފަރިއްކުޅުއްވަވައި އުޅުއްވެވި ތަކެއްޗަށާއި މިންވަރަށް ވިސްނާށެވެ! 

މިބަޔާންކުރި ޙާލަތަށް ވިސްނުމަށްފަހު މީސްތަކުން މިއަދު ދިރުއުޅެމުން މިގެންދާ ފެންވަރަށް ވިސްނާށެވެ! ދަތުކުރާ ފެންވާރަށާއި ދިރިއުޅޭ ގޮތަކުގެ ފެންވަރަށާއި ކައިބޮއި ހަދާތަކެތީގެ ފެންވަރަށް ވިސްނާށެވެ! ހަމައެކަނި ދަތުރުކުރުމަށް ބަލައިލި ނަމަވެސް ރަސޫލް (ﷺ) އަށް ޖަމަލާއި ޙިމާރު ފަދަ ޖަނަވާރުތަކެވެ. މިއަދު އަމިއްލަ ޖެޓުގައި އުދުހެނީއެވެ. ދުއްވަނީ އެހައި އަގުބޮޑު ކާރެވެ! 

މިފަދަ ކަންކަމުން ޙާޞިލުކުރަން ޖެހޭ ޢިބްރަތަކީ ދުނިޔަވީ ގޮތުން ލިބޭ ތަނަވަސްކަމާއި ފުރިހަމަ ދިރިއުޅުމުގެ ބޭނުން އާޚިރަތަށްޓަކައި ނުހިފައިފިނަމަ އެމީހަކަށް އާޚިރަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމެވެ. ހުރިހާވެސް މަތިވެރިކަމެއް ލިބުންވަނީ އެމީހާގެ އީމާންތެރިކަމާ ތަޤްވާވެރިކަމާ ކުރާ ހެޔޮ ޢަމަލުތަކުން ކަމެވެ. ވީމާ ދުނިޔެ އެދިގެން ހަޔާތް ވޭތިކުރަމުން ގެންދާ މީހުން މިފަދަ ކަންކަމަށް ވިސްނާށެވެ! 

ދުނިޔޭގެ ނިޢްމަތްތަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ! ހުރިހާ ފައިދާއެއްވެސް ލިބެން އޮތީ އާޚިރަތް ހޯދަން މަސައްކަތްކުރެވިއްޖެ ނަމައެވެ. އަދިވެސް އިތުރަށް ވިސްނައިލާށެވެ! ދުނިޔޭގެ ދިރިއުޅުން ކިތަންމެ ފުރިހަމަ ނަމަވެސް އެއީ ތިމާ ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ސަބެއް ނޫންކަން މިވާހަކަކޮޅުން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެން އެބަދެއެވެ. ހަމަ އެއާއިއެކު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބުން ވަނީ މީހާގެ ތަޤްވާވެރިކަމާއި ހެޔޮ ޢަމަލުތައް ކުރި މިންވަރަކުންކަންވެސް އެނގިގެން އެބަދެއެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން